އީދު ބަންދާއިއެކު މާލޭގައި ދިރިއުޅެމުންދާ ރައްޔިތުން އަތޮޅުތެރެއާއި ރާއްޖޭން ބޭރަށް ފުރަނީއެވެ. މާރުކޭޓްގެ ގޮޅިތަކަށް ވިޔަފާރިކުރަންދާ މީހުންވެސް ދަނީ މަދުވަމުންނެވެ. އެހެންނަމަވެސް ޚާއްސަކޮށް ދިވެހިން ގަންނަ ބައެއްތަކެތީގެ އަގުވަނީ ރަނަށް އަރާފައެވެ. ދިވެހި ހާލެއްގެ އަގު އުޅެނީ 700 ރ އަށެވެ. ދެލީޓަރުގެ ދިވެހި ހަކުރުފުޅިއެއް 800 ރ އަށެވެ.
“ ކުރިން ދިވެހި ހަކުރުވިއްކީ 450 ރ އާއި 500 ރ އާއި ދޭތެރޭ، އެކަމަކު މިހާރު 800 ރ އަށް“ ދިވެހި ހަކުރު ވިއްކާ ގޮޅީގައި އިން ބިދޭސީ ވިޔަފާރިވެރިޔާ ބުންޏެވެ. މުޅި މާރުކޭޓަށް ބަލާލުމުން ވެސް ދިވެހި ހަކުރު މަދުކަން ފާހަގަކުރެވެއެވެ. ވިއްކަން ހުރީ މަދު ގޮޅިތަކެއްގައެވެ. ދެ ލީޓަރު ފުޅި 800 ރ އަށް ހުރި ނަމަވެސް ފޯސްޓަރކްލާކް ޖޫސް ހުސްކުރިފުޅިއެއްގެ ހަކުރު ވިއްކަންހުރީ 300 ރ އާއި 400 ރުފިޔާ އާއި ދޭތެރެއެވެ. އެއީކުރިން ގާތްގަނޑަކަށް 250 ރ އަށް ވިއްކި ފުޅި ފުޅި އެވެ.
“ މިހާރު ވަރަށްމަދުން ދިވެހި ހަކުރު ލިބެނީ. އާދޭސްކޮށްގެން ހަކުރުކޮޅެއް ހޯދަންމިޖެހެނީ“ މާރުކޭޓްގައި ހުރި ގޮޅިއެއް ހިންގާ ދެކުނުގެ ރަށަކަށް ނިސްބަތްވާ މީހަކު ބުންޏެވެ.
އާއްމުކޮށް ކޮންމެ އީދަކާ ދިމާކޮށް ދިވެހި ކުކުޅު ބާޒާރަށް ގެނެއެވެ. އެގޮތުން މިއަދު ހެނދުނު މާރުކޭޓް ގޮޅިތައް ކައިރީގައި ކުކުޅު ވިއްކަން ހުރި މީހަކު ބުނީ އޭނާ ބ. އަތޮޅު ފަޅު ރަށެއްގައު ގެންގުޅޭ ދިވެހި ހާތަކަށް ގެނެސް ވިއްކަމުންދާ ކަމަށެވެ.

“ އެގާރަ ހާ އެބަހުރި ވިއްކަން ގެނެސްފައި. އަދި އެއްވެސް އެއްޗެއް ނުވިކޭ“ މިއަދު ހެނދުނުއްސުރެ ހާތައް ވިއްކަން ހުރި މީހާ ބުންޏެވެ.

އީދު ދުވަހު ދިވެހި ކުކުޅު ކަތިލުމަކީ ދިވެހިން ޒަމާނުއްސުރެ ކުރަމުން އަންނަ ކަމެކެވެ.