ހއ.ހޯރަފުށީ ނޫރީގެ މުޙައްމަދު އަރުހަމް މަރާލިކަން ސާބިތުވުމުން، މިމައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވާ ލ.މާވަށު އެވާބުލޫ މުޙައްމަދު ވިސާމް (19 އ) މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
މިމައްސަލާގައި ދައުލަތުން ދައުވާ ކޮށްފައިވަނީ ވިސާމް ގެ އިތުރުން ގދ.ގައްދޫ ގުންޒަރު މުޙައްމަދު ސުފްޔާން އާއި، ލ.މާވަށު އަސަރީގޭ މަންސޫރު ޔޫސުފް ގެ އިތުރުން މއ. ސީނަރީވިޔު އާތިފް ރަޝީދުގެ މައްޗަށް ކަމަށެވެ. ނަމަވެސް މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކޯޓުން އަންގައިގެން އާތިފް ވަނީ ދޫކޮށްލާފަ އެވެ.
އަރުހަމް ގެ މަރުގެ މައްސަލަ އެންމެ ފުރަތަމަ ބައްލަވާފައިވަނީ ގާޒީ މުހުތާޒް ފަހުމީ އެވެ. ފަހުން މިމައްސަލަ ބެލުން ހަވާލު ކުރެވުނީ ގާޒީ އަބްދުﷲ ދީދީ އާއި ހަވާލު ކުރެވުނެވެ. ނަމަވެސް މިމައްސަލައިގެ އަޑުއެހުމެއް ބޭއްވުމުގެ ކުރިން ގާޒީ އަބްދުﷲ ދީދީ ވަނީ ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަނު ކުރައްވާފައެވެ. އެހެންކަމުން މިރޭ މިމައްސަލައިގެ ހުކުމް ކުރީ ގާޒީ އިބްރާހިމް އަލީ އެވެ.
ވިސާމް ގެ އިތުރުން މިމައްސަލާގައި ދައުވާ ލިބޭ އަނެއް ތިން މީހުންގެ މައްޗަށް ކުށް ސާބިތު ނުވީ އެ މީހުންނާ ދެކޮޅަށް ލިބިފައި ހުރި ހެކިބަސްތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރުމުން ކަމަށް ގާޒީ އިބްރާހިމް އަލީ ވިދާޅުވިއެވެ. އަދި އަރުހަމް ގެ މަރުގެ މައްސަލާގައި، އަރުހަމްގެ ވާރިސުން ބުނެފައިވަނީ އެމީހުން ބޭނުންވަނީ މަރަށް މަރު ކަމުގައެވެ.
ވިސާމްގެ މައްޗަށް ކުށް ސާބިތުވާތީއާ އަރުހަމް ގެ ވާރިސުން ބޭނުންވާ ގޮތްކަމަށްވެސް ވާތީ، ކްރިމިނަލް ކޯޓުން ނިންމީ އަރުހަމް ގެ މަރަށް މަރު ހިފުމަށްޓަކައި ވިސާމް މެރުމަށެވެ.