ޕީކޭ: ރާއްޖޭގައި ދައްކާވަރު ފިލްމެއް ނޫން!

ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނުން މިދިޔަ ހޯމަ ދުވަހު މީޑިއާތަކަށް ނޫސް ބަޔާނެއް ފޮނުވިއެވެ. އެ ބަޔާނުގައި ބުނެފައިވަނީ ”މި ހިނގާ ޑިސެމްބަރު މަހުގެ 12 ގައި ރިލީޒް ކުރެވުނު އިނގިރޭސި ފިލްމު (އެކްސޮޑަސް: ގޮޑްސް އެންޑް ކިންގްސް) އަކީ މޫސާގެ ފާނަށް ފުރައްސާރަކޮށް އުފައްދާފައިވާ ފިލްމެއް ކަމަށާއި އެ ފިލްމު ރާއްޖޭގައި ދެއްކުން، ގެންގުޅުން، އެޅުވުން އަދި ބެލުން މަނާ“ ކަމަށެވެ. ކްރިޝް 3 ގައި ކޮންމެވެސް ބަގުވާނެކޭ ކިޔައިގެން ކިޔާ ލަވަޔަކީ މަނާ ލަވައެއްކަން އެ ބިއުރޯއިން އާންމުންނަށް އެންގިއެވެ.

ރަނގަޅު ނިންމުން ތަކެކެވެ. އަހަރެމެންގެ ދީނަށް، ރަސޫލުންނަށް ފުރައްސާރަކުރާ ފިލްމެއް ލަވައެއް ރާއްޖޭގައި ދެއްކިގެން ނުވާނެއެވެ. މުސްލިމުންގެ ގޮތުގައި ތިބެ އެކަން ކުރެވިގެން ނުވާނެއެވެ.

ވާހަކަ ބަދަލުކޮށްލާނަމެވެ. ހޭލާ އިނދެގެން ދެފަހަރަކަށް މަޝްހޫރު، މަގްބޫލް، ސުޕަހިޓް ހިންދީ ފިލްމް ޕީކޭ ބަލައިފީމެވެ. ދެފަހަރަށް ބެލީކީ ކަމުދާތީކީ ނޫނެވެ. ފިލްމުގައި މިވާގޮތެއް ފަހުމް ވޭތޯއެވެ. މިވަނީ ކީއްތޯއެވެ. މުޅި ފިލްމުގައި ދައްކަނީ ކޯއްޗެއްތޯއެވެ.

އާމިރު ޚާން އަކީ ފިލްމުގައި އޭލިއަންއެކެވެ. ދައްކުވައިދެނީ ދުނިޔޭގައި ހިނގާ އެއްވެސް ކަމެއް ނޭނގޭހާލު ދުނިޔެއަށް ހޭނެން މަސައްކަތްކުރާ ތަނެވެ.ދުނިޔެ އަންނަތަނުން ކަރުގައި އޮންނަ ފަށެއް މީހަކު ވަގަށް ނަގަނީއެވެ. ފަށް ހޯދަން އިންޑިއާގައި އޮތިއްޔާ އޮތް ދީނަކަށް ކަލާނގެއަކަށް އަޅުކަން ކުރަނީއެވެ. މިސްކިތަށް އަރާ ސަޖިދަ ކުރާ މަންޒަރަށްފަހު ދެން ދައްކަނީ ފައްޅިއެއްގައި އަޅުކަން ކުރަން ހުއްޓައެވެ. ރާފުޅިތަކެއް ހިފައިގެން މިސްކިތަކާ ދިމާލަށް ދާ މަންޒަރެވެ. ދެން އަންނަ މަންޒަރެއްގައި ދައްކަނީ އެބުނާ ހުރިހަ ކަލާނގެއަކާ އެއްފަހަރާ ވާހަކަދައްކާތަނެވެ. އަޅުކަން ކުރަންވީ ކޮން ފަރާތަކަށްކަން ނޭނގޭ ކަމަށް ބުނެއެވެ. އެބުނާ ކަލާންގެ ތަކަކަށް މަޝްހުނިކޮށްގެން އަޅުކަން ކުރާތަން ދައްކައެވެ. އެ މަންޒަރުތަކުގެ ތެރޭގައި މިސްކިތްތަކުގައި މުސްލިމުންނާއެކު ނަމާދުކުރާ މަންޒަރުވެސް ދައްކައެވެ.

ކްރިސް 3 ގައި ހިންދޫ ކަލާންގެ ތަކާއި އިސްލާމްދީނާ މަސްހުނި ކޮށްގެން ލަވައެއް ކިޔާހެން މި ފިލްމުގައިވެސް ލަވައެއް ކިޔައެވެ.

ނިމުނީކީ ނޫނެވެ. ހުރިހާ ކަމެއް ކުރުމަށްފަހު އާމިރުޚާންގެ އޭލިއަން ސިކުނޑިއަށް ދެން ވިސްނެނީ ހެއްދެވި ފަރާތެއް ވި ނަމަވެސް އެ ފަރާތަކަށް އަޅުކަން ކުރަން މިސްކިތަކަށް ފައްޅިއަކަށް ދާން ނުޖެހޭ ކަމެވެ. އެއްވެސް ދީނެއް ނުވާ ކަމަށެވެ. ދީންތަކަކީ މީހުންގެ ހިތްތަކުގައި ބިރުވެރިކަން އުފެއްދުމަށް ބަޔަކު އަމިއްލައަކަށް ހަދައިގެން އުޅޭ ފަލްސަފާތަކެއް ކަމަށެވެ. އެހިސާބުން ފިލްމުގައި އާމިރުހާން މަސައްކަތްފަށަނީ ދީނެއް މަޒްހަބެއް އަދި އަޅުކަންކުރަންޖެހޭ ފަރާތެއް ނުވާކަން ހާމަކޮށްދިނުމަށެވެ. ފިލްމުގައި ދައްކާ ގޮތުންނަމަ އެކަމުގައި ކާމިޔާބުވެސް ހޯދައެވެ.

މިއީ މިއަދު ބައިސްކޯފުގައްޔާއި ގޭގޭގެ ސިޓިން ރޫމުތަކުގައިވެސް މުޅިއާއިލާ އެކުގައި ބަލަމުން އަންނަ މަޝްހޫރު މަގްބޫލް އަދި ސުޕަހިޓް ޕީކޭގައި ދައްކުވައިދޭ މަންޒަރުތަކެވެ. ފިލްމު މެދުވެރިކޮށް ދޭން ބޭނުންވާ މެސެޖު ސާފެވެ.

ވީއިރު މޫސާގެފާނަށް ފުރައްސާރަކޮށް އުފެއްދާފައިވާ ފިލްމާއި ކްރިޝް 3ގައި ކޮންމެވެސް ބަގުވާނެކޭ ކިޔައިގެން ދައްކާ ލަވަ މަނާކުރާ ބީދައިން ޕީކޭ ދެއްކުންވެސް މަނާކުރަން ޖެހޭ ނޫންހެއްޔެވެ. މި ފިލްމާއި ފިލްމުގައި ދައްކާ ވާހަކަތަކާއި މަންޒަރުތައް ނޭޝަނަލް ބިއުރޯ އޮފް ކްލެސިފިކޭޝަނަށް ފަހުމް ނުވަނީބާއެވެ. ނޫނީ ފަހުމްވާން ބޭނުންނުވަނީ ބާއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޓެގްސް
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *