ޗައިނާގެ ވެރިރަން ބެއިޖިންގެ މިއުޒިކް އެކަޑަމީއަކުން ދުނިޔޭގައި އޮތް އެންމެ ބޮޑު ރޮކް މިއުޒިކް ބޭންޑު އުފައްދައި ގިނިސް ވޯލްޑް ރެކޯޑު ފޮތުން ޖާގަ ހޯދައިފި އެވެ.
މީގެ ކުރިން އެ މަގާމު އޮތީ ފްރާންސްގެ މިއުޒިކް ބޭންޑެއްގެ އަތުގައި އެވެ. ޗައިނާގެ މި ބޭންޑުގައި ފަރާންސްގެ ބޭންޑުގައި ތިބި މެންބަރުންނަށްވުރެ 433 މީހުން ގިނަ އެވެ.
މި ބޭންޑަކީ ޗައިނާގައި ރޮކް މިއުޒިކް ތައާރަފްކޮށް ކުރިޔަށް އަރުވަން އެންމެ ބުރަ މަސައްކަތެއް ކުރި ފަންނާނު ކަމަށްވާ ސުއި ޖިއަން ގެ ބެއިޖިންގ ކޮންޓެމްޕަރަރީ މިއުޒިކް އެކަޑަމީގެ ބޭންޑެކެވެ. މި ބޭންޑުގެ ހުރިހާ މެންބަރުން އެއްފަހަރާ މިއުޒިކް ކުޅެ ގިނިސް ވޯލްޑް ރެކޯޑު ޓީމު ވަނީ ހައިރާން ކޮށްލާފައި އެވެ.
މި ބޭންޑު އޮންނަނީ ހަ ބަޔަކަށް ބަހާލާފައި އެވެ. އޭގެ ތެރޭގައި ހިމެނެނީ 349 ލަވަކިޔުންތެރިންނާއި 154 ގިޓަރިސްޓުންނާއި، 151 ޑްރަމަރުންނާއި، 101 ބޭސިސްޓުންގެ އިތުރުން 100 ކީބޯޑު ކުޅޭ މީހުންނާއި ތަފާތު އެހެނިހެން އިންސްޓްރޫމަންޓްތައް ކުޅޭ 98 މީހުން ނެވެ.
މީގެ ކުރިން އެ ރެކޯޑު އޮތް ފްރާންސްގެ ”7 އާމީ ނޭޝަން“ ބޭންޑުގައި ތިބީ 520 މެންބަރުންނެވެ. ފަރާންސްގެ އެ ބޭންޑުން މި ރެކޯޑު ގާއިމް ކޮށްފައިވަނީ 2013 ވަނަ އަހަރު އެވެ.