ޝޯޝަލް މީޑިއާ ޕްލެޓްފޯމް ”ފޭސްބުކް“ ބޭނުން ނުކުރާ ދިވެއްސަކު މިހާރު މަދުވާނެ ކަން ޔަގީނެވެ. އެހެނަސް ފޭސްބުކްގައި ދެކެވޭ ވާހަކަތަކާއި އެކަކު އަނެކަކަށް ފޮނުވާ ފޮޓޯއާއި ވީޑިއޯގެ ސިއްރިއްޔާތާ މެދު އޮތީ ކިހާވަރެއްގެ ޔަގީންކަމެއް ބާއެވެ. ހަމަ ގައިމުވެސް އެ ޔަގީންކަން ބުރަވާނީ ތިބާގެ ފޭސްބުކް އެކައުންޓެއްގެ ސެކިއުރިޓީ ލެވަލެއްގެ މައްޗަށް ކަމާމެދު ޝައްކެއް ނެތެވެ.
އެނގޭހެއްޔެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުން ދުވާލަކު ހަ ލައްކައަށްވުރެ ގިނަ ފޭސްބުކް އެކައުންޓަށް ހެކަރުންގެ ހަމަލާތައް އަމާޒުވެ އެވެ. އަދި އޭގެ ތެރެއިން 50 އިންސައްތަ އެކައުންޓް ކާމިޔާބު ކަމާއެކު ހެކަރުންގެ އަތްދަށަށް ގެންދާކަމަށްވެ އެވެ.
ހެކަރުންގެ ކިބައިން ތިބާގެ އެކައުންޓް ސަލާމަތް ކުރަން ބޭނުންނަމަ ފޭސްބުކްގެ ސެކިއުރިޓީ ކަންކަން އެންމެ ރަނގަޅަށް ބެހެއްޓޭނެގޮތެއް ތިބާއަށް އެނގުން މުހިއްމެވެ.
ފޭސްބުކް އެކައުންޓްގައި ޕާސްވޯޑެއް އެކަނި ޖަހާފައި ދޫކޮށްލުން !
މިއީ ފޭސްބުކްގެ އެންމެ ބޭސިކް ސެކިއުރިޓީ ލެވެލް އެވެ. ކިތައްމެ ދިގު އަދި ކިތައްމެ ވަރުގަދަ ޕާސްވޯޑެއް ކޮންމެ ބަހަކުން ޖެހި ނަމަވެސް އެ ޕާސްވޯޑެއް ހޯދުމަކީ ހެކަރުންނަށް އުނދަގޫ ކަމަކަށް ނުވެ އެވެ. ”ފިޝިން“ ލިންކުތައް ފޮނުވައިގެންނާއި ސެޝަން ހައިޖެކް ކޮންގެންނާއި ”ބްރޫޓްފޯސް އެޓޭކް“ މެތަޑްތައް ބޭނުން ކޮށްގެން ޕާސްވޯޑް ހޯދުމަކީ ހެކަރުންނަށް މާ އުނދަގޫ ކަމަކަށް ނުވެ އެވެ.
އެންމެ ރައްކާތެރި ގޮތަކީ ކޮބާ !
ސެކިއުރިޓީ ފާމްސްތަކުން ކޮށްފައިވާ ދިރާސާތަކުން ދައްކާގޮތުން ފޭސްބުކްގައި އެންމެ ރައްކާތެރި ގޮތަކީ ”ލޮގިން އެލާޓްސް“ އެކްޓިވޭޓް ކުރުމެވެ. އަދި ހާއްސަކޮށް ”ލޮގިން އެލާޓްސް“ މޯބައިލް ފޯނަށް އަންނަ ގޮތް ހެދުމެވެ.
ލޮގިން އެލާޓްސް ފޯނަށް އަންނަގޮތަށް ސެޓް ކުރުމުން ތިބާގެ ފޭސްބުކް އެކައުންޓްގެ ޕާސްވޯޑް ހެކަރެއްގެ އަތަށް އެރިޔަސް ފޭސްބުކް އެކައުންޓަށް ނުވަދެވެވޭނެ އެވެ. ކުރިން ލޮގިން ވެފައި ނުވާ ކޮމްޕިއުޓަރަކުން ނުވަތަ ފޯނަކުން ތިބާގެ ފޭސްބުކް އެކައުންޓަށް ވަންނަން މަސައްކަތް ކުރާ ކޮންމެ ފަހަރަކު ތިބާގެ ފޯނަށް ކޯޑެއް ލިބޭނެ އެވެ. ފޭސްބުކް އެކައުންޓަށް ވަދެވޭނީ އެ ކޯޑު ޖަހައިގެންނެވެ.
ލޮގިން އެލާޓްސް ސެޓް ކުރާނެ ގޮތް
- ފޭސްބުކް އެކައުންޓްގެ ސެކިއުރިޓީ ސެޓިންސް އަށް ދިއުން
- ލޮގިން އެލާޓްސް ސެކްޝަނަށް ދިއުން
- ފޯނު ނަމްބަރު އެޑް ކޮށްލުމަށްފަހު ސޭވް ކޮށްލުން