އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން އަޅާ އާ ޓާމިނަލް ގެ މަސައްކަތަށް ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓުން ލޯނުގެ ގޮތުގައި 100 މިލިއަން ޑޮލަރު ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މިރޭ ކުރުނބާ މޯލްޑިވްސްގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރެވެ. ސައުދީ ފަންޑުގެ ފަރާތުން ސޮއި ކުރެއްވީ ވައިސް ޗެއާމަން އަދި މެނޭޖިން ޑިރެކްޓަރު ޔޫސުފް އަލް ބައްސާމް އެވެ.
ފަސް އަހަރުގެ ގްރޭސް ޕީރިއަޑަކާ އެކު މި ލޯނު އަދާކޮށް ނިންމަން ޖެހެނީ 25 އަހަރު ތެރޭގައި އެވެ. އާ ޓާމިނަލް އެޅުމުގެ މަސައްކަތް މި އަހަރު މެއި މަހު ހަވާލުކޮށްފައި ވަނީ ސައުދީގެ ބިންލާދީން ގްރޫޕާ އެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ތަރައްގީކުރުމަށް ނިންމާފައިވާ އެއާޕޯޓުތަރައްގީ ކުރުމުގެ މަޝްރޫއަށް ޖުމްލަ 800 މިލިއަން ޑޮލަރު ހަރަދުވާނެ ކަމަށް ސަރުކާރުން ބުނެ އެވެ. މި މަޝްރޫގެ ދަށުން އެޅުމަށް ހަމަޖެހިފައިވަނީ 78000 އަކަ މީޓަރުގެ ބޮޑު ޓާމިނަލެކެވެ.
ސައުދީ ފަންޑުން ދޭ 100 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމުގައި ސޮއި ކުރި އިރު މިދިޔަ މަހު ވަނީ ޓަމިނަލް އަޅަން ކުވައިތު ފަންޑުން ދޭ 50 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ވެސް ސޮއިކޮށްފަ އެވެ. އަދި އަބޫދާބީ ފަންޑުން 40 މިލިއަން ޑޮލަރު ދޭނެ އެވެ.