ޖޯން އަބްރަހަމް އޭނާ ކުޅެފައިވާ ފިލްމު ”ފޯސް“ ގައި ސައިކަލެއް އުފުލާލުމުން ގިނަ ބަޔަކަށް ހައިރާންކަން ލިބުނެވެ. އަދި އެއީ ފޭކެއް ކަމަށްވެސް ކިޔާ އުޅުނެވެ. ނަމަވެސް އެ ފިލްމުގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިންގެ ކުރިމަތީގައި ސައިކަލު އުފުލާލުމުން، އޭރު ފާޑު ކީ މީހުންގެ އަނގަ ބެދުނެވެ.
”ފޯސް“ ގެ ސީކުއެލް ”ފޯސް 2“ ގެ މަސައްކަތް ފެށިގެން ކުރިއަށްދާއިރު މި ފިލްމުގައި ޖޯން، މަސިޑީޒް ބެންޒް ކާރެއް އުފުލައިލާނެ ވާހަކަ މިވަނީ ފެންމަތި ވެފަ އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ވިޕުލް އަމްރުތްލާލް ބުނެފައިވަނީ ފިލްމުގައި ކާރެއް އުފުލާލުމަށް ޖޯން ފުރިހަމައަށް ތައްޔާރުވަމުން އަންނަ ކަމަށާއި އެއީ 1580 ކިލޯ ބަރު މަސިޑީޒް ބެންޒް ކާރެއް ކަމަށެވެ. ޕްރޮޑިއުސަރު އިތުރަށް ބުނީ މި ކާރު އުފުލައިލުމުގައި ޖޯން އަށް ކޮންމެވެސްވަރެއްގެ އެހީތެރިކަމެއް ”އެހެން“ ގޮތަކުން ފޯރުކޮށްދޭނެ ކަމަށާއި އެހެންނަމަވެސް އެ ކާރު އުފުއްލުމުގައި ބޮޑު ބާރެއް ލާނީ ޖޯން އަބްރަހަމް ކަމަށެވެ.