ހޮންކޮންގުގެ އަނާނާ ޖަމިއްޔާ އިން ދުނިޔޭގެ އޯޓިޒަމް ކުދިންނަށް ހާއްސަ ކޮށްގެން ކުރިޔަށް ގެންދިޔަ އޯޓިޒަމް ގާލާ 2016 ގައި މިއުޒިކަށް ހާއްސަ ކޮށްފައިވާ ކެޓަގަރީން އެއްވަނަ ރާއްޖޭގެ އާލް އަޔާން އަށް ލިބިއްޖެ އެވެ.
މި މުބާރާތުގައި ވަނަ ހޮވީ ކުދިންގެ ހުނަރު ދައްކާލާފައިވާ ވީޑިއޯތަކަށް ފޭސްބުކް މެދުވެރިކޮށް ވޯޓު ދީގެންނާއި ޖަޖުންގެ މާކްސް އިންނެވެ. ވަނަ ދީފައިވަނީ ޖަޖުންގެ 80 އިންސައްތަ މާކްސް އާއި ވޯޓުގެ 20 އިންސައްތަ މާކްސް ހިމަނައިގެންނެވެ.
މި މުބާރާތުގައި ރާއްޖެއިން ބައިވެރިވި ކުދިން ކިޔާފައިވަނީ ލަވަޔާއި މަދަހަ އެވެ. އާލް ކިޔާފައިވާ ލަވަޔަށް 1،614 ވޯޓު ލިބިފައިވެ އެވެ.
އޮންލައިން ވޯޓިންގ ގެ ބައިން ދެވަނައަށް އެންމެ ގިނަ ވޯޓު ލިބިފައިވަނީ ރާއްޖޭގެ ފަރާތުން މުބާރާތުގައި ބައިވެރިވި އަހުމަދު ނަހްޔާން ފައިސަލް އަށެވެ. މި މުބާރާތުގައި ރާއްޖޭގެ ހަތް ކުދިން ވާދަ ކުރި އެވެ.
މިއީ، އޯޓިޒަމް ކުދިންގެ ހުނަރު ދުނިޔެ އަށް ދައްކާލައި، އެ ކުދިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ މުބާރާތެކެވެ.
މި މުބާރާތުގައި ރާއްޖޭގެ ކުދިން ބައިވެރިކުރީ އޯޓިޒަމް އެސޯސިއޭޝަންގެ ދަށުން ހިންގާ މާލޭ އޯޓިޒަމް ސެންޓަރަށް ލިބުނު ދައުވަތެއްގަ އެވެ. އެ އެސޯސިއޭޝަންގެ މޭނޭޖިން ޑިރެކްޓަރު އިފްހާމް ހުސެއިން ވިދާޅުވީ މިއީ ރާޢްޖެއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމަކާއި އުފަލެއް ކަމަށެވެ. އަދި އެކުދިންގެ ހުނަރަށް އާންމުންގެ ފަރާތުން ލިބުނު ތަރުހީބަށް ޝުކުރު ދަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިބާރާތުގެ އިނާމު ދިނުމުގެ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެންބަރު މަހު ހޮންކޮންގުގައި އެވެ. އެ ހަފްލާގައި އާލް ބައިވެރިވާނެ ކަމަށް އިފްހާމް ވިދާޅުވި އެވެ.
މުބާރާތުގައި ދުނިޔޭގެ 22 ގައުމަކުން 105 ކުދިން ވާދަ ކުރި އެވެ. މުބާރާތުން އެއްވަނަ ހޯދީ އެމެރިކާ ކުއްޖެ ކެވެ.