ބޮލީވުޑް ފިލްމީ ތަރި ރިތިކް ރޯޝަން އަކީ ބޮޑުވެ ތަސައްރަފު ފުދިފައިހުރި ފިރިހެނެއް ކަމަށާއި ރިތިކްގެ ދިފާއުގައި އޭނާގެ ބައްޕަގެ ބަދަލުގައި ހުދު ރިތިކަށް ވާހަކަދެއްކެން ޖެހޭ ކަމަށް ބޮލީވުޑް އަންހެންތަރި ކަންގަނާ ރަނާވަތު ބުނެފި އެވެ.
ކަންގަނާ މިހެން ބުނެފައިވަނީ މީޑިއާގައި، ރިތިކްގެ ބައްޕަ ރާކޭޝް ރޯޝަން ދައްކާފައިވާ ވާހަކަތަކަކަށް ރައްދު ދެމުންނެވެ.
މިދިޔަ ހަފްތާގައި ޓީވީއެއްގައި ކުރިއަށްދިޔަ އިންޓަވިއުއެއްގައި ރިތިކް އާއި ކަންގަނާގެ ގުޅުމާއި ބެހޭގޮތުން ސުވާލު ކުރުމުން ރާކޭޝް ރޯޝަން ބުނެފައިވަނީ ރިތިކް އާއި ބެހޭގޮތުން ދައްކަނީ ދޮގު ވާހަކަތެއް ކަމަށާއި ރިތިކަކީ އިއްޒަތާއި ގަދަރާއެކު މަޑުން ހުންނަ ދަރިއެއް ކަމަށެވެ. އަދި މި ދެކެވޭ ވާހަކައިގެ ހަގީގަތް ރިތިކް ހާމަކޮށްފިނަމަ މީހުން ކޮސްވާނެ ކަމަށްވެސް ރާކޭސް ރޯޝަން ބުނެފައި ވެ އެވެ.
ރާކޭސްގެ މި ވާހަކަތަކަށް ކަންގަނާ ރައްދު ދިނީ، ފޮތެއް ލޯންޗް ކުރުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތެއްގަ އެވެ. އެ ރަސްމިއްޔާތުގައި ކަންގަނާ ބުނީ ރިތިކަކީ 43 އަހަރުގެ ބޮޑު ފިރިހެނެއް ކަމަށާއި އޭނާ ސަލާމަތް ކުރަން އޭނާގެ ބައްޕަ ކޮންމެ ފަހަރަކު ނިކުންނަންޖެހޭތީ ސުވާލު އުފެދޭ ކަމަށެވެ. އަދި ބައްޕަގެ ހިމާޔަތުގައި ފިލާ އޮންނާނީ ކިހާ ދުވަހަކުތޯވެސް ކަންގަނާ ސުވާލު އުފައްދާފައި ވެ އެވެ. އަދި ދަރި ސަލާމަތް ކުރަން ބައްޕަ ނިކުންނަން ޖެހުނު ސަބަބު ހަމަ އެއްގޮތަކަށްވެސް ނުވިސްނޭ ކަމަށް ކަންގަނާ ބުނެފައި ވެ އެވެ.