އަޟްހާ ޢީދުގެ ކުޅިވަރުތަކަށް ރާއްޖޭގެ އެކި ރަށްރަށުން ތައްޔާރުވަމުން އަންނަމުން ދާއިރު ހދ މަކުނުދޫގައިވެސް ޢީދާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ތައްޔާރު ވަމުން އަންނަ ކަމަށް އެ ރަށު ކައުންސިލުން ހާމަކޮށްފި އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޝާކިރު ވިދާޅުވީ ޢީދާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ނިންމާފައިވާއިރު ޢީދު ބަންދާއި ދިމާކޮށް މިހާރުވެސް އެ ރަށުގައި ފުޓްސަލް މުބާރާތެއް ފެށިގެން ކުރިއަށް ދާ ކަމަށެވެ.

”މިހާރު މި ކުރިއަށްދަނީ ކައުންސިލް ޗެލެންޖްކަޕް 2016، ފުޓްސަލް މުބާރާތް، މި މުބާރާތްވެސް މި އަހަރު ކުރިއަށް މި ގެންދެވެނީ ޢީދު ބަންދާއި ގުޅުވައިގެން، މި މުބާރާތުގައި ޖުމްލަ އަށް ޓީމު ބައިވެރިވާއިރު ސެމީ ފައިނަލް ދެ މެޗް މިއަދު ކުޅެވޭނެ، ފައިނަލް އޮންނާނީ ޢީދު ފުރަތަމަ ދުވަހު“ ކައުންސިލް ރައީސް ވިދާޅުވި އެވެ.
ޢީދުގެ ހަރަކާތްތަކުގެ ތެރެއިން ބޮޑު ޖަމާއަތުގައި ޢީދު ނަމާދު ކުރުމަށް ތައްޔާރުވަމުން އަންނަ ކަމަށްވެސް ކައުންސިލް ރައީސް ވިދާޅުވި އެވެ. މީގެ އިތުރުން މ މުލަކު ބޭފުޅުންގެ ޝަގާފީ ހަރަކާތްތަކާއި އެކި އެކި ތަފާތު ރޭސްތައް ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.
”މި އަހަރު ޢީދު ހަރަކާތްތަށް ރާވާ ހިންގަމުންދަނީ ރަށުގެ ޒުވާނުންގެ ޖަމިއްޔާއިން އިސްނަގައިގެން“ ކައުންސިލް ރައީސް ވިދާޅުވި އެވެ.
އޭނާ އިތުރަށް ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ޢީދާއި ދިމާކޮށް ގިނަ އަދަދެއްގެ ބަޔަކު މަކުނުދޫއަށް ޒިޔާރަތް ކުރާ ކަމަށާއި އެގޮތުން މި އަހަރުވެސް ގިނަ ބަޔަކު އެ ރަށަށް 400 އެއްހާ މީހުން ގޮސްފައިވާކަމަށް ކައުންސިލް ރައީސް ވިދާޅުވި އެވެ.