ސަރުކާރުން ކުރިޔަށް ގެންދާ ތަރައްގީގެ މަޝްރޫތައް ކުރިޔަށް ގެންދިއުމަށް ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރު ހިންގާ ޕީޕީއެމްއަށް މެޖޯރިޓީ ހޯދައިދޭން ޖެހޭ ކަމަށް އެންވަޔަރަމަންޓު މިނިސްޓްރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމްޑަބްލިއުއެސްސީގެ ޝޯ ރޫމެއް ހުޅުވަން ރޭ ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުން ތޯރިގު ވިދާޅުވީ ރައީސް ޔާމީން ވެރިކަމަށް ވަޑައިގެން ހިންގަވަމުން ގެންދަވާ ތަރައްގީގެ ބޮޑެތި މަޝްރޫތަކަކީ ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިޔަށް ގެންދާ މަޝްރޫއުތަކެއް ކަމަށެވެ. އޭގެ ތެރޭގައި ފެނާއި ނަރުދަމާގެ މަޝްރޫއުތައް ހިެމެނޭކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން ވެރިކަމަށް ވަޑައިގެންނެވިއިރު، ފެނުގެ ނިޒާމް ގާއިމްކޮށްފައިވަނީ އެންމެ ފަސް ރަށެއްގައި ކަމަށެވެ. އަދި ނަރުދަމާގެ ނިޒާމް ގާއިމްކޮށްފައިވަނީ 30 ރަށެއްގައި ކަމަށްވާއިރު، ސަރުކާރުގެ އަމާޒަކީ ފަސް އަހަރުގެ ތެރޭގައި އާބާދީގެ 75 ޕަސެންޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ދިނުން ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ މި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ރައްޔިތުންގެ ޒިންމާއެއްވެސް އެބަ އޮތް ކަމަށެވެ. އެގޮތުން، އަންނަ ޖެނުއަރީ ގައި ބާއްވާ ކައުންސިލްތަކުގެ އިންތިހާބުގައި ސަރުކާރަށް މެޖޯރިޓީ ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
”އަޅުގަނޑު ޔަގީން ކުރަން ސަރުކާރު ހިންގާ ޕީޕީއެމްއަށް ކައުންސިލްތަކުގެ މެޖޯރިޓީ ލިބޭނެ ކަމަށް،“ ތޯރިގު ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ މަޝްރޫތައް ކުރިޔަށް ގެންދިއުމަށް ގޮންޖެހުންތަކެއް ހުރިކަން ފާހަގަ ކުރައްވާފައި އެވެ. އެގޮތުން އިދިކޮޅު ފަރާތްތަކުން ބޮޑެތި ގޮންޖެހުންތައް ކުރިމަތި ކުރުވަން މަސައްކަތް ކުރާ ކަމަށާއި، އެހެން ނަމަވެސް ރާއްޖޭގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތަކަށް ހުއްޓުމެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ.