އަލީ ވަހީދު --
އަލީ ވަހީދު --

އަލީ ވަހީދު ޕާސްޕޯޓު ހިފެހެއްޓީ ގޮތް ހުސްވެގެން

އެމްޑީޕީގެ ޗެއާޕާސަން އަލީ ވަހީދުގެ ޕާސްޕޯޓު ކެންސަލް ކުރީ ސަރުކާރުން ހިންގަމުން ގެންދާ ބޮޑެތި ވައްކަންތަކާއި ފަސާދަ އާއި ޖަރީމާތައް ހާމަކުރާތީ އެކަމާ ކަންބޮޑުވެ، ގޮތް ހުސްވެގެން ކަމަށް އެމްޑީޕީން ރޭ ބުނެފި އެވެ.

އިމިގްރޭޝަނުން ވަނީ އަލީ ވަހީދު އާއި ރިޔާސީ ލޯންޗު ކޮޅުގައި އެއްޗެއް ގޮއްވާލި ކަމުގެ ތުހުމަތު ކުރެވޭ ފަސް މީހެއްގެ ޕާސްޕޯޓު ކެންސަލް ކޮށްފައި އެވެ. އަދި މީގެ ކުރިން ވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި މި ސަރުކާރުގެ ފުރަތަމަ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދާއި އެމްޑީޕީ ސަރުކާރުގެ ބައެއް އިސްވެރިންގެ ޕާސްޕޯޓު ކެންސަލް ކޮށްފައި އެވެ.

އަލީ ވަހީދު ޕާސްޕޯޓު ކެންސަލް ކުރުމާއި ގުޅިގެން އެ ޕާޓީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިހާތަނަށް އެންމެ ގިނަ ބަޔަކު ބައިވެރިވި މޭޑޭ މުޒާހަރާއާ ގުޅިގެން އަލީ ވަހީދު ހައްޔަރުކުރީ ސަރުކާރުން ހިންގާ ވައްކަންތަކާ ދެކޮޅަށް އެހާ ގިނަ އަދަދެއްގެ މީހުން ނެރުމުގައި އޭނާ އަދާކުރެއްވި އިސް ދައުރުގެ ސަބަބުން އެކަމާ ޖެހިލުންވެ، ކަންބޮޑުވެގެން ކަމަށެވެ.

”ސަރުކާރުގެ ނޭއްގާނީ، ފިނޑި އަމަލުތަކަކީ ބޮޑެތި ވައްކަންތަކާއި ޖަރީމާތައް ބޭޒާރުކޮށް، ސަރުކާރާ ދެކޮޅަށް އިދިކޮޅު ލީޑަރުން ކުރައްވާ މަސައްކަތް ފަހަތަށް ޖެއްސޭނެ ކަމެއް ނޫނެވެ،“ ބަޔާނުގައިވެ އެވެ.

އިމިގްރޭޝަނުން ބުނީ ރާއްޖޭގެ ޝަރުއީ އިދާރާތަކަށާއި ތަހުގީގީ އިދާރާތަކުން ބަލާ މައްސަލަތައް ކުރިއަށް ގެންދިޔުމުގައި ގިނަ ހުރަސްތަކެއް ދިމާވަމުންދާކަން ފާހަގަ ކުރެވޭތީ އެ މީހުންނަށް ދޫކޮށްފައިވާ ޕާސްޕޯޓު ކެންސަލްކޮށްފައިވާ ކަމަށެވެ. އަދި އެކަން ރާއްޖެ އާއި ރާއްޖޭން ބޭރުގެ ކަމާބެހޭ ފަރާތްތަކަށް އަންގާފައިވާ ކަމަށް އިމިގްރޭޝަނުން ބުނެ އެވެ.

މީގެ އިތުރުން ޝަރުއީ ކޯޓުގެ އަމުރެއް ނުވަތަ ހުކުމަކާ ގުޅިގެން ހައްޔަރުކޮށް، ހިފެހެއްޓުމުގެ ބާރު ގާނޫނުގެ ދަށުން ލިބިދޭ ފަރާތަކުންްނާއި ރާއްޖޭން ފުރުން މަނާ ކުރެވޭ މީހުން ފިޔަވައި އެހެން ކޮންމެ ރާއްޖޭން ބޭރަށް ފުރައިގެން ދެވިދާނެ ކަމަށެވެ.

ނަމަވެސް ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން ރާއްޖެއިން ބޭރުގައި ދިރިއުޅެވިދާނެ މީހުންގެ ތެރޭގައި ޝަރުއީ ހުކުމަކަށް ނުވަަތަ ތަހުގީގީ އިދާރާތަކަށް ބޭނުންވެގެން ހޯދާ މީހުން ނުހިމެނޭ ކަމަށްވެސް އިމިގްރޭޝަނުން ބުނެ އެވެ.

އިމިގްރޭޝަނުން ބުނީ ޕާސްޕޯޓު ކެންސަލް ކުރި މީހުން، ރާއްޖެ އައުމަށް ބޭނުންވެގެން ފޮރިން މިނިސްޓްރީ މެދުވެރިކޮށް، އިމިގްރޭޝަނަށް ހުށަހެޅުމުން ރާއްޖެ އައުމަށް ބޭނުންވާ ޓްރެވަލް ޑޮކިއުމަންޓްތައް ހަދާދޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *