ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސަޢޫދީ ޢަރަބިއްޔާއަށް ކުރައްވާ ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގެންފިއެވެ. އެމަނިކުފާނު ފުރާވަޑައުގަތީ މިއަދު ހަވީރުއެވެ.
ރައީސް އޮފީހުން ހާމަކުރައްވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލްސަޢުދާއި، އެ ޤައުމުގެ ސީނިއަރ މިނިސްޓަރުންނާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން، ރާއްޖޭގައި އިންވެސްޓް ކުރުމަށް ހުރި ފުރުޞަތުތަކާއި، ޢުމްރާނީ ތަރައްޤީއާއި، ރާއްޖެއާއި ސަޢޫދީ ޢަރަބިއްޔާއާ ދެޤައުމަށް ފައިދާ ހުރި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހި ކުރުމާ ބެހޭ ގޮތުން މި ބައްދަލުކުރެއްވުންތަކުގައި މަޝްވަރާ ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ހާމަކުރައްވަ އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޑޮކްޓަރ މުޙަންމަދު ޢާޞިމާއި، މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް މުޙަންމަދު ސަޢީދާއި، މިނިސްޓަރ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ ޑޮކްޓަރ މުޙަންމަދު ޝައިނީއާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ އޮފް ސްޓޭޓް، ފޮރިން ރިލޭޝަންސް މުޙަންމަދު ނަޞީރާއި، ސަޢޫދީ ޢަރަބިއްޔާއަށް ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޢަބްދުﷲ ޙަމީދު، މި ދަތުރުފުޅުގައި ބައިވެރިވެވަޑައިގަންނަވައެވެ.