ބަރަކާތްތެރި އަޟްޙާ ޢީދުގެ މުނާސަބަތުގައި، ޞަދަގާތެއްގެ ގޮތުން މަޙަލްދީބް ފައުޑޭޝަން އާއި ޤަތަރް ގެ ރަޢްފް ގުޅިގެން މާލޭގައި ދިރިއުޅޭ ބައެއް ނިކަމެތި އާއިލާ ތަކަށް އެހީތެރިވުމުގެ ގޮތުން އެފަދަ އާއިލާތަކަށް ޢުލްޙިއްޔާ ކަތިލުމަށްފަހު މިއަދު ބަކަރި މަސް ބަހައިފިއެވެ.
އެގޮތުން މިއަދު ޢީދު ނަމާދަށްފަހު 20 ބަކަރި ކަތިލާ، އޭގެ މަސް އެކި އާއިލާ ތަކަށް މަޙަލްދީބް އާއި ރަޢްފް ގެ ފަރާތުން ބަހާފައިވެއެވެ.
ބަކަރި މަސް ބަހާފައިވަނީ ޔަތީމު ކުދިން ތިބޭ އާއިލާތަކަށާއި، ނުކުޅެދޭ ކުދިން ތިބި އާއިލާ ތަކުގެ އިތުރުން ފަޤީރުންގެ ގޮތުގައި އެފައުންޑޭޝަންގައި ނަންނޯޓު ކުރެވިފައިވާ ބައެއް އާއިލާ ތަކަށެވެ.
މިހަރަކާތަކީ މަޙަލްދީބް ފައުންޑޭޝަން އުފެދުނީއްސުރެ 2012 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކުވެސް އަޟްޙާ ޢީދުގައި މަޙަލްދީބް ފައުންޑޭޝަނުން ކުރިއަށް ގެންދަމުންދާ ހަރަކާތެކެވެ. އަދި މީގެ އިތުރުން މިއަހަރުގެ ފިޡްރު އީދުގައި މި ފައުންޑޭޝަންގެ ފަރާތުން ވަނީ މިފަދަ ކުދީންނަށް ޢީދުގެ އުފާ ހާސިލް ކޮށްދިނުމުގެ ގޮތުން ޢީދު ހަދިޔާ ވެސް ބަހާފައެވެ.

މަޙަލްދީބް ފައުންޑޭޝަންގެ ޕްރޮޖެކްޓް މެނޭޖަރ އަޙްމަދު ޝިޔާޒް ’ދުވަސް‘ އަށް މަޢުލޫމާތު ދެމުން ވިދާޅުވީ، އަޟްޙާ ޢީދުގައި ނިކަމެތީންނަށް އެހީތެރިވުމުގެ ގޮތުން ޢުލްޙިއްޔާ ކަތިލުމަށްފަހު ބަކަރި ބެހުމަކީ 2012 އިން ފެށިގެން، ބަކަރި ލިބޭ ފަހަރަކުވިއްޔާ، އެބޭފުޅުން ކުރަމުން އަންނަ ކަމެއް ކަމަށެވެ. މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ބައެއް ފަހަރު ބަކަރި ނުލިބޭ ފަހަރުވެސް އަންނަކަން ޝިޔާޒް ވަނީ ފާހަގަ ކުރައްވާފައެވެ. އަޟްޙާ ޢީދުގެ މުނާސަބަތުގައި މަޙަލްދީބް ގެ ފަރާތުން ބާއްވާ އެކި އެކި ހަރަކާތްތަކަށް ބޭނުން ކުރެވޭ ޝިޢާރަކީ ”ގިފްޓް އަ ސްމައިލް“ ކަމުގައިވެސް އެ ފައުންޑޭޝަން ގެ ޕްރޮޖެކްޓް މެނޭޖަރ ވިދާޅުވިއެވެ.
މީގެ އިތުރުން ،މިއަހަރުގެ ޢަޟްޙާ ޢީދު ކުލަގަދަ ކޮތެއްގައި ފާހަގަ ކުރުމަށް މިނިސްޓަރީ އޮފް އިސްލާމިކް އެފެއާރޒް އާއި ބައެއް ދީނީ ޖަމިއްޔާތައް ގުޅިގެން ”ޢީދުން ސަޢީދުން“ ގެ ނަމުގައި މާލޭގައި ބާއްވާ ކުޅިވަރުތަކުގައިވެސް މަޙަލްދީބް ފައުންޑޭޝަން އިން ބައިވެރިވެއެވެ.