ދުނިޔޭގައި ފުރަތަމަ ފަހަރަށް އަޅާ ކަނޑު އަޑީގެ ހޮޓާ ރާއްޖޭގައި އެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މި ހޮޓާ އަޅާނީ ނ. ކުރެދިވަރުގައި ތަރައްގީ ކުރަމުންދާ ޒެން ރިސޯޓުގައި އެވެ.
ވަށް ބުރެއްހެން ހަދާ މި ހޮޓާ އަޅަނީ ޒެން ރިސޯޓުގެ ފަޅު ތެރޭގެ ހަމީޓަރު އަަޑީގައި އެވެ. އެ ހޮޓަލުގައި 22 ކޮޓަރި ހަދާއިރު ކަނޑު އަޑީގައި ހުންނަ ކޮޓަރިތަކަށް ދިއުމަށް ސިޑީގެ އިތުރުން ލިފްޓެއް ހުރެ އެވެ.
މި ހޮޓަލުގެ މަސައްކަތް ކުރަމުންދަނީ ޕޮލޭންޑްގެ ކުންފުންޏެއް ކަމަށްވާ ޑީޕް އޯޝަން ޓެކްނޮލޮޖީސް އިންނެވެ.
ޓޫރިޒަމް ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވޭ މިފަދަ ކޮންމެ ތަނެއް ފުރަތަމަ ހަދާފައިވަނީ ރާއްޖޭގައި އެވެ. އެގޮތުން 2005 ވަނަ އަހަރު ދުނިޔޭގެ އެންމެ ފުރަތަމަ ކަނޑުއަޑީގެ ރެސްޓޯރަންޓު ރާއްޖޭގެ ކޮންޑްރެޑް މޯލްޑިވްސްގައި ހުޅުވާފައިވާއިރު އެންމެ ފުރަތަމަ ސްޕާ ހުޅުވާފައިވަނީ ޕާ އަކުއަމް ހުވަފެންފުށީގައި އެވެ.