ޝޯންޕޯލް މަރާލާނެ ކަމަށްބުނެ އާންމުކޮށްފައިވަނީ ފޭކް ވީޑިއޯއެއް: ބިލާދު އަލް ޝާމް

ޝޯއެއް ދިނުމަށް ރާއްޖެ އައުމަށް ހަމަޖެހިފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ ޝޯންޕޯލް މަރާލާނެ ކަމަށްބުނެ ބިލާދު އަލް ޝާމްގެ ނަމުގައި ވީޑިއޯއެއް އާންމުކޮށްފައިވާއިރު އެ ވީޑިއޯއަކީ ފޭކު ވީޑިއޯއެއް ކަމަށް ބިލާދު އަލް ޝާމް އިން ބުނެފި އެވެ.

ބިލާދު އަލް ޝާމްއިން ދެންމެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ވީޑިއޯއަކީ އެމީހުން އާންމުކުރި ވީޑިއޯއެއް ނޫން ކަމަށެވެ. އަދި އެމީހުން ވީޑިއޯއެއް އާންމު ކުރާ ނަމަ ކުރާނީ އޮފިޝަލް ފޭން ޕޭޖް ނުވަތަ އެމީހުންގެ އޮފިޝަލް ޓްވިޓާ އެކައުންޓްގައި ކަމަށެވެ.

އަދި އެކަމަކީ އެމްޑީޕީ ސަޕޯޓަރުން ނޫނީ ސެކިއުލަރިސްޓުން އާންމުކޮށްފައިވާ ވީޑިއޯއެއް ކަމަށް ޝައްކު ކުރާ ކަމަށްވެސް ބިލާދު އަލް ޝާމް މީޑިއާގެ ބަޔާނުގައި ބުނެފައި ވެއެވެ.

ބިލާދު އަލްޝާމްގެ ނަމުގައި ރޭ ބަޔަކު އާންމުކުރި ވީޑިއޯގައި ދައްކުވައިދޭ މެސެޖްތަކުގައި ބުނެފައިވަނީ “މިހިނގާ މީލާދީ 2014 ވަނަ އަހަރު ނިމި 2015 ވަނަ އާއަހަރުގެ މުނާސަބަތުގައި ރާއްޖެއިން ބޭރުގައުމަކުން އަންނަ ޝޯންޕޯލް (Sean Paul) އަކީ ބޮޑުވެގެންވާ ކާފިރެއް” ކަމަށެވެ. އަދި “މިފަދަ މީހުން ރާއްޖެ އައިސް މިތަން ފަސާދަ ކުރުމަށް ދެނެއް ޖާގައެއް ނުދޭނަން” ކަމަށާއި “މި ލޮބުވެތި ދިވެހި ރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ގައުމަކަށް ވީ ހިނދު، މިކަހަލަ ފާހިޝް އަމަލުތައް ކުރާ ބޮޑެތި ޖައްބާރު ކާފިރުން މި ދިވެހި ފަސްގަނޑަށް މިފަދަ އަމަލެއް ހިންގަން އައުމަށް ރާއްޖޭގެ ސަރުކާރަށްވެސް ޖާގައެއް ނުދޭނަން” ކަމަށެވެ.

އަދި “ﷲގެ މަގުގައި ޖިހާދު ކުރުމަކީ ކޮންމެ މުސްލިމަކަށް ވާޖިބެއް” ކަމަށާއި “ޝޯންޕޯލް ފަދަ ކާފިރުން، އެހެނީ ސައިތާނާގެ ތެރެއިންވެސް އެންމެ ޖާހިލު މީހުންނަށް ހައްގުވަނީ މަރު” ކަމަށް ބުނެފައިވެއެވެ. މީގެ އިތުރުން “ސަލާމަތީ ބާރުތަކަކީ އެންމެ މަތިވެރި އިލާހުގެ ހަޒްރަތުގައި އެއްވެސް ބައެއް ނޫން” ކަމަށާއި “އަހަރެމެން ނަސްރު ހޯދާނީ ﷲގެ ހަޒްރަތުން” ކަމަށް އަދި “ޝޯން ޕޯލްގެ ހިމާޔަތަށް މަސައްތަކް ކުރާނީ މުނާފިގުން” ކަމަށާއި “ރާއްޖެ އައިސްފިނަމަ ދެން ފެނިގެންދާނީ (ޝޯންޕޯލް)ގެ ފުރާނަ ނެތް ލެއިން ފޯވެ އަދި އަނދާފައިވާ މަސްގަނޑު” ކަމަށްވެސް އެ ވީޑިއޯގައި ބުނެފައި ވެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *