ގާނޫނާއި ގަވައިދާ ހިލާފަށްމަގުމަތީ ހިނގާ ކަންކަން ރިޕޯޓު ކުރެވޭ މޮބައިލް އެޕްލިކޭޝަންއެއް ”ފަސޭހަ މަގު“ ގެ ނަމުގައި ތައާރަފުކޮށްފި އެވެ.
ހައުސިންގ މިނިސްޓްރީން ބުނީ މި އެޕް މިރެއިން ފެށިގެން އެޕަލް ސްޓޯރުންނާއި ގޫގުލް ޕްލޭ ސްޓޯރުން ޑައުންލޯޑު ކުރެވޭނެ ކަމަށެވެ. މި އެޕް މެދުވެރިކޮށް މަގުމަތީގެ ކަންކަން ބެލުމުގެ އިތުރުން ހައުސިންގ މިނިސްޓްރީން ދޭ ބައެއް ހިދުމަތްތަކާއި ބެހޭ މައުލޫމާތު ލިބެ އެވެ.

އެގޮތުން އެ އެޕް މެދުވެރިކޮށް ފޮޓޯ އާއި އެކު މަގުމަތީ ހިނގާ ގާނޫނާއި ހިލާފު ކަންކަން ރިޕޯޓު ކުރެވޭނެ އެވެ. މާލޭގައި ބަންދު ކުރެވޭ މަގުތައް މާލޭގެ މެޕަކުން ދައްކައިދެ އެވެ.
އަދި ހައުސިންގ މިނިސްޓްރީން ރާއްޖޭގައި ހިންގާ މަޝްރޫއުތަކާ ބެހޭ މައުލޫމާތާއި މަގުމަތީގައި ބަހައްޓާ ބޯޑުތަކާ ބެހޭ މައުލޫމާތުގެ އިތުރުން ހައުސިންގް މިނިސްޓްރީގެ މަސައްކަތްތަކުގައި ވޮލަންޓިއާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތަށް އެޕް މެދުވެރިކޮށް އެދެވެ އެވެ.
ދިވެހިރާއްޖޭގެ އަޑުގައި ބޭއްވި ރަސްމިއްޔާތެއްގައި މި އެޕްލިކޭޝަން ތައާރަފު ކޮށްދެއްވީ ހައުސިންގ މިނިސްޓަރު ޑރ މުހައްމަދު މުއިޒެވެ. މި އެޕް ޑިވެލޮޕްކޮށްފައިވަނީ އަހުމަދު ނަދީމެވެ.