އޭނާ ހުރީ ނުތަނަވަސް ވެފައި، އެހެންކަމުން މާތް ﷲ އޭނާއަށް އުފާވެރި ކަމުގެ އިޝާރާތެއް ދެއްކެވި

މިއީ ލެބަނާންގެ މުސްލިމު އަޚަކަށް ދިމާވި ހަޤީޤީ ހާދިސާއެކެވެ. އުފަން ވީއްސުރެ ފެށިގެން ޒުވާން އުމުރާއި ޖެހެންދެންވެސް އޭނާ އައީ ’އެގްޒިމާ‘ ކިޔާ ބައްޔެއް ތަޙައްމަލު ކުރަމުންނެވެ.

އެގްޒިމާ އަކީ ހަމަށް ޖެހޭ ބައްޔެކެވެ. މިބަލީގެ ސަބަބުން ހަންގަނޑު ކުރަކިވެ، ގައިގެ އެކި ތަންތަން ކަހާ، ފާރުވާ ގޮތް ވެއެވެ. ދުވަސްކޮޅު ކޮޅުން އެބަލިން ލުޔެއް ލިބުން ކަމުގައިވިޔަސް، ދާއިމީ ފަރުވާއެއް ނުލިބުނެވެ. އޭނާގެ ބޮޑަށް މިބަލި ޖެހިފައިވަނީ އަތަށާއި އަތް ތިލައަށެވެ. ސުކޫލުގައި އުޅުނު ދުވަސްކޮޅު ކުލާހުގެ  އެހެން ކުދިންގެ އަތްތިލަ ރީތިކޮށް ހުންނަތަން އޭނާއަށް ފެނި އޭނާގެ އަތްތިލަ ފާރުވެފައި ހުރުމުގެ ސަބަބުން، ކޮންމެ ދުވަހަކު ވެސް ގެއަށް ގޮސް އެކަމާ ހިތާމަކޮށް ރުއެވެ.

ސެކަންޑަރީ ސްކޫލަށް ދެވުން އިރު، އޭނާގެ އަތުގެ ހަންގަނޑަށް އެހެން ވެފައި ހުންނާތީ ކުލާހުގެ ގިނަ ކުދިން އޭނާއާއި ދިމާކޮށް މަލާމާތްކޮށް ހެދިއެވެ. އެކުދިން އޭނާއަށް ގޯނާކޮށް ފުރައްސާރަ ކުރި އެހެން ސަބަބެއް ވެސް ވިއެވެ. އެއީ އޭނާ އަކީ މުސްލިމަކަށް ވުމެވެ. އޭނާއަށް އެގޮތަށް މަލާމާތްކޮށް ފުރައްސާރަ ކުރި ދުވަހެކެވެ. އެދުވަހު ގާތްގަނޑަކަށް އެއްގަޑީރު ވަންދެން ކުލާހުގައި އިނދެ އޭނާ ރުޔެވެ. އެހުރިހާ ވަގުތަކު މުދައްރިސް ވެސް ހަމަ ކުލާހުގައި އިނެވެ. ނަމަވެސް އެއްވެސް ވަރަކަށް އަޅާނުލިއެވެ. އެކަމުގެ ސަބަބުން ނަފްސާނީ ގޮތުން އޭނާއަށް ވަރަށް ގެއްލުން ލިބި، ކަންކަމާއި ކުރިމަތިލާން އޭނާ ޖެހިލުންވިއެވެ. ޚާއްސަކޮށް މީހުންނާއި ވާހަކަ ދައްކާ އެއްކޮށް އުޅެން އޭނާ ޖެހިލުންވިއެވެ. އޭނާ އަށް ހީވި ގޮތުގައި، އޭނާގެ ބަލީގެ ސަބަބުން އެންމެންވެސް އޭނާއާއި ދިމާ ކުރާނެއެވެ.  މީހުންގެ މަލާމާތުގެ ސަބަބުން އޭނާ ވަރަށް ބޮޑަށް ނުތަނަވަސް ވިއެވެ. ނަމާދު ކުރަން މިސްކިތަށް އަރާއިރު ވެސް އަތްތިލަ ގަމީސް ތެރެއަށްލާ ފޮރުވައެވެ. އަދި ނަމާދުކޮށް ނިމިގެން މީހުންނާއި ސަލާމް ކުރަން ޖެހިލުންވިއެވެ.

އޭނާގެ އުމުރުން ހަތް އަހަރުން ފެށިގެން އޭނާ އައީ ޤުރުޢާން ކިޔަވަމުން ނެވެ. ޤުރުޢާން ކިޔެވުމުން އޭނާ އަށް ކޮންމެވެސް ވަރަކަށް ހިތްހަމަ ޖެހުން ލިބުނެވެ. ޅައުމުރު ނިމި، ފުރިހަމަ ޒުވާނަކަށް ވީއިރު، ދަރިއަކު ހޯދުމަށް އޭނާ ވެސް ބޭނުންވިއެވެ. ކައިވެންޏެއް ކުރާ ހިތްވިއެވެ. ނަމަވެސް އޭނާގެ ހުރި ބަލީގެ ސަބަބުން އެއްވެސް ކަމަކާއި ކުރިމަތިލާކަށް ނުކެރުނެވެ. ހެޔޮލަފާ ޞޯލިހު އަނތްބެއް ހޯދަން މަސައްކަތް ކުރަންވެސް އޭނާ ޖެހިލުންވިއެވެ. ނަމާދެއްގައިވެސް އޭނާގެ އަތާއި އަތް ތިލައަށް ޖެހިފައިވާ ބަލީގެ ސަބަބުން އެކަމާ ރޮއެ ހަދައެވެ.

އެއްދުވަހު އޭނާއަށް ލެބަނާނުން ވަރަށް ރީތި އަންހެން ކުއްޖެއް ފެނުނެވެ. އަދި އެކުއްޖާއާއި ކައިވެނި ކުރަން އޭނާ ބޭނުންވިއެވެ. ނަމަވެސް އެގްޒިމާ ޖެހިފައި ހުރުމުގެ ސަބަބުން އެއަންހެން ކުއްޖާ އޭނާއާއި ދިމާލަށް ބަލާވެސް ނުލާނޭ އޭނާަ ހިތަށް އެރިއެވެ. ކޮންމެ މުސްލިމް އުޚްތެއްވެސް އޭނާ އަށް ކުރާނީ މަލާމާތޭ އޭނާ ހިތަށް އެރިއެވެ. އޭނާ ހުރީ އެހާ ބޮޑަށް ނުތަނަވަސްވެފައެވެ.

އެގްޒީމާ ގެ ސަބަބުން އަޅާ ވޭނާއި ހެދި އެތައްރެއަކު އޭނާ ނުނިދާ ހޭލާ އިނެވެ. ނަމަވެސް މާތް ﷲ ގެ ޙަޛްރަތަށް ދުޢާ ކުރުން ހުއްޓައެއް ނުލައެވެ. އޭނާއަށް ރަޙުމް ކުރުމަށް އަބަދުމެ ދުޢާ ކުރަމުން ގެންދިޔައެވެ. ބައެއް ފަހަރު އޭނާގެ ހިތަށް އަރަމުން ދިޔައީ މާތް ﷲ އޭނާ ދެކެ ލޯބި ނުވާ ކަމަށެވެ. އޭނާއަށް އަޅާނުލާ ކަމަށްވެސް އޭނާގެ ހިތަށް އަރަމުން ދިޔައެވެ.

އެއް އަހަރެއްގެ ހޫނު މޫސުމެވެ. އެއީ އޭނާގެ ޙަޔާތުގައި ދިމާވި، ހިތުން ދުވަހަކު ވެސް ފިލައިގެން ނުދާނެ ދުވަސް ތަކެކެވެ. އޭނާއަށް ކިޔާދޭން ވެސް ނޭނގޭފަދަ ހުވަފެން ތަކެއް ފެންނަމުން ދިޔައެވެ. އޭގެ ތެރެއިން އެއް ހުވަފެން އޭނާ އަށް ކިޔާ ދިނެވެ. އެހުވަފެނުގައި އޭނާ ހުރީ ރަތް ކުލައިގެ ވެލި ހުރި ބިމެއްގައެވެ. ހުދު ކުލައިގެ ތުބުޅިއެއް ލާފަ ހުރި ދެ މުސްލިމް ފިރިހެނަކު އޭނާ ކައިރިއަށް ދިޔައެވެ. އެމީހުން އޭނާ ގާތުން އެހީ އެ އަންހެން ކުއްޖާ ދެކެން ބޭނުންތޯ އެވެ. ޖަވާބުގައި އޭނާ ބުނީ އާނ އެކޭ އެވެ. އެދެފިރިހެނުން އޭނާ އާއި ދިމާލަށް ހިނިތުންވެލިއެވެ. އަދި އެމީހުން ގެ ފަހަތުން އޭނާ ހިނގައިގަތެތެވެ. އެމީހުން އޭނާ ގެންދަން ބޭނުންވާ ތަނަށް ދިޔަ މަގުމަތީ ގައި އޭނާ އަށް ފެންނަމުން ދިޔައީ ތޫނުކޮށްފައިވާ ލޮންސި ތަކެއްގެ މަތީގައި އުއްޑުން ބަޔަކު ތިބި ތަނެވެ. އެލޮންސިތަށް އެމީހުންގެ ހަށިގަނޑު ތެރެއިން ފޫދުއްވާލާފައި ހެރެމުން ދިޔައެވެ. އެމީހުންގެ ރުއިމުގެ އަޑު އޭނާގެ ކަންފަތުގައި ގުގުމަމުން ދިޔައެވެ. އޭނާ ހައިރާންވިއެވެ. ބިރު ގަތެވެ.

ތަންކޮޅަކަށް ދެވުންތަނުން އެހެން ބަޔަކު ފެނުނެވެ. އޭނާާ އަށް ފެނުނީ ދެފާރެއްގެ ދެމެދު ބަޔަކު މީހުން އިރުއިރު ކޮޅުން ފިތެމުން ދަނިކޮށެވެ. އެބައި މީހުން ވެސް ރޮއެ އާދޭސް ކުރަމުން ދިޔައެވެ. ސަލާމަތް ކުރުމަށް އެދެމުން ދިޔައެވެ. އަނެއްކާ އެހެން ތަންކޮޅަކަށް ދެވުމުން ފެންނުނީ ބައެއްގެ ގުނަވަންތަކަށް ދެމި ހަށިގަނޑާއި ވަކި ވަމުން ދިޔަ މަންޒަރެވެ. މިގޮތުން އެކިއެކި ބައިތަށް އޭނާއަށް ފެނުނެވެ. ކޮންމެ ބައެއްގައި ވެސް ފެންނަނީ އިންސާނުން ތަކަކަށް ވަރަށް ވޭންތަކެއް ލިބެމުން ދަނިކޮށެވެ.

އެންމެ ފަހުން އޭގެން އެކަކު އޭނާ ކައިރިން އެއްސެވެ. ’ދެންމަ ތިފެނުނު ވޭންދެނިވި ކަންކަމާއި އަޅާ ބަލާއިރު، ކަލޭގެ ދިރިއުޅުން ފަސޭހަ ހެއްޔެވެ؟‘ ޖަވާބުގައި އޭނާ ބުނީ ’މާތް ﷲ ގެ ކުޅަދުންވަންތަކަމާއި އިރާދަފުޅާއި އެކު، ވަރަށް ބޮޑަށް ވެސް ފަސޭހަ‘ އެވެ. އެހުވަފެނަށް ފަހު ދެން އޭނާ އަށް ފެނުނީ އެންމެ ރަނގަޅު ހުވަފެނެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ އޭނާ އަށް ހުވަފެނުން ފެނުނެވެ. އެހުވަފެނުގައި އޭނާ އިނީ އަލި ކަމެއް ނުވާ ކަނު އަނދިރީގެ ތެރޭގައެވެ. ކުއްލިއަކަށް އޭނާ ގެ ކުރި މަތިން ފެނުނީ ރަނުން ހަދާފައިވާ ދޮރު ކޮޅެކެވެ. އެދޮރުކޮޅު އޭނާ އާއި މުޚާތަބު ކުރިއެވެ. އޭނާ ގާތު ބުނީ ރުއިން ހުއްޓާލާފައި އެތެރެއަށް ވަނުމަށެވެ.

އެތެރެއަށް ވަދެވުނުއިރު އޭނާ އަށް ވަދެވުނީ ވަރަށް ރީތި ބަގީޗާާ އަކަށެވެ. އެބަގީޗާގައި އެކި ވައްތަރުގެ މާތަކާއި ފެން ކޯރެއްވެސް ހުއްޓެވެ. އޭނާ އަށް ބައެއްގެ ހުނުމުގެ އަޑާއި ވާހަކަ ދައްކާ އަޑު ދުރުނޫން ހިސާބަކުން އިވެމުން ދިޔައެވެ. އެހެންކަމުން އެއަޑު އަންނަ ދިމާލަށް އޭނާ ހިނގައިގަތެވެ. އޭނާ އެޅި ކޮންމެ ފިޔަވަޅަކައި އެކު އެބަގީޗާ އިތުރަށް ރީތިވެ، ބަގީޗާގެ ކުލަ ގަދަވަމުން ދިޔައެވެ. ދުރު ނޫން ހިސާބަކުން އޭނާއަށް ފެނުނީ ވަރަށް ފުރިހަމައަށް ތައްޔާރު ކޮށްފައި ހުރި ނާސްތާ އެކެވެ. އެ ނާސްތާާގައި ތަފާތު އެކި ވައްތަރު ކާއެއްޗެއްސާއި ފޮނި އެއްޗެހި ހުއްޓެވެ. އަދި ކްރިސްޓަލް ތަށި ތަކެއްގައި ގާތްގަނޑަކަށް 100 ވައްތަރުގެ އެކި ކުލަ ކުލައިގެ ބުއިން ހުއްޓެވެ. އެމޭޒު ކަިއިރީގައި ތިބީ ވަރަށް ރީތި މުސްލިމު އަޚުން ތަކެކެވެ. އެތަނުން އޭނާއަށް ފެނުން އެކަކު ހުރީ އެއް އަތުން އަސާ ކޮޅެއް ހިފައިގެންނެވެ. އޭނާ ހިތަށް އެރީ، އެއީ މޫސާ ޢަލައިހިއްސަލާމް އަށް ވެދާނެ ކަމަށެވެ. ދެން ފެނުނު އަނެއް މުސްލިމެއްގެ ހުރީ ދިގު ބުޅި ރަތްކުލައިގެ އިސްތަށިގަނޑެކެވެ. އެއީ ޢީސާ އަލައިހިއްސަލާމް އޭ އޭނާ ހިތަށް އެރިއެވެ. މޭޒުގެ އެންމެ ކޮޅުގައި ހުރި މުސްލިމެއް އޭނާ އާއި ދިމާލަށް އެނބުރި ބަލާލިއެވެ. މާޝާ ﷲ. ދުވަހަކުވެސް އެސިފަ، އެމޫނު އޭނާގެ ހިތުން ފިލައިގެން ނުދާނެ އެވެ. މޫނުމަތިން އެފެނުން އުޖާލާ ކަމީ ދުވަހަކުވެސް އޭނާގެ ހިތުން ފުހެވިގެން ދާނޭ އުޖާލާކަމެއް ނޫން ކަމުގައި އޭނާ ބުންޏެވެ. އެހުވަފެނުގައި އޭނާއަށް ފެނުނީ އަހަރުމެންގެ މާތް ނަބިއްޔާ މުޙައްމަދު ޞައްލﷲ އަލައިހި ވަސައްލަމަ އެވެ. އެ ހުވަފެނުގައި އޭނާ އާއި ދިމާލަށް މާތް ނަބިއްޔާ ހިނިތުންވެލިތަން ފެނުމުން ވެސް މުޅި ތަނުގައި މީރުވަސް ފެތުރިގެން ދިޔައެވެ. އޭނާ އަށް ސަލާމް ގޮވާލުމަށްފަހު ކައިރިއަށް އައުމަށް ބުންޏެވެ. އޭނާ ގާތު އޭނާގެ ފުރިހަމަ ނަން އެހިއެވެ. ނަން ބުނުމުން ތަޢާރަފް ވެލުމަށް އެކަލޭގެފާނު ޙަދީޡް ކުރެއްވިއެވެ.

’ތިމަންކަލޭގެ ފާނަކީ މިއުއްމަތުގެ އެންމެ ފަހު ނަބިއްޔާ. ނަމަކީ މުޙައްމަދު އިބްނު ޢަބްދުﷲ (ޞައްލަﷲ އަލައިހި ވަސައްލަމަ)‘

އެވަގުތު އޭނާއަށް ޓަކައި އެތަނަށް ރަނުން ހަދާފައިވާ ގޮނޑިއެއް ގެނެވުނެވެ. މާތް ނަބިއްޔާ އާއި ދުރުނޫން ހިސާބެއްގައި އޭނާވެސް އިށީނެވެ. އޭނާގެ އަތް ތިލައިގާ މާތް ނަބިއްޔާ އަތްޖައްސަވާލެއްވި އެވެ. އަދި ނަބިއްޔާގެ އަތްޕުޅާލާ ބޮނޑި ކޮށްލިއެވެ. ދުވަހަކުވެސް އިޙްސާސް ނުވާފަދަ އުފަލެއް އޭނާާއަށް އިޙްސާސް ކުރެވުނެވެ. މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވި ބަސްފުޅަކުން، ނިދީގައި އޮވެ އޭނާ އަށް ރޯން ފެށުނެވެ. ޙަދީޡް ކުރެއްވިއެވެ.

’މިދުނިޔެ މަތީގައި ދިމާވާ ދަތި އުނދަގޫތަކާއި މެދު ހިތާމަ ނުކުރާށެވެ.  މާތް ﷲ ގެ ރުއްސުން ލިބި ފާފަ ފުއްސަވާތޯ އެދި ދުޢާކޮށް، ފާފައެއް ކުރެވިފައިވާނަމަ އެފާފަ ފުއްސެވުން އެދި ދުޢާކޮށް އެކަން ކުރެވުނީ ހިތާމަ ކުރާށެވެ. ހަމަކަށަވަރުން މާތް ﷲ ދުވަހަކު ވެސް ތިބާ ދަތިހާލަށް ދޫކޮށެއް ނުލައްވާނެއެވެ. މާތް ﷲ އެކަމާނގެ އަށް ފުރިހަމައަށް އީމާންވާ އަޅުތަކުންނާއިއެކު އަބަދުމެ ވޮޑިގެން ވެއެވެ. މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާއި އެކު އެވެ. އަދި އެންމެ ބޮޑަށް ލޯބިވެ ވޮޑިގެންވަނީ ވެސް ދިމާވާ ކަންކަމަށް ކެތްތެރިވާ މީސްތަކުން ދެކެއެވެ. އަދި ޤިޔާމަތް ދުވަހުން، ކަންކަމަށް ކެތްތެރިވެ އީމާންވީ މުސްލިމުން ދެކެ އެކަލާނގެ ލޯބިވެ ވޮޑިގެންވާ ވަރު ފެންނާނެތެވެ.‘

އޭނާ އަށް އެހުވަފެނުން ހޭލެވުނެވެ. ލޮލުން ކަރުނަ ފައިބަމުން ދިޔައެވެ. އެދުވަހަށް ފަހު އޭނާއަށް ޖެހިފައިވާ ބައްޔާާއި މެދު އޭނާ ހިތާމައެއް ނުކުރެއެވެ. ޝަކުވާ އެއް ވެސް ނުކުރެއެވެ. އޭނާ އަކީ މާތް ﷲ އަށް ފުރިހަމައަށް އަޅުކަންކުރާ ޞާލިހު އަޅަކަށްވިއެވެ. އަދި ކަންކަމާއި ކުރިމަތިލާން ކެރި، އެކި އެކި ދަރުސް ތަކުގައި ވާހަކަ ދައްކަން ވެސް ކެރޭ ޝެއިޚަކަށް އޭނާ ވިއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *