ގޮއިދޫގައި ޢީދު ފާހަގަ ކުރުން ވަރަށް ތަފާތު، އެހާމެ ފޯރި ގަދަ

ބ.ގޮއިދޫ ގައި މިއަހަރުގެ އަޟްޙާ ޢީދު ފާހަގަ ކުރުމަށް ބޭއްވުނު ބައެއް ހަރަކާތްތަށް ވަރަށް ވެސް ތަފާތު އެހެންނަމަވެސް ނުހަނު ފޯރިގަދަ ވެފައި އުފާވެރިއެވެ.

އެގޮތުން އީދު ގެ ފުރަތަމަ ދުވަހު ޢީދު ނަމާދަށް ފަހު ހެނދުނު 9:00 ގައި ފިރިހެނުންގެ މަންޑި އެވެ. އަދި އެއަށްފަހު ރަށުގެ އަންހެން ކުޑަކުދިންގެ މެދުގައި ފަންކުޅުން ވެސް ބޭއްވިގެން ދިޔައެވެ. މިހަރަކާތް ބޭއްވުނީ ހެނދުނު 10:30 ގައެވެ. އަދި ހަމަ އެވަގުތު ރަށުގެ ފިރިހެން ކުޑަކުދިންގެ މެދުގައި ބޭއްވުނު ގޯނި ދެމުން ވެސް ވަނީ ވަރަށް ފޯރިއާއި އެކު ބޭއްވިފައެވެ. މިހަރަކާތް ތަކަށް ފަހު މެނދުރު 1:30 ގައި ފިރިހެނުންގެ ވޮލީ މެޗެއް ބޭއްވުނު އިރު، އޭގެ އެއް ގަޑިރު ފަހުން 2:30 ގައި އަންހެނުންގެ ވޮލީ މެޗެއްވެސް ބޭއްވިގެން ދިޔައެވެ. މިހަރަކާތް ތަކުން ދައްކުވާ ދިނީ ބ.ގޮއިދޫ އިން ކުޅިވަރުތަކުގައި ބައިވެރި ކުރުމުގައި ވަކި ބަޔަކު އިސްކޮށްފައި ނުވާ ކަމެވެ.

14374697_780802665391239_1633064462_o

ތަފާތު ހަރަކާތެއްގެ ގޮތުން ބ.ގޮއިދޫ އިން މިވަނީ ސެޕްޓެމްބަރ 12 ވީ ހޯމަ ދުވަހު އުމުރުން 40 އަހަރުން މަތީ އަންހެނުންނާއި ފިރިހެނުންގެ  މެދުގައި ބަށި މުބާރާތެއް ބާއްވާފައެވެ. މިމުބާރާތް ބޭއްވުނީ އެދުވަހުގެ 4:30 ގައެވެ. އެއަށްފަހު ހަމައެރޭ ’ޔޯގަޓް‘ ކެއުމުގެ ފޯރިގަދަ ތަފާތު މުބާރާތެއްވެސް ގޮއިދޫ އިން މިވަނީ ބާއްވާފައެވެ. އެއަށްފަހު 9:00 ގައި ބޭއްވުނު ޢީދު ޝޯއަށްފަހު 10:30 ގައި އެންމެ ރީތިކޮށް މޭކަޕް ކުރާ ފަރާތެއް ހޯދުން ވެސް އޮތެވެ.

14360347_780802692057903_782402389_o

ޢީދުގެ ދެވަނަ ދުވަހުގެ ’ޢީދު ފޯރި ފެށިފައިވަނީ ހެނދުނު 8:00 ގައި ބޭއްވުނު އަންހެނުންގެ ފަންކުޅުމުންނެވެ. އަދި ހަމަ އެގަޑީގައި ކުޑަކުދިންގެ މެދުގައި ’ހަންޓިންގް‘ ވެސް ވަނީ ބާއްވާފައެވެ. 13 ސެޕްޓެމްބަރ ވީ އަންގާރަ ދުވަހު ގެ ހެނދުނު 9:30 ގައި އަންހެނުންނާއި ފިރިހެނުންގެ މެދުގައި ރިލޭ ރޭހެއްވެސް ބޭއްވިފައިވެއެވެ. އަންހެނުންނާއި ފިރިހެނުންގެ މެދުގައި ދަނޑި ޖެހުމުގެ ހަރަކާތެއްވެސް އެދުވަހުގެ ހެނދުނު 10:30  ގައި ބޭއްވިފައިވެއެވެ.

14359694_780802678724571_1465406851_o

އެދުވަހުގެ މެންދުރު 1:00 ގައި އަންހެނުންނާއި ފިރިހެނުންގެ ވޮލީ މެޗެއް ބޭއްވިފައިވާ އިރު ހަމަ އެވަގުތު ރަށުގެ ކުޑަކުދިންގެ މެދުގައި ވަރަށް ފޯރިގަދަ ބައިބަލާ މުބާރާތަކާއި ބަށި މުބާރާތެއްވެސް ވަނީ ބާއްވާފައެވެ. އަންހެނުންގެ މެދުގައި އދުވަހުގެ ހަވީރު 4:00 ފުޓުބޯޅަ މެޗެއްވެސް ވަނީ ކުޅެވިފައެވެ. އަދި އެރޭ 8:00 ގައި ބޭއްވުނު ފޯރިގަދަ ބައިބަލާ މެޗަށްފަހު 9:00 ގައި ޢީދު ޝޯވެސް ވަނީ ބާއްވާފައެވެ.

14329310_780802695391236_953465766_o

ބ.ގޮއިދޫގައި މިއަދު މިހާތަނަށް ބޭއްވުނު ހަރަކާތް ތަކަށް ބަލާއިރު ހެނދުނު 8:00 ގައި ބޮޑެތި މީހުންގެ ދަތި ރޭހެއް މިވަނީ ބާއްވާފައެވެ. އަދި އެއަށްފަހު 10:00 ގައި ކުޑަކުދިންގެ ދަތިރޭހެއްވެސް ބާއްވާފައިވެއެވެ. މިއަދު މެންދުރު ފަހު 1:00 ގައި އަންހެނުންނާއި ފިރހެނުންގެ ބަށި މުބާރާތުގެ ފައިނަލް  ފެށިގެން ކުރިއަށް އެބަދެއެވެ. އަދި މިއަދު ހަވީރު 5:00 ގައި އެންމެންގެ މާލި ނެށުން ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

14329244_780802682057904_360099358_o

އަދި މިރޭ 8:00 ގައި ފިރިހެނުންގެ ބައިބަލާ މެޗް ވެސް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިރޭ ވެސް 9:00 ގައި ޢީދު ޝޯވެސް އޮންނާނެ އެވެ.

ޢީދުގެ މަޖަލާއި ފޯރި ޢީދުގެ ތިން ދުވަހުން ނުނިމެއެވެ. ބ.ގޮއިދޫ ގައި ޢީދުގައި މަޖާ ކުރުމާއި ފޯރި ނެދުން މާދަމާ ވެސް ކުރިއަށް ގެންދިޔުމަސް ވަނީ ހަމަޖެހިފައެވެ. އެގޮތުން މާދަމާ ބޭއްވޭ އެންމެ ފުރަތަމަ ކުޅިވަރަކީ 8:00 ގައި އެންމެންގެ މެދުގައި ބޭއްވޭ ވާދެމުމުގެ ފޯރިގަދަ ކުޅިވަރެވެ. އަދި އެއަށްފަހު 1:30 ގައި ’ކޯރުގަނޑު ކުޅިވަރު‘ ވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މާދަމާގެ ހަވީރު ކުޑަކުދިންގެ ފުޓުބޯޅަ މެޗަކާއި ވޮލީ މެޗެއްވެސް އޮންނާނެއެވެ. އަދި މަދަމާ ރޭ 8:00 ގައި ބޮޑު މަސް ނެރުމަށްފަހު 9:00 ގައި ޝޯ އޮންނާނެއެވެ.

14303728_780802688724570_51626557_o

މިޢީދު ޗުއްޓީގައި ބ.ގޮއިދޫގައި ބޭއްވުމަށް ހަމަޖެހިފައިވާ ހަރަކާތްތަށް ނިމެނީ 16 ސެޕްޓެމްބަރ ވާ ހުކުރު ދުވަހު އެވެ. ނަމަވެސް ނިންމާލުމުގެ ކުރިންވެސް ފޯރި ގަދަ ހަރަކާތްތަކެއް ބެއްވުމަށް މިވަނީ ހަމަޖެހިފައެވެ. އެގޮތުން ހުކުރު ދުވަހު ހެނދުނު 9:30 ގައި ފެންކުޅި ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ކުދި ބޮޑު އެންމެންވެސް ވަރަށް ފޯރިއާި އެކީ ބައިވެރިވާނެ ހަރަކާތެއްކަން ހަމަ ޔަގީނެެވެ. ފެންކުޅި އަށް ފަހު އެދުވަހުގެ މެންދުރު ފަހު 2:00 ގައި ’ވަޅުގަނޑުބޯޅަ‘ ކިޔާ ހަރަކާތެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ވެސް އެންމެންނަށް ބައިވެރި ވެވޭނެ ހަރަކާތެކެވެ. އަދި އެރޭ 8:00 ގައި އައިޑޯލް ހޮވުންވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *