އަލަށް ނިކުތް އެޕަލް އައިފޯނު 7 ބްރޭންޑްގެ ފޯނެއް އޭގެ ފޮށީގައި ނުކަނޑާ އޮއްވާ ގޮވި ކަމަށްބުނާ މައްސަލައިގާ އެ ފޯނުގެ ވެރިޔާ ހޯދުމުގެ މަސައްކަތް އެޕަލް އިން ފަށައިފި އެވެ.
ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނާގޮތުން އޭޓީ އެންޑް ޓީ ޕެކޭޖިންގް އެއްގައި އޮއްވާ ގޮވާފައިވާކަމަށް ބުނާ އެ ފޯނުގެ ވެރިފަރާތް ހޯދުމަށް އޭޓީ އެންޑް ޓީ އާއި އެޕަލް ގުޅިގެން ރެޑިޓް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެވެ. އަދި އެއީ ގޮވާފައިވާ ފޯނު ހޯދައި ގޮވަން މެދުވެރިވި ސަބަބު ދެނެގަނެ އަދި އޭގެ އިތުރުން އެ ފޯނުގެ ވެރިފަރާތަށް އައު ފޯނެއް ދިނުމަށް ކަމަށް ވެ އެވެ.
އައިފޯނު 7 ބްރޭންޑްގެ ފޯނެއް ގޮވާފައިވާކަމަށްބުނާ ފޮޓޯތައް އާއްމުކޮށްފައިވަނީ ރެޑިޓް ބޭނުންކުރަމުން އަންނަ ފަރާތަކުންނެވެ. އައިފޯނު 7 ބްރޭންޑްގެ ފޯނެއް ގޮވާފައިވާކަމަށް ބުނާއިރު އެއީ ފޮށީގައި އޮއްވާ ދިމާވި ހާދިސާއެއް ކަމުން އެ ހާދިސާއަކީ ބެޓެރީގެ ސަބަބުން ހިނގި ހާދިސާއެއްކަން ނުވަތަ އެހެން ސަބަބަކާހެދި ދިމާވި ހާދިސާއެއްކަން ކަށަވަރު ނުކުރެވޭއިރު ސެމްސަންގް ނޯޓް 7 ގޮވާ ގޮތަށް އައިފޯނު 7 ގޮވާކަމަށް ނުބެލެވޭ ކަމަށާއި އަދި އައިފޯނު 7 މާކެޓުން އަނބުރާ ނެގުމަކީ ހިޔާލަށްވެސް ނުގެނެވޭހާ ދުރުގައިވާކަމެއް ކަމުގައިވެސް ޓެކްނޮލޮޖީ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައި ވެ އެވެ.