މަދު ދުވަސްކޮޅެއްގެ ތެރޭގައި ގިނަބައެއްގެ ޝައުގުވެރިކަން ދަމައިގަތް ސްނެޕްޗެޓުން މިވަނީ އެ ކުންފުނީގެ ނަން ރިބްރޭންޑް ކުރުމަށްފަހު އެ ކުންފުނީގެ ފުރަތަމަ ހާޑްވެއާ ”ސްޕެކްޓެކަލްސް“ ތައާރަފް ކޮށްފަ އެވެ.
ސްނެޕްޓެކަލްސް އަކީ ސްނެޕް ކުރުމަށް ނުވަތަ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަށް ބޭނުންކުރެވޭ އަވި އައިނެކެވެ. ބްލޫ ޓޫތު އަދި ވައިފައި މެދުވެރިކޮށް ފޯނާ ގުޅޭލެވޭ މި އައިނުގެ ދެ އަރިމަތީގައި ދެ ކެމެރާ ހަރުކޮށްފައި ވެ އެވެ. ފޯނާ ކަނެކްޓް ނުކޮށްވެސް މި އައިނު ބޭނުން ކުރެވެ އެވެ. ފޮޓޯ ނެގެ އެވެ. ވީޑިއޯވެސް ކުރެވެ އެވެ. ވީޑިއޯގެ އެއްމެ ދިގުމިނަކީ 30 ސިކުންތެވެ.
މި އީޖާދު ތައާރަފް ކުރުމާއެކު ޓެކްނޮލޮޖީ ދިރާސާކުރާ ފަރާތްތަކުން މިވަނީ ސުވާލުތަކެއް ކުރިމަތި ކުރުވާފަ އެވެ. އެއީ މި އައިނަކީ ބޭނުންތެރި އައިނެއްތޯ ކުރެވޭ ސުވާލެވެ. އަދި މިއީ އިތުރު ބޮލު ރިހުމަކަށް ނުވެ ހިނގައިދާނެތޯ ކުރެވޭ ސުވާލެވެ. އަދި ބާޒާރަށް ނެރޭތާ މާ ގިނަ ދުވަހެއްނުވެ މި އީޖާދުމަތިން މީހުން ފޫހިވެ ފިހާރަތަކުން މި އީޖާދު ނަގަން ނުޖެހިދާނެތޯ ކުރާ ސުވާލެވެ.
ބައެއް ފަރާތްތަކުން ބުނާގޮތުގައި ސްނެޕްޗެޓްގެ މި އީޖާދު ފަރުމާކޮށްފައިވަނީ ޒުވާނުންނަށް ހާއްސަ ޒުވާނުން ގަޔާވާ ގޮތަކަށްކަމުން މި އީޖާދު ވައިގަ ހިފުން އެކަށީގެން ވެއެވެ. އެ ފަރާތްތަކުން ދައްކާ އެއް ހެއްކަކީ ސެނެޕްޗެޓް މާކެޓަށް ނިކުތްއިރު ފޮޓޯނަގާ ޝެއާކުރާ އެތައް ސޯޝަލް ޕްލެޓްފޯމެއް އޮތް ކަމެވެ. އަދި ސްނެޕްޗެޓް ހޯދަމުން އަންނަ ކާމިޔާބީ އެވެ.
މި އީޖާދާ ދެކޮޅަށް ވާހަކަ ދައްކާ ފަރާތްތަކުން ފާހަގަކުރާގޮތުގައި ސްމާޓް ފޯނުތަކުން ފޮޓޯނެގޭއިރު އައިނެއް މެދުވެރިކޮށް ފޮޓޯނެގުން މީހުންނަށް ވާނީ އިތުރު ބޮލު ރިހުމަކަށެވެ. މި އީޖާދު ބާޒާރަށް ނެރޭތާ ދުވަސްކޮޅެއްގެ ތެރޭގައި އީޖާދު ފްލޮޕްވެ މާކެޓްތަކުން މި އީޖާދު އަނބުރާ ނަގަންޖެހޭނެ ކަމަށް އެ ފަރާތްތަކުން ބުނެ އެވެ.
ކޮންމެއަކަސް އައު އީޖާދެއް ބާޒާރަށް ނެރޭއިރު އެކަމާ ފާޑުކިޔާ ދެކޮޅު ހަދާނެ ބަޔަކު އަބަދުވެސް ތިބޭނެ އެވެ. ސްނެޕްޗެޓް ކުންފުނީގެ ނަން ސްނެޕް އިންކް އަށް ބަދަލުކޮށްފައިވާއިރު އެ ކުންފުނިން ބުނެފައިވަނީ ސްޕެކްޓެކަލްސް ވެގެންދާނީ ސްނެޕްޗެޓް ބޭނުންކުރާ ފަރާތްތަކުގެ މެދުގައި މަގްބޫލު އީޖާދަކަށް ކަމަށެވެ. އަދި ސްނެޕް އިންކް އިން މިފަދަ އިތުރު އީޖާދުތައް މާކެޓަށް ނެރެމުންދާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފަ އެވެ.