ޑެންމާކްގެ އާ ސަފީރު، ސަފީރު ކަމުގެ ފަތްކޮޅު ރައީސުލް ޖުމްހޫރިއްޔާ އަށް އަރުވައިފި

ޑެންމާކް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ނޮން-ރެޒިޑެންޓް ސަފީރު މިސްޓަރ ޕީޓަރ ޓަކްސަ-ޖެންސެން، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް މިއަދު އަރުއްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި، ފަތްކޮޅު އެރުއްވުމަށްފަހު، ރައީސުލް ޖުމްހޫރިއްޔާ ވަނީ ޑެންމާކްގެ އާ ސަފީރާ ބައްދަލުކުރައްވައި، ތަހުނިޔާ ވެސް ވިދާޅުވެފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ޑެންމާކްގެ ފަރާތުން ކުދި ޖަޒީރާ ޤައުމުތަކަށް، ޙާއްޞަކޮށް ރާއްޖޭގެ ތަރައްޤީއަށް،އަބަދުވެސް ވެދެއްވަމުން ގެންދަވާ އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރައްވާ  އެޤައުމުގެ ސަރުކާރަށް ޝުކުރު އަދާ ކުރެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ޑެންމާކް ސަރުކާރުން އިސްނަންގަވައިގެން ކުރިއަށް ގެންދަވާ ތިމާވެށި ރައްކާތެރިކުރުމުގެ މަޝްރޫޢުތަކުގެ ތެރެއިން ކާބަން ފްރީ އެނަރޖީ ސޮލިއުޝަނެއް ރާއްޖެއަށް ހޯދުމަށް ޝައުގުވެރިވާކަމުގައި ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ތަރައްޤީއަށްޓަކައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ދެ ޤައުމުގެ ދެމެދުގައިވާ ގުޅުން އިތުރަށް ފުޅާކުރެވޭނެ ދާއިރާތަކާބެހޭގޮތުން ވެސް ޑެންމާކްގެ ސަފީރާ މަޝްވަރާކުރައްވާފައެވެ.

ޑެންމާކްގެ އާ ސަފީރު ދެއްކެވި ވާހަކަފުޅުގައި ވިދާޅުވެފައިވަނީ އެމަނިކުފާނު ރާއްޖެ އައުމުން ދެންނެވި ހޫނު މަރްޚަބާ ޤަބޫލުފުޅުކުރައްވާ ކަމުގައާއި، ކުރިއަށް އޮތް ދުވަސްތަކުގައި ރާއްޖެއާއި ޑެންމާކާ ދެމެދުގައި އިތުރަށް ގުޅުން ބަދަހިވެގެންދާނެކަން ޔަޤީން ކުރައްވާ ކަމުގައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، އެކްޓިންގް މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ އިރުތިޝާމް އާދަމާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ފޮރިން ރިލޭޝަންސްގެ ސްޓޭޓް މިނިސްޓަރ އަލްފާޟިލް މުޙައްމަދު ނަޞީރުގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އެޑިޝަނަލް ސެކްރެޓަރީ ޑޮކްޓަރ ޙުސައިން ނިޔާޒް ބައިވެރިވެވަޑައިގެންނެވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *