ރާއްޖޭގެ ކޮރަޕްޝަނާއި ގުޅޭގޮތުން އަލްޖަޒީރާއިން ދެއްކި ”ސްޓީލިންގ ޕެރެޑައިސް“ ގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާއި ގުޅޭގޮތުން ހުރި ވާހަކަރައް އެ އިދާރާއިން ދޮގުކޮށްފި އެވެ.
އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ވަނީ ރާއްޖޭގައި މަނީ ލޯންޑަރިންގެ ހަރަކާތެއްގައި އެމްއެމްއޭއިން ބައިވެރިވި ކަމަށް ތުހުމަތުކޮށްފައި އެވެ.
އެގޮތުން މެލޭޝިއާގެ ވިޔަފާރިވެރިއަކު، ގިނަ އަދަދެއްގެ ނަގުދު ފައިސާ ލޯންޑާ ކުރުމަށް ރާއްޖޭގެ މަރުކަޒީ ބޭންކު ބޭނުން ކުރެވޭނެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް ބުނެ އެވެ. އެ ވިޔަފާރިވެރިއާއާ ގުޅުން ހުރި އިންޑޮނޭޝިއާ އަދި ސިންގަޕޫރުގެ އެހެން ވިޔަފާރިވެރިއަކު، ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާ ގުޅިގެން 1.5 ބިލިއަން ޑޮލަރުގެ އިންވެސްޓްމެންޓެއްގެ ނަމުގައި ރާއްޖެއަށް ކަޅު ފައިސާ ވެއްދުމަށް ފަހު އެމްއެމްއޭ މެދުވެރިކޮށް ދޮވުމުގެ ރޭވުންތައް ރާވާފައި ވެ އެވެ.
އަދި އަދީބާއި އެމްއެމްއޭގެ ގަވަރުނަރާ ދެމެދު ބަދަލުކުރެވިފައިވާ މެސެޖުތަކެއް ވެސް ޑޮކިއުމެންޓްރީގައި ދައްކަ އެވެ.
މި ތުހުމަތުތަކާއި ގުޅިގެން އެމްއެމްއޭއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އަލްޖަޒީރާއިން ނެރެފައިވާ ޑޮކިއުމެންޓްރީގައި އެ އިދާރާއާއި ގުޅޭގޮތުން ކޮށްފައިވަނީ އެއްވެސް އަސާސެއް ނެތް ތުހުމަތުތަކެއް ކަމަށެވެ. އަދި އެބުނާ 1.5 ބިލިއަން ޑޮލަރު އެމްއެމްއޭއަށް ވަދެފައިނުވާކަމަށް ބަޔާނުގައި ވެ އެވެ.
އެ އިދާރާއިން ބުނީ ދައުލަތުގެ ހަޒާނާއަށް ފައިސާ ވައްދާ އަދި ނެރެނީ ހަތަރު ވުޒާރާއެއްގެ ބޭފުޅުންގެ ހާޒިރުގައި ކަމަށެވެ.
އެމްއެމްއޭއިން ބުނެފައިވަނީ އެ އިދާރާއިން މަނީ ލޯންޑަރިން ކުރާކަމަށް ކޮށްފައިވާ ތުހުމަތު ގައިވެސް އެއްވެސް އަސާސެއް ނެތް ކަމަށެވެ. އަދި އެ ރިޕޯޓަށް ކޮމެންޓު ހޯދަން އެމްއެމްއޭއަށާއި ގަވަރުނަރު އަޒީމާ އާދަމްއަށް ގުޅި ކަމަށް ބުނެފަިއި ވީނަމަވެސް އެ ފަރާތްތަކުގެ ކޮމެންޓަކަށް އަލްޖަޒީރާއިން ނޭދޭ ކަމަށެވެ.
”މި އޮތޯރިޓީން ބޭންކިންގެ ހިދުމަތް ފޯރުކޮށްދެނީ ސަރުކާރަށާއި މާލީ އިދާރާތަކަށް އެކަންޏެވެ. އަލްޖަޒީރާގެ ރިޕޯޓުގައި ބާޔާންކޮށްފައިވާ މުއާމަލާތެއް މި އޮތޯރިޓީ މެދުވެރިކޮށް ހިންގާފައެއް ނުވާނެ އެވެ. އަދި އެ ރިޕޯޓުގައި ބުނެފައިވާ 1.5 ބިލަން ޑޮލަރުގެ ފައިސާ އެ އިދާރާއަށް ވަދެފައިނުވާ ކަމަށެވެ،“ އެމްއެމްއޭއިން ނެރެފައިވާ ބަޔާނުގައި ވެ އެވެ
އަލްޖަޒީރާގެ ޑޮކިއުމެންޓްރީގައި ރާޢްޖޭގެ ކޮރަޕްޝަނާއި ގުޅޭގޮތުން ގިނަ ތުހުމަތުތަކެއް ކޮށްފައިވެ އެވެ. އެ ޑޮކިއުމެންޓްރީ އާއި ގުޅިގެން ކަމާ ބެހޭ ގިނަ މުއައްސަސާތަކަކުން ދަނީ އެ ޑޮކިއުމެންޓްރީގައި ހުރި ވާހަކަތައް ދޮގު ކުރަމުންނެވެ.