މެދުއިރުމަތީގެ ގައުމުތަކުގައި ވަކި ހިލާފަތެއް އިއުލާނުކޮށް އެ ހިލާފަތު ދިރުވާ ދަމަހައްޓަން މަސައްކަތް ކުރަމުން އަންނަ އައިއެސް ޖަމާއަތުގެ އިންފޮމޭޝަން މިނިސްޓަރު މަރާލެވިފައިވާކަމަށް އެމެރިކާއިން ހާމަކޮށްފި އެވެ.
އެމެރިކާގެ ޕެންޓަގަނުން އިއްޔެ ބުނެފައިވަނީ އައިއެސްގެ އިންފޮމޭޝަން މިނިސްޓަރުގެ ގޮތުގައި ބަލަމުން އަންނަ ވާއިލް އާދިލް ހަސަން ސަލްމާން އަލް ފައްޔާދު (އާއްމު ނަމުން ނަމަ ޑރ ވާއިލް) މަރާލެވިފައިވަނީ މި މަހުގެ ހަތްވަނަ ދުވަހު ރައްގާއަށް ދިން ހަމަލާއެއްގައި ކަމަށެވެ.
ޕެންޓަގަނުން ހާމަކޮށްފައިވާގޮތުގައި އައިއެސްގައި ޑރ. ވާއިލްގެ މަސައްކަތަކީ ޓެރަރިސްޓް ޕްރޮޕަގެންޑާ ފެތުރުމާއި އަނިޔާކުރާ ވީޑިއޯތަކާއި މީހުން މަރާ ވީޑިއޯތައް ތައްޔާރު ކުރުމެވެ.
މި މައުލޫމާތާއެކު ޕެންޓަގަނުން ބުނެފައިވަނީ އައިއެސް ނައްތާލުމަށް ކުރަމުން އަންނަ ހަނގުރާމައިގާ ކުރިއެރުންތަކެއް ލިބެމުން އަންނަ ކަމަށާއި އަދި އެ ހަނގުރާމަ ކާމިޔާބު ވާންދެން ކުރިއަށް ގެންދާނެ ކަމަށެވެ .