ހޭވެރިކަން ވުމުން ދުއްވައިގަތީ ދަރިފުޅު ހޯދަން ބޭބެމެންގެއާ ދިމާލަށް، ބޭބެމެންގެ އޮތީ ބިމާ ހަމަވެފަ، 4 ފޫޓު އުސްމިނަށް ފާރުތައް މަތިމައްޗަށް ވެއްޓިފަ، ގާތައް ނަގަމުން އުކަމުންދަނިކޮށް ވިއްސަކަށް މިނެޓް ފަހުން ފެނުނީ ދަރިފުޅުގެ ބޮޑުވައި އިނގިލިން ތަންކޮޅެއް، ދަރިފުޅުގެ އެއްވެސް ހަރަކާތެއް ނެތް …… 26 ޑިސެމްބަރު 2004 ވަނަ ދުވަހު ލ.މުންޑޫ ހައްވާ ނާސިހާއަށް ދިމާވި ހިތްދަތި ހާދިސާ ދުވަސް ނޫހާ ހިއްސާކުރިއެވެ.
މީގެ 10 އަހަރު ކުރިން ސުނާމީ ކާރިސާގައި ނާސިހާގެ ތިން އަހަރުގެ ފިރިހެން ދަރި، ވެއްޓުނު ގެއެއްގެ ފާރުތައް ދަށުވިއެވެ. ދަރިއަށް ކިރިޔާ ކަމެއްވިޔަސް ކަނބޮޑުވާ މަންމައަކު ދަރި ގެއްލިގެން އުޅޭއިރު ކިހާ ހާސްވާނެހެއްޔެވެ؟ ކަންބޮޑުވާނެ ހެއްޔެވެ؟ ލޮލުގެ ކޮއިފަދަ ލޯބިވާ ދަރިފުޅު ހޯދުމަށް ނާސިހާ ދިޔައީ އަތްފުނާ އަޅަމުންނެވެ. ގާތަށް ފުރޮޅަމުންނެވެ.
”ބޮޑެތި ގާތައް އަތުން އުކަމުންދިޔައީ އެކި ދިމަދިމާލަށް، ކޮއްކޮ ބުނި ގޭގެ ދަށުގައޭވީ، އަތަށްވާ ތަދަކަށް ވާ ވަރުބައްޔަކަށް ނުބެލުނު، 20 މިނެޓް މަސައްކަތް ކުރިފަހުން ފެނުނީ ދަރިފުޅުގެ ފައިގެ ބޮޑުވައި އިނގިލިން ތަންކޮޅެއް“ ނާސިހާއަށް އެހިނދު ހަޅޭއްލަވައިގަނެވުނެވެ. އަދި އެހިއަށް އެދި އެހެން މީހުންނަށް ގޮވަން ފެށުނެވެ. އޭރު ސުނާމީ އެރިފަހުން 2 ގަޑިއިރު ވެދާނެ ކަމަށާއި ފެންގަނޑު ކޮންމެވެސް ވަރަކަށް ހިދިފައިވާއިރު 20 ވަރަކަށް މީހުން ކުރި މަސައްކަތުން ނާސިހާގެ ދަރިފުޅު ނެގުނީވެސް ދެގަޑިއިރުވަރު މަސައްކަތްކުރި ފަހުންނެވެ. ގޭގެ ފާރުތައް ވެއްޓިފައިވާއިރު ފާރުތަކުގެ މައްޗަށް ކޮންކްރީޓް ބެރިތައްވެސް ވެއްޓިފައިވުމުންނެވެ.
ދަރިފުޅު ނެގި އިރު އޮތީ ޗަކައިން ފޯވެފައެވެ. ގޭގެ މުށި ގަނޑުގައި ބޮ ކޭތި ކޭތި ބޮލުގެ ނާށިގަނޑު ހާމައަށް ފެންނާން އޮތެވެ. އެއްވެސް ހަރަކާތެއް ނެތެވެ. ދޮވެލާނެ ރީތި ފެންފޮދެއްވެސް ކައިރީގައި ނެތެވެ. ނާސިހާއަށް ހުރެވުނީ ހަރަކާތް ހުއްޓި ގަބު އަރާފައެވެ.
