ކެނަބިސް ޓްރެފިކް ކުރި މީހަކު ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލައިފި

ކެނަބިސް ޓްރެފިކް ކުރުމުގެ ކުށް ސާބިތުވި މީހަކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށްލުމަށް ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުން ޙުކުމްކޮށްފިއެވެ.

ކެނަބިސް ޓްރެފިކްކުރުމުގެ ކުށް ސާބިތުވުމާއި ގުޅިގެން ޙުކުމްކޮށްފައިވަނީ ވ. ފެލިދޫ، ބޮޑުކުންނާރުގެ، ޖަމީލް ޢަލީ (20އ) ގެ މައްޗަށެވެ.

ދަޢުލަތުން ޖަމީލް ޢަލީގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ 2015 ޖޫން 9 ވަނަ ދުވަހުގެ 10:50 ހާއިރު ވ. ފެލިދޫ ޕޮލިސް ސްޓޭޝަނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނުގައި އޭނާ ގެންގުޅުނު ކޮތަޅެއްގެ ތެރޭގައި އޮތް ރިހާކުރު ފުޅިއެއްގެ ތެރެއިން މަސްތުވާތަކެތި ފެނިފައިވާ މައްސަލައާއި ގުޅިގެންނެވެ.

ދަޢުވާ ބެލުމަށްފަހު މިދިޔަ ސެޕްޓެމްބަރު މަހުގެ 24 ވަނަ ދުވަހު ވ. ފެލިދޫ މެޖިސްޓްރޭޓް ކޯޓުން ކޮށްފައިވާ ހުކުމްގައި ބުނަނީ ދަޢުލަތުން ޖަމީލް ޢަލީގެ މައްޗަށް ކޮށްފައިވާ ކެނަބިސް ޓްރެފިކް ކުރުމުގެ ދަޢުވާއަށް އޭނާގެ އިޢުތިރާފުން ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންވެގެންވާ އެކަށީގެންވާ ޝައްކެނެތް މިންވަރަށް ސާބިތުވާތީ، ޤާނޫނު ނަމްބަރު 17/2011 މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ (ހ) ގެ ދަށުން ޖަމީލް ޢަލީ ކެނަބިސް ޓްރެފިކް ކުރުމުގެ ކުށުން ކުށްވެރިވާކަމަށް ކަނޑައަޅާކަމަށެވެ. އަދި މި ކުށުގެ އުޤުބާތެއްގެ ގޮތުން ޤާނޫނު ނަމްބަރު 17/2011 މަސްތުވާތަކެއްޗާ ބެހޭ ޤާނޫނުގެ 108 ވަނަ މާއްދާގެ (ނ) ގެ ދަށުން ޖަމީލް ޢަލީ އުމުރަށް ޖަލަށްލުމާއެކު އެއް ލައްކަ ރުފިޔާއިން ޖޫރިމަނާކޮށް ފައިސާ 6 މަސް ދުވަހުގެ ތެރޭގައި ފެލިދޫ މެޖިސްޓްރޭޓް ކޯޓަށް ދެއްކުމަށް ޙުކުމްކުރާކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *