މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 150 ސެލޯފިންކޮޅާއެކު މީހަކު ގދ. ފަރެސްމާތޮޑާއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މިމައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 29 އަހަރުގެ ފިރިހެނެކެވެ.
މިމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ރަށުތެރެ ޕެޓްރޯލްކުރުމުގައި ހަރަކާތްތެރިވަމުންދިޔަ ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އޭނާ ހޯދަމުންދަނިކޮށް ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ފުލުހުންނަށް އޭނާ ފެނުމުން މަޑުކުރަން އެންގުމުން ވަނީ މަޑުނުކޮށް އެސަރަޙައްދުން ދިޔުމަށް ވެސް މަސައްކަތްކޮށްފައެވެ.
މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ސެލޯފިންކޮޅުތައް ފެނިފައިވަނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައިފާސްކުރިއިރު އޭނާ ގެންގުޅުނު ހެއަރ ކްރީމް ހުސްކުރި ދަޅެއްގެ ތެރެއިން ފެނުނު ކޮތަޅެއްގެ ތެރެއިންނެވެ.
ފުލުުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުުން ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބަހައްޓައިގެން ތަހުޤީޤު ކުރިއަށް ގެންދިޔުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.
މިމައްސަލަ ގދ. ފަރެސްމާތޮޑާ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.