”ދަރި ނެގުމުގައި ހަރަކާތްތެރިވި ކުއްޖަކު ދަރި ކޮނޑަށްލައިގެން ދުއްވައިގަތީ ސްކޫލާ ދިމާލަށް، ސްކޫލް އިސްކުރުބަރިން ސާފު ފެންއަޅާ ސާފު ކުރަން، އަހަރެންވެސް ފަހަތުން ދުވެފަ ދިޔައީ، އެތަނުން ކުއްޖަކު ބުނީ ނޭވާ ލާކަމުގެ އިހުސާސް ކުރެވޭ ކަމަށް“ އަސަރާއެކު ނާސިހާ ކިޔާދިނެވެ.
ނާސިހާއާއި ނާސިހާގެ ފިރިމީހާ ދެން އަވަސްވެގަތީ ދަރިފުޅު ގޮވައިގެން އެއަތޮޅު ގަމުގައި ހުންނަ ރީޖަނަލް ހޮސްޕިޓަލަށް ދިއުމަށެވެ. ހޮސްޕިޓަލަށް ގޮސް ޑޮކްޓަރަށް ދެއްކުމުން މާ ގިނައިރެއް ނުވެ ދަރިފުޅު ލޯ ހުޅުވާލިއެވެ. ޑޮކްޓަރު ބުނީ ސަލާމަތްވީ ދަރިފުޅު ފިޓް ޖެހިފައި އޮތުމުން ކަމަށެވެ. އަދި އެމަޖެންސީކޮށް މާލެ ދިއުމަށް ޑޮކްޓަރު އިލްތިމާސްކުރިއެވެ.
ތިން ދުވަހު ގަމު ރީޖަނަލް ހޮސްޕިޓަލްގައި ތިބުމަށްފަހު ނާސިހާގެ ދެމަފިރިން މާލެ އައިސް ދަރިފުޅުގެ ބޭސްފަރުވާގެ ކަންކަމުގައި މަހަކަށްވުރެ ގިނަ ދުވަސް ހޭދަކުރިއެވެ. މާތް ﷲގެ ރަހުމަތާއެކު އެ ނުރައްކާތެރި ކާރިސާއިން އަޖައިބުކުރުވަނިވި ގޮތަކަށް ނާސިހާގެ ދަރިފުޅު ސަލާމަތް ވީއެވެ.
”މާލެއިން ޑޮކްޓަރު ބުނީ ގޮހޮރަށް ލޭ އަރާފައި ހުރިކަމަށް، އަދި ހަށިގަނޑުގެ ތެރޭގައި ކިސަޑު ހުރި ކަމަށް، އިލްތިމާސްކުރީ ހިތުގަ ނުޖައްސާ ގެންގުޅުމަށް، އިންޝާ ﷲ މިހާރު ދަރިފުޅަށް 13 އަހަރު، ދަރިފުޅުގެ ހާލު މިހާރު ރަނގަޅު“ ނާސިހާގެ ހިތާމައިގެ ރާގު އުފަލަށް ބަދަލުވިއެވެ.
މިއީ 26 ޑިސެމްބަރުގައި ސުނާމީ ކާރިސާގައި ލ.މުންޑޫގައި ދިމާވި ހިތާމަވެރި ހާދިސާތަކުގެ ތެރެއިން އެއް ހާދިސާއެވެ. އެދުވަހުގެ ކާރިސާގައި ލ.މުންޑޫން 6 ކުއްޖަކު ނިޔާވިއެވެ.
ނާސިހާގެ ފިރިހެން ދަރިފުޅު މިހާރު ކިޔަވަމުން އަންނަނީ ގްރޭޑް 7 ގައެވެ. ދަރިފުޅު ސަލާމަތްވީތީ އެކަމާ ނާސިހާ އަދި ނާސިހާގެ ފިރިމީހާ ޝުކުރުކުރެއެވެ. އަދި އެފަދަ ދުވަހެއް މި އުންމަތަށް ނުދައްކަވާތޯ އެ ދެމަފިރިން ދުއާކުރެއެވެ.