މަރު: ނޫނެކޭ ނުބުނެވޭނެ ދައުވަތު

މާތް ﷲ އިންސާނުން މިދުނިއަށް ފޮނުވާފައިވަނީ ނިސްބަތުން ވަރަށް ކުޑަދުވަސްކޮޅަކަށެވެ. ކޮންމެމީހަކީވެސް ވަކިއަޖަލެއްކަނޑައެޅިފައި ވާ މީހެކެވެ. ދުނިޔެވީ ހަޔާތަކީ އިންސާނާގެ ހަޤީޤީ މަންޒިލް މަޤްސޫދެއް ނޫންކަން އެންމެ ހިނދުކޮޅަކަށް ވެސް ހަނދާނުން ކައްސުވާލައިގެން ވާކަށްނެތެވެ. އަދި އިންސާނާގެ އަސްލު މަންޒިލަކީ އުޙްރަވީ ހަޔާތެވެ. އިންސާނާ ދުނިއަށް ފޮނުއްވާފައިވަނީ އާޙިރަތުގެ ބާއްޖަވެރިކަން ލިބިގަތުމަށް މަސައްކަތް ކުރުމަށެވެ. އަދި މިދުނިއެއަކީ ހެއްލުންތެރި ތަނެއްކަމާއި މިތަނުގެ ލައްޒަތާއި އުފަލާއި އަރާމަކީ ދަޅަތަކެއްފަދަ ވަގުތީ އެއްޗެކެވެ. އެހެންކަމުން ދުނިޔޭގައި އުޅުމަށް އަޅުގަނޑުމެންނަށް ދެއްވާފައިވާ ކުޑަވަގުތު ކޮޅުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި  އާޙިރަތް ބާއްޖަވެރި ކުރުމަށް މަސައްކަތް ކުރަންޖެހެއެވެ.

އެގޮތުން ކޮންމެމީހަކުވެސް އެމީހެއްގެ މަރުގެ ދަޢުވަތު އެމީހަކަށް ލިބޭނެއެވެ.ދުނިޔޭގެ ދަންފަޅި ހަމަކުރުމަށް ފަހު އެނބުރި ﷲ ގެ ޙަޞްރަތަށް ދާންނުޖެހޭނޭ މަޙްލޫގަކީ ފަހެ ކޮބާހެއްޔެވެ؟  ކޮންމެ މަޙްލޫޤެއްވެސް މިދުނިޔެ އާއި އަލްވަދާޢު ކިޔަންޖެހޭނެއެވެ. މާތް ﷲ ސްބުހާނަހޫ ވަތައާލާގެ ވަހީބަސްފުޅެއްގެ މާނާގައިވެއެވެ.“ އެބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެދަނިވި އެއްޗެކެވެ.އަދި ކަލޭގެ ފާނުގެ ވެރި ކީރިތިވަންތަކަމާއި ، މާތްވަންތަކަމުގެ ވެރި ރަސްކަލާންގެ ޛާތުފުޅު ދެމިވޮޑިގެންވެއެވެ“ މިއެވެ. އަދި އެކަލާންގެ ވަހީބަސްފުޅެއްގެ މާނާގައި ވެއެވެ.“ކޮންމެ އުންމަތަކަށް އަޖަލެއްވެއެވެ.ފަހެ އެއުރެންގެ އަޖަލު ހަމަވުމުން ،އެންމެ ހިނދުކޮޅަކަށްވެސް އެއުރެންނަކަށް ލަހެއް ނުކުރަށްވާ ހުއްޓެވެ.އަދި އަވަހެއްވެސް ނުމެކުރަށްވާ ހުއްޓެވެ“

ވުމާއި އެކު މިހަޤީޤަތާއި ކުރިމަތި ވުމުގެ ކުރިން ތިމާ ތައްޔާރުވެ ތަޤުވާވެރިވެ ވާންޖެހެއެވެ.ތައުބާވެ ފާފަފުއްސެވުމަށް އެދި ﷲ ސްބުހާނަހޫ ވަތައާލާއަށް ދަންނަވާ ގިނަގިނައިން  ދުޢާކުރަންޖެހެއެވެ. އަޅުގަންޑުމެންގެ ލޯމަތިން މިއަދު ފެންނަނީ އަޅުގަނޑުމެންނާއި އެކު އުޅޭ ރަށްޓެހިންނާއި ، ގާތް މީހުން އަދި  އާއިލާ މީހުން އެކި އެކި އެކްސިޑެންޓްތަކުގައި އާއި ބޮޑެތި ބަލިތަކުގަޔާއި ނުވަތަ އެއްވެސް ބައްޔެއްނެތި ގަދަފަދަމީހުން މަރުވެގެންދާތަނެވެ.ވަކި އުމުރެއްގެ މީހެއް  ވަކިނަސްލެއްގެ މީހެއް، މުއްސަންޖެއް ،ފަޤީރެއް ، މާތްމީހެއް ނުވަތަ ނިކަމެއްޗެއް ، ރުހުނަސް ނުރުހުނަސް  މިދުނިޔެ ދޫކޮށް ﷲ ގެ ޙަޟުރަތަށް އެނބުރިދާތަން އަޅުގަނޑުމެންގެ ލޯމަތިން މިއަދު ފެނެއެވެ.

އަޅުގަނޑުމެންގެ ހަޔާތުގެ ކޮންމެ ސިކުންތަކީ ،ކޮންމެ މިނެޓަކީ އަދި ކޮންމެ ގަޑިއަކީ މަރާއި ކައިރި ކުރުވާ ކަމެކެވެ. ތިމާގެ އަޖަލު ކައްވަޅާއި ކައިރިވަމުންދާކަމާއި މެދު ވިސްނާ ފިކުރު ކުރަމުތޯއެވެ؟

ދުނިޔޭގައި އަޅުގަނޑުމެން އުޅެންޖެހޭނީ މި ދުނިޔޭގެހަޤީޤަތް އެގިގެން ހުރެއެވެ.ރަސޫލާ ސައްލައްﷲ އަލައިހް ދުނިޔޭގައި ދިރިއުޅުމުގެ ހަޔާތުގެ މިސާލު ބަޔާން ކުރަށްވާފައިވަނީ“ ދަތުރުވެރިޔަކު ދަތުރުކުރަމުންގޮސް  ގަހެއްގެ ދޮށުގައި ހިޔަލުގައި  މަޑުކޮށްލައިގެން އިންނަ މީހެއްފަދައިންނެވެ. ދެން  އިސާހިތަކު އޭނާ ދަތުރަށް ފަށާފާނެއެވެ.“

ވުމާއި އެކު، ދުނިޔޭގެ މިދަތުރުގައި ހެޔޮޢަމަލުކޮށް ތައުބާވެ  މަރަށް ތައްޔާރުވާށެވެ. ތިމާގެ އަޖަލު ހަމަވުމުން ތިމާއެއްކުރި ފައިސާ އާއި މުދަލުން ޒައްރެއްގެ މިންވަރުވެސް ނުގެންދެވި އެކަނިމާއެކަނި ކަށްވަޅަށް ދާންޖެހޭކަމާއި މެދު ވިސްނާށެވެ. ތިމާ އެންމެ ލޯބިވާ އަނބިމީހާއި ،ފިރިމީހާވެސް އަދި ދަރިންވެސް ކަށްވަޅާއި ހަމައަށް އައުމަށް ފަހު އެނބުރި ދާނެއެވެ. ކިތަންމެ ވިއްސާރަޔަސް  އަދި ކިތަންމެ އަނދިރިޔަސް މަންމައާއި ބައްޕައެއް ނުވަތަ މުނިފޫހިފިލުވާ ދޭނެ ރަށްޓެއްވެސް  ނާންނާނެއެވެ. އަދި އަޔަސް ކުރެވޭނެ ކަމެއްނޯންނާނެއެވެ. އެހިނދު އެންމެންވެސް އެމައްޔިތާ ވަޅުލުމަށް ފަހު އެތަނުން އެނބުރި ހިނގައިދާނެއެވެ. އާދެ!  މަރުގެ މިދަޢުވަތަށް ނޫނެކޭ ބުނެވޭނީ ފަހެ ކޮންމަޙްލޫޤަކަށް ތޯއެވެ؟

ލިޔުނީ: ޢަބުދުއްރަޙްމާން ބުނު އަޙްމަދު

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *