އިންޑިއާއިން ވަނީ ޕާކިސްތާނުގައި ބާއްވާ ސާކް ސަމިޓުގައި ބައިވެރި ނުވާން ނިންމާފައި --
އިންޑިއާއިން ވަނީ ޕާކިސްތާނުގައި ބާއްވާ ސާކް ސަމިޓުގައި ބައިވެރި ނުވާން ނިންމާފައި --

އިންޑިއާއިން ސާކް ސަމިޓު ބޮއިކޮޓް ކޮށްފި

އަންނަ ނޮވެމްބަރު މަހު ޕާކިސްތާނުގެ ވެރިރަށް އިސްލާމު އާބާދުގައި ބޭއްވުމަށް ހަމަޖެހިފައިވާ 19 ވަނަ ސާކް ސަމިޓު  ސަރަހައްދުގެ އެންމެ ބޮޑު ބާރު އިންޑިއާއިން ބޮއިކޮޓް ކޮށްފި އެވެ.

މިއަހަރުގެ ސާކް ސަމިޓުގައި ބައިވެރި ނުވާނެކަން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓްރީން މިހާރު ރަސްމީކޮށް ސާކްގެ ސެކްރެޓަރީ ޖެނެރަލަށް އަންގައިފި އެވެ. އިންޑިއާއިން ސަމިޓު ބޮއިކޮޓް ކުރީ ކަޝްމީރު މައްސަލައިގަ އެ ގައުމާއި ޕާކިސްތާނާއި ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާއި ހެދި އެވެ.

އިންޑިއާއިން ފޮނުވި ސިޓީގައި ބުނެފައިވަނީ މިވަގުތު ހާލަތު އޮތް ގޮތުން ޕާކިސްތާނުގައި ބާއްވާ ސަމިޓެއްގައި އިންޑިއާއިން ބައިވެރިވާން އުޒުރުވެރިވާ ކަމަށެވެ. އެގޮތުން ސަރަހައްދީ ރޮގު ހުރަސްކޮށްދޭ ޓެރަރިސްޓް ހަމަލާތައް އިތުރު ވުމާއި ގައުމުތަކުގެ ދާހިލީ ކަންކަމާ ބެހުމަށް، ”ގައުމަކުން“ އިންތިހާއަށް ކުރާ މަސައްކަތްތައް އިތުރުވެފައިވާ މިދަނޑިވަޅެއްގައި މިފަދަ ސަމިޓެއް ބޭއްވުމަކީ ރަނގަޅު ނިންމުމެއް ނޫންކަމަށް އިންޑިއާއިން ބުނެފއިވާ ކަމަށް އެ ގައުމުގެ ނޫސްތަކުން ބުނެ އެވެ.

އެހެންކަމުން މިއަހަރު އޮންނަ ސާކް ސަމިޓުގައި އިންޑިއާގެ އެއްވެސް ބޭފުޅަކު ބައިވެރިނުވާން ނިންމާފައިވާ ކަމަށް އެ ގައުމުން ބުނެ އެވެ. އަދި އިންޑިއާގެ ވިސްނުމަށް ސާކުގެ އެހެން ބައެއް ގައުމުތަކުންވެސް ތާއީދުކުރާ ކަމަށް މިކަމާ ގުޅޭގޮތުން އިންޑިއާގެ ނޫސްތަކުގައި ބުނެފައިވެ އެވެ.

އިންޑިއާގެ ވިސްނުމަށް ތާއީދުކުރަނީ ބޫޓާން، ބަންގްލަދޭޝް އަދި އަފްގާނިސްތާން ކަމަށް ބުނެ އެވެ. މިއަހަރުގެ ސަމިޓްގައި ބައިވެރިވުމާއި ގުޅޭގޮތުން ރާއްޖެއިން މިހާތަނަށް އަދި އެއްޗެއް ނުބުނެ އެވެ.

އިންޑިއާ ސަރުކާރު ރުޅިގަދަވެގެން އުޅެނީ އިންޑިއާ އިން ކޮންޓްރޯލް ކުރާ ކަޝްމީރު ފަޅީގައި ހުރި ސިފައިންގެ މަރުކަޒަކަށް ހަނގުރާމަވެރިންގެ ބަޔަކު ވަދެގަނެ ދިން ކުއްލި ހަމަލާގައި އިންޑިއާގެ 17 ސިފައިން މަރާލި މައްސަލާގަ އެވެ. އިންޑިއާ އިން މިކަމުގައި ތުހުމަތުކުރަނީ ޕާކިސްތާނަށެވެ. ނަމަވެސް ޕާކިސްތާނުން ގެންދަނީ ތަކުރާރުކޮށް އެ ތުހުމަތުތައް ދޮގުކުރަމުންނެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *