ސީރިޔާ ނޫނީ ރަޝިޔާގެ ވައިގެ ފައުޖުތަކުން ހަލަަބަށް ދަތުރުކުރި އެހީގެ ވެހިކަލް ތަކަކަށް އިއްޔެ ވައިގެ ހަމަލާތަކެއް ދީފައިވާކަމަށާއި އެ ހަމަލާތަކުގައި 12 މީހަކު މަރުވެފައިވާކަމަށް ދަ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް (އެސްއޯއެޗްއާރު) އިން ބުނެފި އެވެ.
އެސްއޯއެޗްއާރުން ބުނެފައިވަނީ އެ ހަމަލާތަކުގައި ރެޑް ކްރޮސެންޓްގެ މުވައްޒަފަކުގެ މަރުވެފައިވާކަން ކަށަވަރު ވެފައި ވާކަމަށެވެ.
މި ހަމަލާއާއި ބެހޭގޮތުން ސީރިޔާގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ނުބުނެ އެވެ. ނަމަވެސް އިދިކޮޅު ފައުޖުތަކުން ބުނެފައިވަނީ އެ ހަމަލާތަކުގައި ރެޑްކްރޮސް ވެހިކަލެއް ހިމެނޭގޮތަށް އަށް ވެހިކަލަކަށް އެ ހަމަލާ އަމާޒުކޮށްފައިވާކަމަށެވެ.
އެ ސަރަހައްދަށް ހަމަލާ ދީފައިވާއިރު އެ ސަރަހައްދުގައި ތާށިވެފައިވާ 78000 އަށްވުރެ ގިނަ މީހުންނަށް ކާބޯތަކެތި ފޯރުކޮށްދޭން ތައްޔާރުވަމުން އަންނަކަމަށް އދ އިން ހާމަކޮށްފައިވަނީ ނިމިދިޔަ ހަފްތާގެ ތެރޭގަ އެވެ. އަދި މި ހަމަލާތަކުގެ ސަބަބުން އެކަމަށް ހުރަސް އެޅުން އެކަށީގެންވާކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެ އެވެ.