އެޗްޕީއޭއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ރާއްޖެ އައި ތިން ފަތުރުވެރިއެއްގެ ގައިން ޒިކާ ވައިރަސް ވަނީ ފެނިފައި -- ފޮޓޯ: އެޗްޕީއޭ
އެޗްޕީއޭއިން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުން - ރާއްޖެ އައި ތިން ފަތުރުވެރިއެއްގެ ގައިން ޒިކާ ވައިރަސް ވަނީ ފެނިފައި -- ފޮޓޯ: އެޗްޕީއޭ

ރާއްޖެ އައި ތިން ފަތުރުވެރިއެއްގެ ގައިން ޒިކާ ވައިރަސް ފެނިއްޖެ

ރާއްޖެ އައި ތިން ފަތުރުވެރިއެއްގެ ގައިން ޒިކާ ވައިރަސް ފެނިފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީން ބުނެފި އެވެ.

މިރޭ އެޗްޕީއޭއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތް މިނިސްޓްރީގެ ޑިރެކްޓަ ޖެނަރަލް ޑރ. މަރިޔަމް ޝީޒާ ވިދާޅުވީ އެ ތިން މީހުންގެ ގައިން ޒިކާ ވައިރަސް ފެނުނީ ރާއްޖޭގައި އުޅުމަށް ފަހު އެ މީހުން ނިސްބަތްވާ ގައުމުތަކަށް އެނބުރި ދިޔަ ފަހުން ކަމަށެވެ. އަދި އެ ތިން މީޙުންނަކީ ތިން ގައުމުގެ މީހުން ކަމަށް ވިދާޅުވި އެވެ.

އޭގެ ތެރޭގައި ހިމެނެނީ ސްޕެއިން މީހަކާއި، ޖަރުމަނު މީހެއްގެ އިތުރުން ފިންލޭންޑް ރައްޔިތެކެވެ. ޖަރުމަނު މީހާ ރާއްޖެ އައިސްފައިވަނީ ޖޫން މަހު އެވެ. ފިންލޭންޑު މީހާ ޖެނުއަރީ މަހު ރާއްޖެ އައި އިރު ސްޕެއިން މީހާ ރާއްޖެ އައިސްފައިވަނީ ފެބްރުއަރީ މަހު އެވެ.

ޑރ ޝީޒާ ވިދާޅުވީ ޑަބްލިޔުއެޗްއޯގެ މިންގަނޑުން މިހާރު ރާއްޖެ ދަރަޖަކޮށްފައި ވަނީ ޒިކާ އުޅޭ ކަމަށް ބަލަންޖެހޭ ގައުމުތަކުގެ ތެރޭގައި ކަމަށެވެ.

ޒިކާ ވައިރަސް ރާއްޖޭގައި އުޅޭކަމަަށް ޑަބްލިއުއެޗްއޯއިން ނިންމާފައިވާއިރު މިއަދު އެމެރިކާއިން ވަނީ ރާއްޖެ އާއި ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކަށް ދަތުރުކޮށް އުޅުމުގައި ޒިކާއާއި މެދު ސަމާލު ވުމަށް އެދި ޓްރެވަލް އެޑްވައިޒަރީއެއް ނެރެފައެވެ.

ސިންގަޕޫރުގައި ޒިކާ ވައިރަސް ފެތުރެން ފެށުމާއި ގުޅިގެން މިމަހު ކުރީކޮޅު ރާއްޖެއިން ވަނީ ޒިކާ ވައިރަސްއަށް ޓެސްޓު ކުރެވޭނެ އިންތިޒާމު އައިޖީއެމްއެޗުގައި ހަމަޖައްސާފައި އެވެ. އަދި އެ ގައުމަކީ ދިވެހިން އާންމުކޮށް ގޮސް އުޅޭ ގައުމަކަށްވާތީ ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސް ކުރެ އެވެ.

ޒިކާ ވައިރަސް ފެތިރެނީ އީޑިސް މަދިރިންނެވެ. ޒިކާ ވައިރަހުގެ އަލާމަތްތަކުގެ ތެރޭގައި، ހުން އައުމާއި، ގައިގައި ރިއްސުމާއި، ހަމުގައި ރަތްކުލައިގެ ބިހިތަކެއް ނެގުމާއި، ލޯ ރަތްވުމާއި، ހުޅުހުޅުގައި ރިއްސުމާއި، ބޮލުގައި ރިއްސުނން ހިމެނެ އެވެ. މާބަނޑު މީހަކަށް ޒިކާ ޖެހިއްޖެ ނަމަ ބަނޑުގައި އޮންނަ ދަރިފުޅަށް މައިރްރޯސެފަލީ ނުވަތަ އެކަށީގެންވާ ވަރަށް ވުރެ ބޯ ކުޑަވެ އައިބުވުމުގެ މައްސަލަ ކުރިމަތިވާކަން ވަނީ ކަށަވަރުވެފަ އެވެ.

އެންމެ ފުރަތަމަ ޒިކާ ވައިރަސް ފެނުނީ މިދިޔަ އަހަރު ކުރީކޮޅު ބްރެޒިލްއިންނެވެ. އޭގެ ފަހުން މިހާތަނަށް 67 ގައުމަކުން ޒިކާ ވައިރަސް ފެނިފައިވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *