ހއ. އިހަވަންދޫގައި މިއަހަރުގެ ބޮޑު އީދު ފާހަގަ ކުރުމަށް ބާއްވާ ކުޅިވަރުތަކުގައި ބައިވެރިވުމަށް ރާއްޖެ އައި މަލިކު ޓީމަށް ހަނިމާދޫ ރައްޔިތުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އިހަވަންދޫގައި އީދު ފާހަގަ ކުރުމަށް ބާއްވާ ކުޅިވަރުތަކުގައި މަލިކުގެ ސަގާފީ ކުޅިވަރުތަކާއި ސްޓޭޖު ޝޯއެއް ދޭގޮތަށް ހަމަޖެހިފައިވެ އެވެ.
މިއަދު ހަވީރު މަލިކު ޓީމު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް އައުމުން މަރުހަބާ ކިޔުމުގެ ގޮތުން ހަނިމާދޫ ސްކޫލް ކުދިން ވަނީ ސަގާފީ ހަރަކާތްތަކެއް ކުރިޔަށް ގެންގޮސްފައި އެވެ. އެގޮތުން ބޮޑުބެރުގެ ހަރަކާތްތަކަކާއި ދަނޑި ޖެހުމުގެ ހަރަކާތެއް ކުރިޔަށް ގެންދިޔަ އެވެ.

ހަނިމާދޫ ކައުންސިލާ ސަރުކާރު މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ކުރިޔަށް ގެންދިޔަ އެ ހަރަކާތް އިންތިޒާމް ކުރީ ހަނިމާދޫ ސްކޫލުގެ ފަރާތުންނެވެ.
އީދުގައި މަލިކު ސަގާފަތް އިހަވަންދޫ ރައްޔިތުންނަށާއި އެ ރަށަށް ޒިޔާރަތް ކުރާ ފަރާތްކަށް ދައްކާލުމަށް މަލިކު މީހުން ރާއްޖެ ގެނައީ އިހަވަންދޫ މަސްވެރިންގެ ގުޅުން ޖަމިއްޔާ (އިމަގު) ގެ ފަރާތުންނެވެ.