އަޖޭ ދޭވްގަންގެ ސަޕޯޓަރުން ކެތްމަދުވެފައިތިބޭނީ އަންނަ މަހު 28 ރިލީޒް ކުރުމަށް ހަމަޖެހިފައިވާ އަޖޭ ދޭވްގަން އެކްޓް ކޮށްފައިވާ ފިލްމު ”ޝިވާއެ“ ބެލުމަށް ކަމާއިމެދު ޝައްކެއް ނެތެވެ. ޝިވާއެ ގެ ތަރި އަޖޭ ދޭވްގަންގެ ސަޕޯޓަރުންނަށް މިވެސް ވާނީ އުފާވެރި ހަބަރަކަށް ކަމާއިމެދު ޝައްކެއް ނެތެވެ.
އަންހެންކުދިންގެ ތައުލީމް ކުރިއަރުވަން މަސައްކަތް ކުރާ އިންޑިއާގެ ޖަމިއްޔާއެއް ކަމަށްވާ ”ސްމައިލް“ ފައުންޑޭޝަނުން މިވަނީ އެ ފައުންޑޭޝަންގެ ގުޑްވިލް އެމްބެސަޑަރަކަށް އަޖޭ ދޭވްގަން ހަމަޖައްސާފަ އެވެ.
އެ ޖަމިއްޔާގެ އެމްބެސެޑަރަކަށް އަޖޭ ދޭވްގަން ހަމަޖައްސާފައިވާއިރު މިކަމާއިބެހޭގޮތުން ސުވާލުކުރުމުން އޭނާ ބުނެފައިވަނީ މުޖްތަމައުގައި ހުރި ކަންކަން ހައްލުވާނީ އެކަންކަން ހައްލުކުރަން މަސައްކަތްތަކެއް ކުރެވިގެން ކަމަށެވެ. އަދި މިފަދަ ކަންކަމުގައި ތަރިން ބައިވެރިވާނަމަ އެކަން ވެގެންދާނީ ކަންކަން ހައްލުކުރަން ލިބޭ އިތުރު ބާރަކަށްކަން އަޖޭ ފާހަގަކުރި އެވެ.