ފޮރިންގ މިނިސްޓަރު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާއި ބައްދަލު ކުރައްވަނީ - ފޮޓޯ: ފޮރިންގ މިނިސްޓްރީ
ފޮރިންގ މިނިސްޓަރު ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް އާއި ބައްދަލު ކުރައްވަނީ - ފޮޓޯ: ފޮރިންގ މިނިސްޓްރީ

ރަސްމީ ދަތުރުފުޅެއްގައި ފޮރިިންގ މިނިސްޓަރު އިނގިރޭސިވިލާތުގައި

ރަސްމީ ދަތުރުފުޅެއްގައި ފޮރިންގ މިނިސްޓަރު ޑރ މުހައްމަދު އާސިމް އިނގިރޭސިވިލާތަށް ވަޑައިގެންފި އެވެ.

މިއީ ދެ ދުވަހުގެ މުއްދަތަށް ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ކޮމަންވެލްތުގެ އިސްވެރިންނާއި އިނގިރޭސިވިލާތުގެ ފޮރިންގ އެންޑް ކޮމަންވެލްތު އޮފީހުގެ ވެރިންނާއި ބައްދަލު ކުރައްވާނެ އެވެ.

އެގޮތުން އިއްޔެ ވަނީ އިނގިރޭސިވިލާތުގެ ފޮރިންގ އެންޑް ކޮމަންވެލްތު އޮފީހުގެ ފަރާތުން އޭޝިއާ ޕެސިފިކަށް ކަނޑައަޅާފައި ހުންނަވާ މިނިސްޓަރު އަލޮކް ޝަރުމާ އާއި ބައްދަލު ކުރައްވާފައި އެވެ. މި ބައްދަލުވުމާއި ގުޅޭގޮތުން ފޮރިންގ މިނިސްޓްރީން ބުނީ ދެ ގައުމުގެ ގުޅުން ވަރުގަދަ ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރި ކަމަށެވެ.

އަދި މިނިސްޓަރު ޑރ އާސިމް ވަނީ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ މައުލޫމާތު ޝަރުމާއަށް ދެއްވާފައި ކަމަށެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ހަރުދަނާ ކުރުމާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރެވުނު ކަމަށް ފޮރިންގ މިނިސްޓްރީން ބުނެއެވެ.

ދެން މިނިސްޓަރު ބައްދަލު ކުރައްވާފައިވަނީ ކޮމަންވެލްތުގެ ސެކްރެޓަރީ ޖެނެރަލް ޕެޓްރީޝިއާ ސްކޮޓްލެންޑާއި އެވެ. މި ބައްދަލުވުމުގައި ކޮމަންވެލްތާއި ރާއްޖެއާއި ދެމެދު ގުޅުން އިތުރަށްބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރެއްވި އެވެ.

މީގެ އިތުރުން މިނިސްޓަރުގެ މި ދަތުރުފުޅުގައި އިނގިރޭސިވިލާތުގެ އޯލް ޕާޓީ ޕާލަމެންޓްރީ ގްރޫޕުގެ ޗެއާމަނާއި އިތުރު މެންބަރަކާއި ވަނީ ބައްދަލު ކުރައްވާފައި އެވެ. މި ބައްދަލު ކުރެއްވުމުގައިވެސް މަޝްވަރާ ކުރައްވާފައިވަނީ ދެ ގައުމުގެ ގުޅުން ހަރުދަނާ ކޮށް އެއްބާރުލުން ދިނުމާއި ގުޅޭގޮތުން ކަމަށް ބުނެ އެވެ.

ފޮރިންގ މިނިސްޓަރު އިނގިރޭސިވިލާތަށް ވަޑައިގެން އެ ގައުމުގެ އިސް ބޭފުޅުންނާއި ކޮމަންވެލްތުގެ ބޭފުޅުންނާއި ގުޅުން ރަނގަޅު ކުރެއްވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވަމުން މި ގެންދަވަނީ ސަރުކާރުގެ ބައެއް ނިންމުންޔަކަށް އެ ފަރާތްތަކުގެ ފާޑު ކިޔުން އަމާޒުވެފައިވަނިކޮށެވެ. އެގޮތުން ދާދިފަހުން އަމަލު ކުރަން ފެށި އަބުރުގެ ގާނޫނު މަޖިލީހަށް ހުށަހެޅުމުން ކޮމަންވެލްތާއި އިނގިރޭސިވިލާތް ހިމެނޭގޮތަށް ވަނީ ބާޔާނެތް ނެރެ އެ ބިލް އަނބުރާ ގެންދިއުމަށް ސަރުކާރަށް ގޮވާލާފައި އެވެ.

އެ ބަޔާނަށް ރައްދު ދީ ފޮރިންގ މިނިސްޓްރީން އޭރު ބުނެފައިވަނީ ދިވެހި ސަރުކާރުން އެ ބަޔާން ބަލައި ނުގަންނަ ކަމަށެވެ.

 

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!