އުމަރު ނަސީރުގެ ސިޓީއެއް ރައީސް މައުމޫނަށް، ޕީޕީއެމްއަށް އާ ރިޔާސީ ލީޑަރެއް ބޭނުންވާކަން ފާހަގަކޮށްފައިވޭ

ކުރީގެ ހޯމް މިނިސްޓަރު އަދި ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ އުމަރު ނަސީރު، ޕީޕީއެމްގެ ރައިސް މައުމޫން އަބްދުލްގައްޔޫމަށް ސިޓީ އެއް ފޮނުއްވައިފި އެވެ.

އެ ސިޓީގައި އުމަރު ވިދާޅުވެފައިވަނީ ޕީޕީއެމްގެ ސަރުކާރާމެދު ރައްޔިތުންގެ އިތުބާރު ގެއްލޭ ފަދަ އެތައް ކަމެއް ހިނގަމުން ދާތީ، މައި އިދިކޮޅު ޕާޓީ ގެންދަނީ އެކަމުގެ ސިޔާސީ ފައިދާ ނަގާ، 2018 ގެ އިންތިހާބަށް ފުރިހަމައަށް ތައްޔާރުވަމުން ކަމަށެވެ. އަދި މިއަދުގެ ހާލަތުގައި ރައީސް ޔާމީންގެ ލީޑަރޝޕްގެ ދަށުގައި 2018 ގެ އިންތިހާބަށް ޕީޕީއެމް ނުކުމެއްޖެނަމަ ސިޔާސީ ބައިވެރިޔަކު ނެތި މުޅިން އެކަނިވެރިވެ، ޕީޕީއެމް ނާކާމިޔާބާ ކުރިމަތިލާން ޖެހޭނެތީ ނުހަނު ކަންބޮޑުވާކަމަށް ވިދާޅުވެފައި ވެ އެވެ.

”މިހެން ކަމުން ޕީޕީއެމް އަށް އާ ރިޔާސީ ލީޑަޝިޕެއް ބޭނުންވޭ“ އުމަރުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.

އެ ސިޓީގައި އުމަރު ވިދާޅުވެފައިވަނީ ޕީޕީއެމްގެ އަސާސީ ގަވާއިދު ބައްޓަން ކުރެވިފައިވަނީ ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓަކު އިންހާބެއް ކާމިޔާބު ކުރުމަށް ނާގާބިލް ވެއްޖެ ކަމަށް އާއްމު މެމްބަރުންނަށް ފެނިއްޖެ ނަމަ އެކެނޑިޑޭޓަކު އާއްމު މެމްބަރުންގެ ވޯޓަކުން (ޕްރައިމަރީ ވޯޓަކުން) ބަދަލު ކުރެވޭ ގޮތަށް ކަމަށެވެ.

”ޕީޕީއެމްގެ އާއްމު މެމްބަރުންގެ ރޫހު ހުރީ އާ ރިޔާސީ ކެނޑިޑޭޓަކާއެކު ޕީޕީއެމް 2018 އަށް ނުކުތުމުގެ ވިސްނުމުގައި ކަމަށް އަޅުގަނޑަށް ފެންނާތީ، 01 ޖުލައި 2016 ގައި މަނިކުފާނަށް ފޮނުވި ސިޓީއަކުން އަޅުގަނޑުވާނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކޮށް، ޕީޕީއެމްގެ ރިޔާސީ ލީޑަޝިޕް އާ ހަވާލުވުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަޅުގަނޑު ޝައުގުވެރިކަން ފާޅުކުރިތީ ދެ މަހާއި 20 ދުވަސް ހިނގައިދިޔައިރުވެސް ޕާޓީގެ އަސާސީ ގަވާއިދުގެ 69 ވަނަ މާއްދާގައިވާގޮތުގެ މަތިން އެހެން އެއްވެއް ބޭފުޅަކު އެފަދަ ޝައުގުވެރިކަމެއް ފާޅުކުރައްވާ އިއުލާނު ކުރައްވާފައެއް ނުވެ އެވެ“ އުމަރުގެ ސިޓީގައި ވެ އެވެ.

އެ ސިޓީގައި އުމަރު އިތުރަށް ވިދާޅުވެފައިވަނީ ރިޔާސީ ޓިކެޓަށް ޝައުގުވެރިވާ އެހެން ބޭފުޅަކު ޕާޓީގައި ނެތްނަމަ، 2018ގެ އިންތިހާބަށް ޕާޓީ އިންތިޒާމްކޮށް ވާންޖެހޭ ތައްޔާރީތައް ފެއްޓުމަށް ޝައުގުވެރިވާ ވާހަކަ ދަންނަވާ ކަމަށެވެ.  އަދި މި ޓިކެޓަށް އެހެން ބޭފުޅަކު ޝައުގުވެރިވެވަޑައިގަންނަވާނަމަ ޕްރައިމަރީގައި ވާދަކުރުމަށް އަޅުގަނޑު ތައްޔާރަށް ހުރި ވާހަކަ ދަންނަވާ ކަމަށްވެސް އުމަރުގެ ސިޓީގައި ވިދާޅުވެފައި ވެ އެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *