ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އާއްމުންގެ ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ މަޝްހޫރު ބޮލީވުޑް އެކްޓަރު ނަވާޒުއްދީން ސިއްދީގީ އާއި ދެކޮޅަށް އޭނާގެ ފަހަރި، ބޮޑު މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅައިފި އެވެ.
ނަވާޒުއްދީންގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ އަންހެނުން ނަވާޒުއްދީން އާއި ދެކޮޅަށް ފުލުހަށް ހުށަހަޅާފައިވާ މައްސަލައަކީ އޭނާ ބަނޑުބޮޑުއިރު އޭނާގެ ބަނޑުގައި ނަވާޒުއްދީން ފައިން ޖެހި ކަމަށް ބުނާ މައްސަލަ އެކެވެ.
އޭނާ އެ މައްސަލަ ފުރަތަމަ ހުށަހެޅީ އިންޑިއާގެ ކޮޓްވާލީ ފުލުސް އޮފީހަށެވެ. ނަމަވެސް އެ ސްޓޭޝަނުން އެ މައްސަލަ ބަލައިނުގަތުމުން އޭނާ ވަނީ އެ ސަރަހައްދުގެ ސުޕްރިޑެންޓެންޓް އޮފް ޕޮލިސް އާއި ބައްދަލުކޮށް އެ މައްސަލަ ހުށަހަޅާފަ އެވެ. ގާނޫނީ އިމުގެ ތެރެއިން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެފައި ވެ އެވެ.