ދިވެހި ޒުވާނުންގެ މެދުގައިވެސް މަގްބޫލުކަމެއް ހޯދާފައިވާ އެކްޝަން ކެމެރާ ގޯ ޕްރޯގެ ފަސްވަނަ ފްލެގްޝިޕް ގޯ ޕްރޯ 5 ރޭ ލޯންޗް ކޮށްފި އެވެ. ރޭ ލޯންޗް ކޮށްފައިވަނީ ގޯ ޕްރޯ ހީރޯ 5 ބްލެކް އަދި ގޯ ޕްރޯ ހީރޯ 5 ސެޝަން އެވެ.
2002 ވަނަ އަހަރު ވުޖޫދަށް އައި ގޯ ޕްރޯގެ ފަސްވަނަ ފްލެގްޝިޕް ރޭ ލޯންޗް ކޮށްފައިވަނީ ގޯ ޕްރޯ ކަރްމާ ޑްރޯން ލޯންޗް ކުރުމަށް ކެލިފޯނިއާގެ ސްކޯ ވެލީގައި ރޭ ބޭއްވި ހަފްލާއެއްގަ އެވެ. ގޯ ޕްރޯ ކަރްމާ ޑްރޯން އަކީ އެ ކުންފުނިން ގޯ ޕްރޯ ކެމެރާތަކަށް އަމާޒްކޮށްގެން އުފެއްދި ފުރަތަމަ ކުއަޑްކޮޕްޓާ އެވެ.
ގޯ ޕްރޯ ކުންފުނިން ހާމަކުރާގޮތުގައި ގޯ ޕްރޯ ހީރޯ ފަހެއް ބްލެކް އަދި ގޯ ޕްރޯ ހީރޯ ސެޝަން އަދި އެ ކުންފުނީގެ ޑްރޯން އޮކްޓޯބަރު 2 އިން ފެށިގެން ގަންނަން ލިބޭނެ އެވެ. ގޯ ޕްރޯ ހީރޯ 5 ބްލެކްގެ އަގަކީ 399 ޑޮލަރެވެ. ގޯ ޕްރޯ ހީރޯ 5 ސެޝަންގެ އަގަކީ 299 ޑޮލަރެވެ.
ދެ މޮޑެލްއިންވެސް 4 ކޭ ކޮލިޓީގައި ވީޑިއޯ ކުރެވެ އެވެ. ދެ މޮޑެލްވެސް ވޯޓާ ރެސިސްޓެންޓްކަން ފާހަގަކޮށްލެވޭއިރު ދެ މޮޑެލްގައިވެސް ވޮއިސް ކޮންޓްރޯލް ޓެކްނޮލޮޖީ އާއި ކްލައުޑް ސްޓޯރޭޖް ޓެކްނޮލޮޖީ ހިމަނާފާ ވެ އެވެ.
ދެ މޮޑެލްގައި ހިމެނޭ ތަފާތަށް ބަލާއިރު ހީރޯ 5 ބެލެކް އިން 12 މެގަޕިކްޝެލް ފޮޓޯ ނެގޭއިރު ދެ އިންޗީގެ ޓަޗް ސްކްރީނެއް ހިމަނާފައި ވެ އެވެ. ޖީޕީއެސް އިންބިލްޓް ކޮށްފައިވާއިރު ރޯ ފޮޓޯ އަދި ވައިޑް ޑައިނަމިކް ރޭންޖް(ޑަބްލިއުޑީއާރު) ވީޑިއޯ ކުރެވެ އެވެ. ނަމަވެސް ހީރޯ 5 ސެޝަންއިން ނެގެނީ 10 މެގަޕިކްސެލް ފޮޓޯ އެވެ. ޖީޕީއެސް އިންބިލްޓް ކޮށްފައެއް ނުވެ އެވެ. އަދި ރޯ ފޮޓޯ އާއި ޑަބްލިއުޑީއާރު ޓެކްނޮލޮޖީވެސް ހިމަނާފައެއް ނުވެ އެވެ.