މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާއި ޔޫއެސް ޕެސިފިކް ކޮމާންޑް ( ޔޫއެސް ޕެކޮމް) ގުޅިގެން ބޭއްވި “ނޭޝަނަލް އޮއިލް އެންޑް ހެޒާޑަސް ސަބްސްޓެންސް ޕޮލިއުޝަން ކޮންޓިންޖެންސީ“ ޕްލޭންއާ ގުޅޭ މަޝްވަރާ ބައްދަލުވުން މިއަދު ނިންމާލައިފިއެވެ.
މި މަޝްވަރާ ބައްދަލުވުން ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މަޝްވާރާ ބައްދަލުވުމުގައި ބައިވެރިވި ފަރާތްތަކަށް ހަނދާނީ ލިޔުން ހަވާލުކޮށްދޭއްވީ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަހްމަދު ޝާހިދެވެ.
އެއްދުވަހުގެ މުއްދަތަށް ކޯސްޓްގާޑު ކޮންފަރެންސް ހޯލުގައި ކުރިއަށްދިޔަ މި މަޝްވަރާ ބައްދަލުވުމުގައި، ރާއްޖޭގެ ކަމާގުޅޭ މުއައްސަސާތަކާއި އިދާރާތަކުން ބައިވެރިވެފައިވާކަމަށް އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން ހާމަކުރާގޮތުގައި މި ބައްދަލުވުމަކީ، އެމެރިކާގެ އަސްކަރިއްޔާ އާއި އެމްއެންޑީއެފް އަދި ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި ގުޅިގެން ތައްޔާރުކުރެވިފައިވާ “ނޭޝަނަލް އޮއިލް އެންޑް ހެޒާޑަސް ސަބްސްޓެންސް ޕޮލިއުޝަން ކޮންޓިންޖެންސީ“ ނުވަތަ ކަނޑަށް އެޅޭ ނުރައްކާތެރި ތެލާއި އެފަދަ އާލާތްތަކުގެ ސަބަބުން، ތިމާވެށި ތަޣައްޔަރުވުން ކުޑަކުރުމުގެ ގޮތުން އެކުލަވާލާ ބަދީލީ ރޭވުމާ (ކޮންޓިންޖެންސީ ޕްލޭން) ޤާއިމުކުރުމަށް ޕްލޭންއާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ބޭއްވި ބައްދަލުވުމެކެވެ.
”މި މަޝްވަރާ ބައްދަލުވުމާ ގުޅޭ ތަޢާރަފު ދެއްވީ ޔޫއެސް ޕެކޮމްގެ ފަރާތުން ކަނޑައަޅުއްވާފައި ހުންނަވާ އެންވަޔަރަމަންޓަލް އޮފިސަރ، މރ.ކްރިސްޓޮފަރ ޝޯލްސްއެވެ.“ އެމްއެންޑީއެފުން ހާމަކުރެ އެވެ.
އެމްއެންޑީއެފުން އިތުރަށް ބުނީ މި މަޝްވަރާ ބައްދަލުވުމުގައި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޝާހިދު އާއި ކޯސްޓްގާޑުގެ ކޮމާންޑަރ ކާނަލް މުޙައްމަދު އިބްރާހީމްގެ އިތުރުން ކަމާގުޅޭ މުއައްސަސާތަކާއި، އިދާރާތަކުގެ ބޭފުޅުނާއި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ޑެޕިއުޓީ މިނިސްޓަރ އަލްފާޟިލް ޢަބްދުﷲ މުޙައްމަދުދީދީ ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.