އދ.ގެ އާއްމު މަޖިލީހުގައި މިއަހަރު ރާއްޖޭގެ ފަރާތުން ތަގުރީރު ކުރައްވާނީ ފޮރިންގ މިނިސްޓަރު ޑރ މުމައްމަދު އާސިމް ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.
އެ މަޖިލީހުގައި ބައިވެރިވެރިވެ ވަޑައިގެންނެވުމަށް ފޮރިން މިނިސްޓަރު މުހައްމަދު އާސިމް މިއަދު ވަނީ އެމެރިކާ އަށް ފުރާވަޑައިގެންފައި އެވެ.
އާންމުކޮށް އދ. ގެ އާންމު މަޖިލީހުގައި ތަގުރީރު ކުރައްވާނީ އެ ގައުމެއްގެ ރައީސް ނުވަތަ ބޮޑުވަޒީރެވެ. ނަމަވެސް ވޭތުދިޔަ ދެ އަހަރުވެސް ރައީސް އަބްދުﷲ ޔާމީން އަދި ނައިބު ރައީސް އަކު ރާއްޖެއިން އދ. އަށް ވަޑައިގެންފައެއް ނުވެ އެވެ. ފުރަތަމަ އަހަރު އދ. ގައި ތަގުރީރު ކުރެއްވީ ކުރީގެ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކެވެ. މިދިޔަ އަހަރު އަހަރު ތަގުރީރު ކުރެއްވީ ފޮރިންގ މިނިސްޓަރު ދުންޔާ މައުމޫނެވެ.
ކުރިން ހަމަޖެހިފައި އޮތީ މިއަހަރު ރާއްޖޭގެ ފަރާތުން އެ މަޖިލީހުގައި ނައިބް ރައީސް އަބްދުﷲ ޖިހާދު ތަގުރީރު ކުރައްވާ ގޮތަށެވެ. ނަމަވެސް ބަދަލުވި ގޮތެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިނިސްޓަރު ޑރ އާސިމް އިސްކޮށް ހުންނަވާ ރާއްޖޭގެ ވަފުދުގައި ފޮރިން ސެކްރެޓަރީ އަލީ ނަސީރާއި ރާއްޖޭން އދ. އަށް ކަނޑައަޅާފައި ހުންނަވާ ދާއިމީ މަންދޫބު އަހުމަދު ސަރީރު ހިމެނިވަޑައިގަންނަވާނެ ކަމަށެވެ. އެ މިނިސްޓްރީން ބުނީ ޑރ އާސިމް ތަގުރީރު ކުރައްވާނީ އަންނަ ހޮނިހިރު ދުވަހުގެ ހެނދުނު ދަންފަޅީގައި ކަމަށެވެ.
އާއްމު މަޖިލީހުގެ 71 ވަނަ ބައްދަލުވުން ފެށީ މިދިޔަ އަންގާރަ ދުވަހު އެވެ. މި ފަހަރުގެ މައުލޫ އަކީ ”ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް: ދުނިޔެ ބަދަލުކޮށްލުމަށް ބާރެއް“ އެވެ. މި މައުލޫއަށް މާދަމާއިން ފެށިގެން އަންނަ ހޯމަ ދުވަހުގެ ނިޔަލަށް ގައުމުތަކުގެ މަންދޫބުން ތަގުރީރު ކުރައްވާނެ އެވެ.
ދެކުނު އޭޝިއާ ސަރަހައްދުގެ ގައުމުތަކުގެ ތެރެއިން ގައުމުގެ އިސްވެރިއަކު މި މަޖިލީހުގައި ބައިވެރި ނުވަނީ ރާއްޖެއާއި އިންޑިއާއިން އެކަންޏެވެ. އދ. ގެ އާންމު މަޖިލީހުގައި އިންޑިއާގެ ފަރާތުން ތަގުރީރު ކުރައްވާނީ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖެވެ.