ސީއެމްބީ ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް
ސީއެމްބީ ހުޅުވުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ހުޅުވައިފި

މަޝްހޫރު ފިޔަފާރިވެރިޔާ ޗަމްޕާ ހުސައިން އަފީފުގެ ހިއްސާ އޮންނަ ޓްރީ ޓޮޕް އިންވެސްޓްމެންޓުގެ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް ރަސްމީކޮށް ހުޅުވައިފި އެވެ.

ދެން މި ބޭންކުގައި ހިއްސާ ވަނީ ސްރީލަންކާގެ އެންމެ ބޮޑު އަމިއްލަ ބޭންކު ކަމަށްވާ ކޮމާޝަލް ބޭންކުންނެވެ.

އެ ބޭންކު ރަސްމީކޮށް ހުޅުވައިދެއްވީ ރައިސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީނެވެ.

އެންމެ ޒަމާނީ ހިދުމަތްތަކާއި އެކު ހުޅުވި ސީބީއެމްގެ ރައުސުލްމާލުގައި 150 މިލިއަން ރުފިޔާ އެބަހުއްޓެވެ. މިއަދު 11:00 ގައި ބޭންކުގެ ހިދުމަތް އާންމުކޮށް ދޭން ފަށާފައިވާ އިރު ދެ އޭޓީއެމްއާއި ޑިޕޮސިޓް މެޝިނެއްގެ ހިދުމަތް ލިބެ އެވެ.

އަދި ވަރަށް އަވަހަށް މޮބައިލް ބޭންކިންގ އާއި ވިސާ އަދި މާސްޓާ ކާޑު ދޫކުަރަން ފަށާނެ އެވެ. މީގެ އިތުރުން ވިޔަފާރިކުރާ ތަންތަނުގައި ކާޑު މެޝިން ބަހައްޓަން ނިންމާފައިވާއިރު ހައުސިން ލޯނު، އަމިއްލަ ފަރާތްތަކަށް ދޫކުރާ ލޯނު އަދި ވިޔަފާރިތަކަށް ދޫކުރާ ލޯނު ދޫކުރަން ފަށާނެ އެވެ.

ބޭންކު ހުޅުވުމަށް މިއަދު ހޮޓެލް ޖެން ގައި ބޭއްވި ރަސްމިއްޔާތުގައި ސީބީއެމްގައި އެންމެ ފުރަތަމަ އެ ކައުންޓު ހުޅުވި ފަސް ފަރާތަށް ވަނީ ލިޔުން ދީފައި އެވެ. އެންމެ ފުރަތަމަ އެ ބޭންކުގައި އެކައުންޓެއް ހުޅުވީ މަޝްހޫރު ވިޔަފާރިވެރިޔާ އިބްރާހިމް އުމަރުމަނިކެވެ.

މި ރަސްމިއްޔާތުގައި ބޭންކުގެ ސީއީއޯ އަދި އެމްޑީ ދިލަމް ރާޖަޕަކްސަ ވިދާޅުވީ ސީބީއެމް އިން މަސައްކަތް ކުރާނީ ރާއްޖޭގެ އިގްތިސާދަށް އެންމެ ބޭނުންވާ ގޮތަށް ހިދުމަތް ދިނުމަށް ކަމަށެވެ. އަދި ކޮމާޝަލް ބޭންކުން އެންމެ ފަހުގެ ޒަމާނީ ބޭންކިން ހިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ދިލަމް ވިދާޅުވި އެވެ.

ސީބީއެމްގައި ޗަމްޕާ ހުސެއިން އަފީފުގެ ހިއްސާ އޮންނަ ޓްރީ ޓޮޕްގެ 45 ޕަސެންޓް ހިއްސާ އޮންނައިރު، އަނެއް 55 ޕަސެންޓް ހިއްސާ ކުރަނީ ކޮމާޝަލް ބޭންކުންނެވެ.

އަމީރު އަހުމަދު މަގުގައި ހުންނަ ހ. ފިލިގަސްދޮށުގޭގައި މައި އޮފީސް ހުންނަ ސީބީއެމް އަކީ ރާއްޖޭގައި ހަ އަހަރުގެ ތެރޭގައި ހުޅުވި ދެވަނަ ބޭންކެވެ. އެންމެ ފަހުން ހުޅުވީ 2011 ވަނަ އަހަރު މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އެވެ.

ސީބީއެމް ހުޅުވާފައި މިވަނީ ކުރިން ބޭންކު ފަށަން ދިން މުއްދަތު ހަމަވީ އިރު ހިދުމަތް  ފެށިފައި ނުވާތީ އެމްއެމްއޭއިން އިތުރުކޮށްދީފައިވާ މުއްދަތުގެ އެންމެ ފަހު ދުވަހު އެވެ.

ރާއްޖޭގައި މިވަގުތު ހިންގަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި އެމްއައިބީގެ އިތުރުން ލަންކާގެ ގައުމީ ބޭންކް، ބޭންކް އޮފް ސިލޯން، ސްޓޭޓް ބޭންކް އޮފް އިންޑިއާ، ހަބީބް ބޭންކް، އެޗްއެސްބީސީ އަދި މޮރިޝަސް ކޮމާޝަލް ބޭންކެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *