ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ދުނިޔޭގެ ހިތުގެ ދުވަސް ކުލަ ގަދަކޮށް މިއަދު ފާހަގަކޮށްފި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ދުނިޔޭގެ ހިތުގެ ދުވަސް ފާހަގަ ކުރަން މިއަދު ރާއްޖޭގެ ހުރިހާ ސްކޫލެއްގައި ކުރިޔަށް ގެންދިޔަ ހަރަކާތްތައް ކުރިޔަށް ގެންދިޔައީ ޓައިނީ ހާޓްސް އޮފް މޯލްޑިވްސްއާއި ގުޅިގެން ކަމަށެވެ. ހިތުގެ ދުވަހުގެ މިއަހަރުގެ ޝިއާރަކީ ”ޕަވާ ޔުއާ ލައިފް“ އެވެ.
ސްކޫލްތަކުގައި މި ދުވަސް ފާހަގަ ކުރުމަށް ހާއްސަ އެސެމްބްލީއެއް ބޭއްވުމާއި، ހިތުގެ ބައްޔާއި ގުޅޭ ގޮތުން ދަރިވަރުންގެ ހިޔާލު ފާޅުކުރުން ކުރިޔަށް ގެންފޮސްފައި ވެ އެވެ. އަދި ދުވަހުގެ ޝިއާރާއި ގުޅޭ ކުރެހުމުގެ މުބާރާތަކާއި ދަރިވަރުންނަށް ހާއްސަ ކަސްރަތުގެ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމުގެ އިތުރަށް ހިތުގެ ބައްޔާއި ގުޅޭ ލިޔުންތައް ހިމެނޭ ބޯޑު ފަދަ ތަކެތި ހިފައިގެން ދަރިވަރުން ހިތުގެ ބައްޓަމަށް ހަރަކާތްތެރިވެފައިވެ އެވެ.
މިނިސްޓްރީން ބުނީ، ސްކޫލްތަކުގައި މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު މަގުސަދަކީ ދުޅަހެޔޮ ސިއްހަތެއްގައި ދަރިވަރުން ބޭތިއްބުމަށް ބާރު އެޅުން ކަމަށެވެ. ހިތުގެ ބަލިތަކާއި މެދު ސްކޫލްތަކުގެ ދަރިވަރުންނާއި މުވައްޒަފުންގެ ހޭލުންތެރިކަން އިތުރުކުރުމާއި މުޖުތަމައުގެ ހޭލުންތެރިކަން އިތުރުކުރުމުގައި ސްކޫލްތަކުގެ ދަރިވަރުންގެ ބައިވެރިވުން މިހާރަށް ވުރެ ފުޅާ ކުރުމަކީވެސް މި ދުވަސް ފާހަގަ ކުރުމުގެ މަގުސަދެއް ކަމަށް އެޑިއުކޭޝަނުން ބުންޏެވެ.