ލ. މުންޑޫ އަކީ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ރަށަކީ މީހުން ނޫޅޭ ރަށެއް ކަމަށް ނިންމާ ރައީސް އޮފީހަށް މައުލޫމާތު ދެވިފައިވަނީ އޮޅުމަކުން ކަމަށް ޑިޕާޓްމަންޓު އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އިން ހާމަކޮށްފި އެވެ.
ލ. މުންޑޫ އާއި ގާދޫ އަކީ ފަޅު ރަށެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން މިއަދު ކަނޑައެޅުއްވި އެވެ. އަދި އެކަން ގެޒެޓުކުރުމަށް ފަހު މިހާރު ވަނީ މުންޑޫ ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅުއްވި ގަރާރު ގެޒެޓުން ނަގާފައި އެވެ.
ޑީއެންއާރުން ވަނީ މުންޑޫ ރައްޔިތުންގެ ކިބައިން މައާފަށް އެދިފައި އެވެ.
ޑީއެންއާރުން މިރޭ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މުންޑޫ އަކީ މީހުން ނޫޅޭ ރަށެއް ކަމަށް ރައީސް އޮފީހަށް މައުލޫމާތު ދެވިފައިވަނީ އެގޮތަށް އެ ތަނުގެ ޑޭޓާބޭސްގައި ރެކޯޑު ކުރެވިފައިވާތީ ކަމަށެވެ. އަދި ކަން ބަލަމުންދާ ކަމަށާއި އެކަމުގައި އިހުމާލުވާ މުވައްޒަފުންނަށް ފިޔަވަޅު އަޅާނެ ކަމަށް އެ ޑިޕާޓްމަންޓުން ނެރެފައިވާ ބަޔާނުގައި ބުނެފައިވެ އެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިހާބަށް މީހުން އުޅޭ ރަށްރަށް ކަނޑައަޅަން ބޭނުންވާ މައުލޫމާތު ދޭން ރައީސް އޮފީހުން އެދުމުން އެ މައުލޫމާތު ދިންއިރު، މުންޑޫ މީހުން އެހެން ރަށަކަށް ބަދަލުކޮށް ނިމިފައިބާ ރަށެއްގެ ގޮތުގައި ވަނީ ބުނެވިފަ އެވެ. އެކަމަކު މިހާރުވެސް އެ ރަށުގައި 400 އަށް ވުރެ ގިނަ މީހުން ދިރިއުޅެ އެވެ.
ޑީއެންއާރަށް މުންޑޫ އަކީ މީހުން އުޅޭ ރަށެއްކަން އެންގުނީ އެ ރަށް ފަޅު ރަށެއްގެ ގޮތުގައި ކަނޑައެޅުމުން މުންޑު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށް ޑިއެންއާރަށް ހުށަހެޅުމުންނެވެ. އެ ރަށު ކައުންސިލުން ބުނެފައިވަނީ މުންޑޫ ފަޅު ރަށެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ.
ޑީއެންއާރުން ބުނީ ތަކުރާރުކޮށް ބެލި އިރުވެސް އެ ޑިޕާޓްމަންޓުގެ ޑޭޓާ ބޭސް ދައްކާގޮތުން މުންޑޫ އަކީ މީހުން ނޫޅޭ ރަަށެއް ކަމަށެވެ. ނަމަވެސް އެކަން އެއީ ކުށެއްކަން މިހާޜު ރާއީސް އޮފީހަށް އަންގާފައިވާ ކަމަށް ބަޔާނުގައިވެ އެވެ.
ޑީއެންއާރުން ބުނީ މިފަދަ ކަމެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް އަރުވާ ކަމަށެވެ.
މުންޑޫގެ ބައެއް މީހުން މިހާރު ދިރިއުޅެމުން ދަނީ ލ. ގަމުގައި އެވެ.