އައްޑޫސިޓީ ހިތަދޫގައި ރޭ ހިނގި މާރާމާރީގައި ފަސް މީހަކު ޒަޚަމް ވެފައިވާ އިރު، މިމައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރު ކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފިއެވެ.
އޮންލައިން ނޫހެއްކަމަށްވާ ”އައްޑޫލައިވް“ އަށް ފުލުހުންގެ މީޑިއާ އޮފިޝަލް މަޢުލޫމާތު ދީފައިވަނީ ރޭ ހިނގި މާރާމާރީ އާއި ގުޅިގެން ރަށުތެރެ ބެލެހެއްޓުމުގެ ހާއްސަ ހަރަކާތެއް ރޭ ފަށާފައިވާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި ހިނގި މި މާރާމާރީގައި ފަސް މީހުން ޒަޚަމްވެފައިވާ އިރު، އޭގެ ތެރެއިން އެކަކުގެ ހާލު ތަންކޮޅެއް ރަނގަޅު ވުމުން މިހާރު ވަނީ ގެއަށް ދޫކޮށްލެވިފައެވެ. ނަމަވެސް އަނެއް ހަތަރު މީހުންނަށް އަދިވެސް ދަނީ އައްޑޫ ސިޓީ ހިތަދޫ ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުންނެވެ.
ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ އޮފިޝަލަކު ބުނެފައިވަނީ، ޒަޚަމްވި މީހުންގެ ތެރެއިން އެކަކުގެ ބޮލަށް ސީރިއަސް އަނިޔާތަކެއް ލިބުމުގެ އިތުރުން އޭނާގެ އަތަށާއި ބުރަކައްތަށް ވެސް ބައެއް ހަމަލާ އަރާފައިވާ ކަމަށެވެ.
މިހާދިސާ ހިތަދޫގައި ރޭ ހިނގާފައިވަނީ ރަށުގެ މަގު ބައްތި ނިއްވާލާފައި ވަނިކޮށެވެ.