އިންޑިއާގެ އަސްކަރިއްޔާގެ ދަޢުވަތަކަށް އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް،މިއަދު ރާއްޖެ ވަޑައިގެންފި އެވެ.
ޗީފް އޮފް ޑިފެންސް ފޯސްގެ މިދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރާއްޖެވަޑައިގަތުމުން، އިބްރާހިމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯރޓުން އެމަނިކުފާނަށް މަރުޙަބާ ދެންނެވީ ސިފައިންގެ ޖެނެރަލް އޮފިސަރުންނެވެ.
މިމަހުގެ 19 ވަނަ ދުވަހުން، ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށް، ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާ އަށް ކުރެއްވި މި ދަތުރުފުޅުގައި، މިމަހުގެ 19 ވަނަ ދުވަހު ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރ މރ. މަނޯހަރު ޕަރިއްކާރު އާއި އިންޑިއާ އަސްކަރިއްޔާގެ ޗީފް އޮފް އެއަރ ސްޓާފާއި، ޗީފް އޮފް ނޭވަލް ސްޓާފްގެ އިތުރުން ޗީފް އޮފް ސްޓާފް ކޮމެޓީގެ ޗެއަރމަން އާއި، ޑިފެންސް ސެކެރެޓަރީއާ ބައްދަލުކުރައްވާފައި ވާކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
”އިންޑިއާގެ އަސްކަރިއްޔާގެ އިސްވެރިންނާއިއެކު ވަކިވަކިން ބޭއްވެވި މިބައްދަލުކުރެއްވުންތަކުގައި ދެ ޤައުމުގެ އަސްކަރީ ގުޅުން އިތުރަށް ތަރައްޤީކޮށް ދިވެހި އަސްކަރިއްޔާގެ އިންސާނީ ވަސީލަތް ތަރައްޤީކުރުމަށް ފުޅާ ދާއިރާއެއްގައި ވަނީ މަޝްވަރާ ކުރައްވާފައި، އަދި މި މަޝްވަރާތަކުގައި ދިވެހި އަސްކަރިއްޔާ ތަރައްޤީކުރުމަށް ބޭނުންވާ ކަންތައްތައް އިންޑިއާ އަސްރިޔާއިން ވަނީ އޮޅުންފިލުއްވާފައި، އަދި މި މަޝްވަރާތަކުގައި ދިވެހި ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް އަސްކަރީ ތަމްރީނުތަކުގެ އިތުރު ފުރުޞަތުތައް ހޯއްދެވުމަށް މަގުފަހި ކޮށްދެއްވާ، ޚާއްޞަގޮތެއްގައި ސިފައިންގެ އެއަރ ވިންގް އިތުރަށް ތަރައްޤީކޮށް ފުޅާކުރުމަށް ޚާއްޞަ އެހީތެރިކަމެއް ވެދެއްވާނެކަމަށް އިންޑިއާގެ އަސްކަރީ ވަފުދުން ވަނީ ވިދާޅުވެފައި، މި ބައްދަލުކުރެއްވުންތަކުގައި ދިވެހި އަސްކަރިއްޔާގެ ތަރައްޤީއާއި ކުރިއެރުމަށް އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް ޗީފް އޮފް ޑިފެންސް ފޯސް ވަނީ އިންޑިއާ އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފައި“ އެމްއެންޑީއެފުން މައުލޫމާތު ދެ އެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި ޗީފް އޮފް ޑިފެންސް ފޯސް އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި އިންޑީއާގެ ސަދަން ނޭވަލް ކޮމާންޑުން ހިންގާ ތަމްރީނު މަރުކަޒަށާއި، އިންޑިއަން ނޭވަލް އެއަރ ސްކޮޑްރަން އާއި ނޭވަލް އެއަރކުރާފްޓް ޔާޑް އަދި ޖޮއިންޓް އޮޕަރޭޝަން ސެންޓަރގެ އިތުރުން އިންޑިއަން ކޯސްޓްގާޑުގެ ބައެއް އުޅަނދަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. ޗީފް އޮފް ޑިފެންސް ފޯސް މި މަރުކަޒުތަކަށް ޒިޔާރަތްކުރެއްވުމުން އެމަރުކަޒުތަކުން އެމަނިކުފާނަށް ވަނީ ވަރަށް ހޫނު މަރުހަބާއެއް ދެންނެވި ކަމަށްވެސް އެމްއެންޑީއެފުން ހާމަކުރެ އެވެ.
”މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް ވަނީ އިންޑިއާގެ ކޮޗިންގައި އެކިއެކި ތަމްރީނުތައް ފުރި ކުރަމުންގެންދާ ދިވެހި ސިފައިންނާއި ބައްދަލުކުރައްވާ ތަމްރީނުތައް ކުރިއަށްދާގޮތް އޮޅުންފިލުއްވާ އެފަރާތްތަކަށް ހިތްވަރުދެއްވާފައެވެ.“ އެމްއެންޑީއެފުން ހާމަކުރެ އެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝަޔާމް އިންޑިއާއަށް ކުރެއްވި މި ދަތުރުފުޅުގައި ޑައިރެކްޓްރޭޓް އޮފް އޮޕަރޭޝަން އެންޑް ޓްރެއިނިންގގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ހާމިދު ޝަފީގް ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.