އައިމްގޮނަ: ކުރު މުއްދަތެއްގެ ތެރޭގައި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ކާމިޔާބު ވީޑިއޯ ލަވައެއް

އަޅުގަނޑުމެން ދިވެހިންގެ ތެރެއިން ގިނަ ބަޔަކީ ތަފާތު ކަމެއް ކުރުމަށް ނުވަތަ ތަފާތު ކަމެއް ފެނުމަށް އަބަދުވެސް އެދެމުންދާ ބައެކެވެ. ޚާއްސަކޮށް މުނިފޫހި ފިލުވުމުގެ ދާއިރާއިންނެވެ.ހަމައެކަނި ހިންދީ ލަވަތަކުގެ ރާގަށް ކޮޕީ ލަވަ ހަދައިގެން ވީޑިއޯ ލަވަ ނެރުނު ޒަމާން މިވަނީ ބަދަލުވެފައެވެ. މުނިފޫހި ފިލުވުމުގެ ދާއިރާގައާއި މިއުޒިކީ ދާއިރާގައި މިހާރު މަސައްކަތް ކުރާ ގިނަ ފަންނާނުން ވެސް މަސައްކަތް ކުރަނީ ކުރިން ފެނިފައި ނުވާފަދަ ތަފާތު، ނަމަވެސް ބެލުންތެރިނާއި އެހުންތެރިންނަށް ކަމުދާ ހުނަރެއް ދައްކާލުމަށެވެ.

އެގޮތުން މި ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު ”ކްރޯމާ“ އިން މިވަނީ މިފަދަ ބޮޑު އިންގިލާބެއް ނުވަތަ ބަދަލެއް ރާއްޖޭގެ މުނިފޫހި ފިލުވުމުގެ ދާއިރާ އަށް ގެނުވާނެ ވީޑިއޯއެއް ބެލުންތެރިންނަށް ދޫކޮށްލާފަ އެވެ.  ކްރޯމާ ގެ އެންމެ ފުރަތަމަ ޕްރޮޑަކްޝަން ކަމަށްވާ ”އައިމް ގޮނަ“ މިލަވަ ވެގެންގޮސްފައިމިވަނީ  ރިލީޒް ކުރުމުގެ ކުރިން ވެސް ވަރަށް ގިނަ ބަޔަކު އިންތިޒާރު ކުރަމުން އައި، އަދި ރިލީޒްވުމަށްފަހު ވަރަށް ގިނަ ބަޔަކަށް ކަމުދިޔަ ވީޑިއޯ ލަވައަކަށެވެ.

ލޯބީގެ ލަވައެއް ކަމަށްވާ ”އައިމް ގޮނަ“، މިލަވައިގެ ނަމުންވެސް ލަވައިގެ ތަފާތުކަމާއި ޚާއްސަކަން ހާމަ ކޮށްދެއެވެ. ދިވެހި ބަހާއި އިނގިރޭސި ބަސް އެއްކޮށްލައިގެން ކިޔާފައިވާ މިލަވަ އެތައްބަޔަކު ދަނީ ބަލާ އަޑު އެހުމުގެ އިތުރުން ޑައުންލޯޑް ވެސް ކުރަމުންނެވެ. މާލޭގެ އެކި ސަރަޙައްދު ތަކުގެ އިތުރުން ވިލިމާލެ، ހުޅުމާލެ، އަދި ކ.ހުރާ ގައި ބޮޑު ބައެއް ޝޫޓުކޮށްފައިވާ  ބަލާލަން ރީތި ހިތްގައިމު މަންޒަރުތައް ތަކެއް ދައްކުވާދޭ މިލަވަ، އާއްމުންނާއި ހަމަޔަށް ގެނެސްދީފައި މިވަނީ މިދާއިރާ އަށް މުޅިން އައު ބައެކެވެ. މިލަވަ މިހާ ޚާއްސަވާ އެއް ސަބަބަކީ މިއީ އެވެ. އެއީ މިލަވައިގެ އުފެއްދުންތެރިންނާއި ހަމައިން ފެށިގެން ލަވައިގާ އުޅޭ ތަރިންނާއި ހަމަޔަށް، ފެންނަމުން ދަނީ މިދާއިރާ އަށް މުޅިންއައު މޫނު ތަކެކެވެ. ނަމަވެސް އެހާމެ ހުނަރުވެރިއެވެ.

އެންމެ ފުރަތަމަ ’ކްރޯމާ‘ އަކީ ކޮން ބައެއްތޯ ބަލާލަމާ ތޯ އެވެ. ކްރޯމާ އަކީ، ވަރަށް ހުނަރުވެރި، ހީވާގި ހަތަރު ’މާސްޓާ މައިންޑް‘ އެއް ހިންގާ ކޮމެޕެނީއެކެވެ. އޭގެ ތެރޭގައި ހިމެނެނީ ކްރޯމާގެ މެނޭޖިންގް ޑިރެކްޓަރ އާޝިޔާ، ޕްރޮޑަކްޝަން މެނޭޖަރ އުމޭ، ކްރިއޭޓިވް ޑިރެކްޓަރ ސާމި، އަދި ޑައިރެކްޓަރ އޮފް މިއުޒިކް އެންޑް ކޮރިއޮގްރަފީ ޝަޒާން އެވެ. ނަމަވެސް ”އައިމް ގޮނަ“ މިލަވަ ފުރިހަމަކުރީ މިހަތަރު ފަރާތުގެ އިތުރުން ހަ މީހުންނާއި އެކު މުޅިއަކު ދިހަ މީހުންގެ ކުޑަ ޓީމަކުން، އަދި އެހާމެ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ. ލަވަ ބަލާލުމުން މިއީ ގާތްގަނޑަކަށް އެއްމެ 15 ދުވަހުގެ ބުރަ މަސައްކަތް ކަމަށް ގިނަ ބަޔަކަށް ޤަބޫލެއްވެސް ނުކުރެވެއެވެ. ނަމަވެސް ޙަޤީޤަތަކީ މިއީ އެވެ.

ޝަޒާން އަކީ މިލަވައަށް މިހާ ބޮޑު ތަރުހީބެއް ލިބުނު މައިގަނޑު އެއް ސަބަބު ކަމަށް ބައެއް މީހުން ދެކެއެވެ. ނަމަވެސް އެއީ ޝަޒާންގެ ހުނަރުވެރި ކަމާއި މެދު އެއްވެސް ޝައްކެއް ކޮށްފައެއް ނޫނެވެ. ލަވަ ރިލީޒް ކުރުމުގެ ކުރިން ޒުވާން ގިނަ އަންހެން ކުދިން، ”މިލަވަ ބަލާނީ ޝަޒާން އުޅޭތީ އޭ، ޝަޒާން ސަޅި ކަމުން“ ނޭ ބުނި ކަމުގައި ވިޔަސް، ލަވަ ބެލުމަށްފަހު އެކުދިން ބުނަމުން އައީ ”މިލަވަ ވަރަށް ސަޅި“ ކަމަށާއި ވަރަށް ’މެޖިކަލް‘ ކަމަށެވެ. އަދި ޝަޒާން އަކީ ހުނަރުވެރި މޮޅު އެކްޓަރެއްކަން ވެސް ގިނަ ބަޔަކު ވަނީ ފާހަގަ ކޮށްފައެވެ.

ނަމަވެސް މިލަވައިގާ ޝަޒާން އަދާ ކޮށްފައިވާ ރޯލަކީ ހަމައެކަނި އެކްޓަރެއްގެ ރޯލު އެކަންޏެއް ނޫނެވެ. މިލަވައިގެ މިއުޒިކް ކޮމްޕޯސްކޮށް، ލަވައިގެ ލިރިކްސް ލިޔެ އަދި މީގެ އިތުރުން ލަވަ ކިޔާފައިވަނީ ވެސް ޝަޒާން ގެ ހިތްގައިމު އަޑުންނެވެ. މިއީ ޝަޒާން ގެ އެންމެ ފުރަތަމަ ވީޑިއޯ ލަވައެވެ.

’އައިމް ގޮނަ‘ މިލަވައަށް ދެން އިތުރު ފުރިހަމަ ކަމެއް ގެނެސްދީފައިވަނީ ލަވައިގެ ލީޑް ރޯލުން ފެނިގެންދާ އެކްޓްރެސް ދުހޫ އެވެ. މިއީ ދުހޫ ވެސް މިދާއިރާއަށް ނިކުތް އެންމެ ފުރަތަމަ ފަހަރެވެ. ’ކްރޯމާ‘ އިން ފާހަގަ ކޮށްފައިވާ ގޮތުގައި ދުހޫ އަކީ މަސައްކަތަށް ވަރަށް ވެސް ޑެޑިކޭޓެޑް އަދި އެހާމެ ކުޅަދާނަ މޮޅު އެކްޓްރެސް އެކެވެ. އަދި ހަމަ މިއާއެކު ދުހޫ އާއިއެކު މަސައްކަތް ކުރަން އެހާމެ މަޖާކަން ވެސް ކްރޯމާ އިން ވަނީ އިންޓަވިއު އެއްގައި ފާހަގަ ކުރައްވާފައެވެ.

”މިއީ ދުހޫ މިކަހަލަ ކަމަކުން ފެނިގެންދާނެ ފުރަތަމަ ފަހަރު. ވަރަށް އުފާވޭ މިކަހަލަ ޗާންސެއް ކްރޯމާ ގެ ފަރާތުން ލިބުނީމަ“ އިންޓަވިއު އެއްގައި ދުހޫ ބުނެފައިވެއެވެ. އަދި މިލަވައިގެ މަސައްކަތާ ބެހޭ ގޮތުން ދުހޫ ބުނެފައިވަނީ ”މިއީ ވަރަށް އެހެން ކަހަލަ އެކްސްޕީރިއަންސެއް، ވަރަށް ގިނަ ކަންތައްތަކެއް ދަސްވި މިލަވައިގެ ސަބަބުން“ އަދި އެންމެ އުނދަގޫވީ ކޮން ސްކީނެއްތޯ ފާހަގަ ކުރަމުން ދުހޫ ބުނެފައިވަނީ އެންމެ އުނދަގޫވީ މޫދު އަޑީގައި ނެގި މަންޒަރު ކަމަށެވެ. ސަބަބަކީ ދުހޫ އަށް ފަތަން  ނޭނގޭތީ އެވެ. މި މަންޒަރު ނެގުމުުގެ ތެރޭގައިވެސް ދުހޫ ވަރަށް ގިނަ ފަހަރު ގެނބުނު ކަމަށްވެސް އިންޓަވިއު ގައި ދުހޫ ބުނެފައިވެއެވެ.

އައިމްގޮނަ ލަވައިގާ މޫދުގައި ކުޅުނު މަންޒަރު– ފޮޓޯ: ކްރޯމާ

މޫދުއަޑީގައި ނަގާފައިވާ މި މަންޒަރަކީ، މިލަވައިގާ ހިމެނޭ އެއްމެ ކުޑަ ނަމަވެސް އެންމެ އުނދަގުލުން ނެގުނު މަންޒަރު ކަމަށް ކްރޯމް އިން ވެސް ވަނީ ބުނެފައެވެ. އެންމެ ހިތްހަމަ ޖެހޭ އެންމެ ފުރިހަމަ ކޮށް މި މަންޒަރު ނެގުނީ ޖެހިޖެހިގެން ތިން ދުވަހުގެ ބުރަ މަސައްކަތުންނެވެ. ތިން ދުވަހު ކޮންމެ ފަހަރަކު އެއް ހެދުމެއް ލައިގެން ނަގާފައިވާ މި މަންޒަރު އެހާމެ ރީތިވެފައި ފުރިހަމައެވެ.

moodhu-1

ލަވައިން ފެންނަ  ފާހަގަ ކޮށްލެވޭ ޚާއްސަ އަނެއް ކަމަކީ ލަވައިގެ ޑާންސް ސްޓެޕް ތަކެވެ. އެ ސްޓެޕްތަށް މިހާރުވެސް ގިނަ ބަޔަކު ދަނީ ދަސްކުރަމުންނެވެ. މިފަދަ ފުރިހަމަ ކަމެއް ’އައިމް ގޮނަ‘ އަށް ގެނެސް ދީފައިވަނީ ”އިލިއުޝަން“ ޑާންސް ގްރޫޕުގެ ފަރާތުންނެވެ.

”އައިމް ގޮނަ“ އަކީ އިލިއުޝަން ޑާންސް ގްރޫޕުގެ އެންމެ ފުރަތަމަ ވީޑިއޯ ލަވައެވެ. ޑާންސް ޝޮޓްތަށް ނަގާފައިވަނީ ދަންވަރު ގަޑިއެއްގައެވެ. އަދި އެސްޓެޕްތަކަށް އިތުރު ފުރިހަމަ ކަމެއް ގެނެސް ދިނީ، އެވަގުތު ވެހެމުން ދިޔަ ވާރެއެވެ، އެޝޮޓްތަށް ނެގުމަށް ބޭނުންވި ވަރަށް ބޯކޮށް ވާރޭވެހުން ވެގެން ދިޔައީ ’ކްރޯމާ‘ ގެ އެއް ނަސީބު ކަމުގައެވެ. އަދި އެޝޮޓްތަކާއިމެދު ޓީމުގެ ހުރިހާ ފަރާތްތަކުން ވެސް ހުރީ ވަރަށް ވެސް ހިތްހަމަ ޖެހިފައެވެ.

މިފަދަ ކާމިޔާބު ލަވައެއް މިހާ ފުރިހަމަކޮށް ނިންމޭނީ ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރި ކަމާއިއެކު ކަން ’ކްރޯމާ‘ އިން ފާހަގަ ކުރެ އެވެ. އެގޮތުން ފާހަގަ ކޮށްލެވޭ އެއްފަރާތަކީ ލަވައިގެ މިއުޒިކް ރިކޯޑްކޮށް، މިއުޒިކް މާސްޓެރިންގް ހަދާ ދިން ފަރާތެވެ. މިލަވައިގެ މިއުޒިކް ރިކޯޑްކޮށް، މާސްޓެރިންގް ކޮށްފައިވަނީ ފައި ސްޓޫޑިއޯ ގައި ފައި އެވެ.

މީގެ އިތުރުން ދުހޫގެ ހެއަރ ސްޓައިލިންގް އާއި މޭކަޕު ކޮށްދިން ސްޓައިލޯ ސެލޫން ގެ މަސައްކަތް ވެސް ’ކްރޯމާ‘ އިން ވަނީ ފާހަގަ ކޮށްފައެވެ. އެފަރާތުން ބުނި ގޮތުގައި ވަރަށް ކުޑަ ވަގުތު ކޮޅަކަށް ވެފައި ވަނިކޮށް ވެސް ސްޓައިލޯ ސެލޫން ގެ ޝްރެޔާ ގާތު ބުނުމުން، މޭކަޕް ކުރުމާއި ހެއާރސްޓައިލް ކުރެވޭނޭ ގޮތް ސްޓައިލޯ ސެލޫންގެ ފަރާތުން ޝްރެޔާ ހަމަޖައްސާ ދެއްވިއެވެ.

”އައިމް ގޮނަ“ އުފެއްދުމަށްޓަކައި އެހީތެރިވެދިން އިތުރު ފަރާތްތަކަކީ އިކުއިޕްމެންޓްތަށް ފޯރުކޮށްދިން މެޑޯ އާއި، ’ހުރާއިން‘ މޯޑު އާއި ހުރާ ޖައްލެ ގެ އިތުރުން ނާނު، ޖީ، ރުސްތަމް، ހައު، އަދި ލަވައިގައި އިސްކޮށް ހަރަކާތްތެރި ވެފައިވާ އިލިއުޝަން ޑާންސް ގްރޫޕްގެ އިތުރުން ދުހޫ އެވެ. މިހުރިހާ ފަރާތްތަކުން ވެސް ކޮށްދިން މަސައްކަތްތަށް ކްރޯމާ އިން ވަނީ ފާހަގަކޮށް އެހުރިހާ ފަރާތްތަކަށް ވެސް ޝުކުރު އަދާކޮށްފައެވެ.

ޕްރޮޑަކްޝަން މަސައްކަތެއް ކުރުމަށް ގާއްގަނޑަކަށް އެއްއަހަރު ވަންދެން ރާވަމުން ގެންދިޔަ ކްރޯމާ އިން ގާތްގަނޑަކަށް 15 ދުވަސް ތެރޭ ނިންމާލި ”އައިމް ގޮނަ“ އަޕްލޯޑް ކުރެވިފައިވަނީ ފޭސްބުކްގެ ”ކްރޯމާ“ ޕޭޖް ގަޔާއި ޔޫޓިއުބް ގައެވެ. މި ހިތްގައިމު ލަވައަށް ފަހު، މިއަންނަ އޮކްޓޯބަރު މަހު ކްރޯމެ ގެ މުޅިން އާ އުފެއްދުމެއް ބެލުންތެރިންނާއި ހަމަޔަށް ގެނެސް ދިނުމުގެ މަސައްކަތް މިހާރުވެސް ފަށާފައިވާ ކަމަށް ކްރޯމާ އިން ވަނީ ’ދުވަސް‘ އަށް މަޢުލޫމާތު ދީފައެވެ.

ކްރޯމާ އިން ބުނެފައިވަނީ ކުރިއަށް އޮތްތާނގައި ލަވައިގެ އިތުރުން ފޮޓޯގްރަފީ އާއި އެޑްވަޓައިސްމަންޓްސް ގެ މަސައްކަތްތަށް ވެސް ކުރަމަށް، ކްރޯމާ އިން ނިންމާފައިވާ ކަމަށެވެ.

ކްރޯމާގެ އަޕްޑޭޓްސްތައް މިސްކޮށްލަން ބޭނުން ނޫންނަަމަ ކްރޯމާގެ ފޭސްބުކް ޕޭޖަށް ލައިކެއް ދެއްވާށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *