އަޟްހާ އީދު ފާހަގަ ކުރަން މާލެއާ ހުޅުމާލެ އަދި ވިލިމާލޭގައި ހަރަކާތްތަކެއް ހިންގަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅިުވީ އެހެން އަހަރުތަކެކޭ އެއްގޮތަށް އީދު ފާހަގަ ކުރަން ފަށާނީ ބޮޑު ޖަމާއަތުގައި ކުރާ އީދު ނަމާދުން ކަމަށެވެ. މާލޭގައި އީދު ނަމާދު ބޮޑު ޖަމާއަތުގައި އެކުވެނި ޓްރެކް ދަނޑުގައި ކުރާއިރު ހުޅުމާލޭގައި ކުރާނީ ސެންޓްރަލް ޕާކުގައި އަދި ވިލިމާލޭގައި ކުރާނީ ބޯޅަ ދަނޑުގައި ކަމަށް އަހުސަން ވިދާޅުވި އެވެ.
އަންގާރަ ދުވަހު އިސްލާމިކް މިނިސްޓްރީން އިންތިޒާމު ކުރާ ކުޑަކުދިންގެ ހަވީރު ރަސްފަންނުގަިއ ބޭއްވުމަށް ނިންމާފައިވާއިރު ހުޅުމާލެއާއި ވިލިމާލެ އަދި މާލޭ ހޮސްޕިޓަލްތަކުގައި ތިބި ބަލި މީހުންނަށް އީދު ހަދިޔާ ގެންގޮސްދިނުމަށް ނިންމާފައިވެ އެވެ.
އަހުސަން ވިދާޅުވީ މިއީދުގައި މިނިސްޓްރީން ހިންގަން ނިންމި ހަރަކާތްތަކުގެ ތެރެއިންނުކުރެވުނީ އަޟުހިޔާ ކަތިލުން ކަމަށެވެ. ނަމަވެސް ކުރިޔަށް އޮތް އީދުތަކުގައި އެކަން ކުރެވޭތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.
”އަޅުގަޑުމެން ވަރަށް މަސައްކަތް ކުރިން އަޟުހިޔާ ކަތިލުމުގެ އިންތިޒާމު ހަމަޖައްސަށް. އެކަމަކު ހަމަ ނުވީ މިއަހަރު. ދެން އަންނަ އީދަކު އަޟުހިޔާ ކަތިލަން މަސައްކަތް ކުރާނަން،“ އަހުސަން ވިދާޅުވި އެވެ.
މާލޭގައި ހިންގާ މި ހަރަކާތްތައް ކުރިޔަށް ގެންދަން ނިންމާފައިވަނީ އިސްލާމިކް މިނިސްޓްރީއާއި އަމިއްލަ ޖަމިއްޔާތެއް ގުޅީގެންނެވެ.