އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމުގެ ޕްރައިމަރީ އަންނަ ހަފްތާގައި އިއުލާނު ކުރާނެ

އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަކުރާނެ ކެންޑިޑޭޓުން ހޮވުމަށް ބާއްވާ ޕްރައިމަރީ އަންނަ ހަފްތާގައި އިއުލާން ކުރާނެ ކަމަށް އެ ޕާޓީން ބުނެފި އެވެ.

އެމްޑީޕީން މި ފަހަރު ކައުންސިލް އިންތިހާބަށް ވާދަކުރަނީ އިދިކޮޅި އިއްތިހާދުގެ ނަމުގައި ހަދާފައިވާ ކޯލިޝަންގެ ތެރެއިން ކަމަށް ވެސް އެފަރާތުން ވަނީ ބުނެފައެވެ. އަދި އިދިކޮޅު  އިއްތިހާދުގައި ހިމެނޭ އަދާލަތު ޕާޓީންވެސް ވާދަ ކުރާނީ ހަމަ މި ކޯލިޝަންގެ ތެރެއިން ކަމަށް ވެސް އެމްޑީޕީ އިން ވަނީ ބުނެފައެވެ.

އެމްޑީޕީގެ ޗެއާޕާސަން ނައިބު އިދާރީ އަލީ ނިޔާޒް ވިދާޅުވީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީން ކެންޑިޑޭޓުން ނިކުންނައިރު ކެންޑިޑޭޓުން ވާދަކުރާނެ ދާއިރާތައް ކަނޑައެޅުމަށް އިއްތިހާދުގެ މެދުގައި ގޮތެއް ކަނޑައެޅިގެންދާނެ ކަމަށެވެ. މީގެ އިތުރުން
ނިޔާޒް ވަނީ ކައުންސިލް އިންތިހާބަށް ނިކުންނައިރުވެސް ޕާޓީތަކަށް ދައުލަތުން ދޫކުރަން ޖެހޭ ފައިސާ ދޫކޮށްފައިނުވާތީ އިލެކްޝަންސް ކޮމިޝަނަށް ފާޑު ވިދާޅުވެފަ އެވެ. އީވޯޓިން ތައާރަފުކުރާނެ ކަމަށް ވިދާޅުވެ އިލެކްޝަންސް ކޮމިޝަނުން ކުރަމުންދާ މަސައްކަތައް ވެސް ނިޔާޒް ފާޑު ވިދާޅުވެ، ބުނެފައި ވަނީ ފިއްތުންތަކާއިއެކު ވެސް އިންތިހާބު ކާމިޔާބު ކުރާނީ އެމްޑީޕީ އިން ކަމަށެވެ.

އެމްޑީޕީގެ ކެމްޕެއިން މެނޭޖަރަކަށް އަބްދުލް މާޖިދު ހަމަ ޖައްްސާފައިވާއިރު ކެމްޕެއިންގެ އެންމެހާ ކަންކަން އިސްކޮށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ އިންތިހާބާ ބެހޭ ކޮމެޓީގެ ބެލުމުގެ ދަށުންނެވެ.

”އެމްޔޫއޯގެ މަސައްކަތަކަށްވާނީ ލޯކަލް ކައުންސިލް އިންތިހާބުގައި ސިއްސައިގެންދާވަރުގެ ބޮޑު މެޖޯރިޓީއެއް އަޅުގަނޑުމެން ނެގުން. އަޅުގަނޑުމެން ކެމްޕެއިންތައް ކުރިއަށްދާނެ ވަގުތުތައް ފަހުން އަންގާނެ،“ މާޖިދު ވިދާޅުވި އެވެ.

މިހާރު އޮތް ކައުންސިލްގެވެސް 41 ޕަސެންޓް ގޮނޑި އެމްޑީޕީން ކޮންޓްރޯލްކުރާއިރު ހަތަރު ޕަސެންޓް ގޮނޑި ކޮންޓްރޯލްކުރަނީ އަދާލަތު ޕާޓީންނެވެ.

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް އެންމެ ފަހުން ގެނައި އިސްލާހުގައިވާ ގޮތުން 3000 މީހުންނަށް ވުރެ މަދު އާބާދީއެއް ހިމެނޭ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި 3000 މީހުންނަށް ވުރެ ބޮޑު އާބާދީއެއް އޮންނަ ކޮންމެ ރަށެއްގެ ރަށު ކައުންސިލަށް އިންތިހާބު ކުރަން ޖެހޭނީ ފަސް ކައުންސިލަރުންނެވެ. މީގެ އިތުރުން އަތޮޅު ކައުންސިލްގައި ދެ އިންތިހާބީ ދާއިރާ ހިމެނޭ ނަމަ އިންތިހާބު ކުރަން ޖެހޭނީ ތިން ކައުންސިލަރުންނެވެ. އަދި ދެ އިންތިހާބީ ދާއިރާއަށް ވުރެ ގިނަ ނަމަ އިންތިހާބު ކުރަން ޖެހޭނީ ކޮންމެ ދާއިރާއަކުން އެއް ކައުންސިލަރެވެ.

ކައުންސިލް އިންތިހާބު އަންނަ ޖެނުއަރީ 14ގައި ބޭއްވުމަށް ހަމަ ޖެހިފައިވާއިރު އަންނަ މަހުގެ 26ގައި އިންތިހާބަށް ކުރިމަތިލާން ހުޅުވާލާނެ ކަމަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) އިން ވަނީ ބުނެފަ އެވެ. އަދި މިހާރު ހިނގަމުން އަންނަ ކައުންސިލްތަކުގެ އުމުރު ފެބްރުއަރީ 26ގައި ހަމަވާނެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *