ސިވިލް ޑިފެންސްގެ ދެ އޮފިސަރަކު ހާލުދެރަވެފައިވާ ޙައްޖާޖީ އަކަށް ފަރުވާ ދިނުމަށްޓަކައި ގެންދަނީ- ފޮޓޯ: އަރަބި ނޫސް
ސިވިލް ޑިފެންސްގެ ދެ އޮފިސަރަކު ހާލުދެރަވެފައިވާ ޙައްޖާޖީ އަކަށް ފަރުވާ ދިނުމަށްޓަކައި ގެންދަނީ- ފޮޓޯ: އަރަބި ނޫސް

ހޫނު ގަދަކަމުން މާބޮޑަށް ވަރުދެރަވެގެން 170 ޙައްޖާޖީންނަށް ފަރުވާދެނީ

ރިޔާދް- މައްކާގައި މިދުވަސްކޮޅު މާބޮޑަށް ހޫނު ގަދަވުމުގެ ސަބަބުން، މިދިޔަ ހުކުރު ދުވަހު، ހުކުރު ނަމާދަށްފަހު 170 ޙައްޖާޖީންނާއި އަޅުކަން ކުރުމަށް ދެންވެސް ދިޔަ އެހެން ބަޔަކުވަނީ، މާބޮޑަށް ވަރުދެރަވުމުގެ ސަބަބުން އަނބުރައިގަނެގެން ވެއްޓިފައެވެ. އަދި އެ މީހުންނަށް ފަރުވާ ދިނުމަށް ބައެއް އޮފިސަރުން ވަނީ އެހީތެރިވެދީފައެވެ.

މައްކާގެ ސިވިލް ޑިފެންސް ގެ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޢަބްދުލް ޢަޒީޒު ޢަރަބި ނޫހަކަށް މަޢުލޫމާތު ދީފައިވާ ގޮތުގައި، ޙާލު ދެރަ ވެގެންނާއި އަނބުރާގަނެގެން ވެއްޓިފައިވާ މީހުންގެ ތެރެއިން ގިނައީ އުމުރުން ދުވަސްވެފައިވާ މީހުންނެވެ. އެ އެންމެންނަށް ވެސް ސިވިލް ޑިފެންސް ގެ ޓީމުން ވަނީ އިމަޖެންސީކޮށް ފަރުވާދީ ސައުދީ ރެޑް ކްރެސްންޓާއި ގުޅިގެން އެންމެ ކައިރީގައި ހުރި ސިއްޙީ ފަރުވާދޭ މަރުކަޒަކަށް އިތުރު ފަރުވާއަށްޓަކައި ފޮނުވާފައެވެ.

ބްރިގޭޑިއަރ އަހަމަދު ބުނި ގޮތުގައި މިވަގުތު އޭނާ އެންމެ ކަންބޮޑުވަނީ ޢަރަފާތު ދުވަސް ކައިރިވާ އިރު ތިބި ސިވިލް ޑިފެންސް  ފޯސްގެ އޮފިސަރުން މަދުކަމުންނެވެ. ޢަރަފާތު ދުވަހުގައި ޙައްޖުގެ މާތް އަޅުކަން ކުރުމަށްޓަކައި މާގިނަ މީހުން އެއްފަހަރާ އެއްވާނެ ކަމަށާއި، އެހެންކަމުން މިފަދަ ހޫނު ގަދަ މޫސުމެއްގައި ދިމާވެދާނެ ސިއްޙީ ނުރައްކަލަކަށް ތައްޔާރުވެ ތިބެން ބޭނުންވާކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ކަޢުބަތުﷲ ގެފުޅު ކައިރީގައި މިހާރުވެސް މިފަދަ ކުއްލި ޙާލަތްތަކަށް، ސިވިލް ޑިފެންސްގައި މިވަގުތު ތިބި އޮފިސްރުން ތިބީ ތައްޔާރު ވެގެނެވެ. އެގޮތުން އެމްބިއުލޭންސް ތަކަކާއި ފަރުވާ ދިނުމަށް ބޭނުންވާނެ އެހެނިހެން ތަކެތި ވެސް ތައްޔާރުކޮށްފައިވެ އެވެ. ބްރިގޭޑިއަރ އަހްމަދު ބުނިގޮތުގައި ސިވިލް ޑިފެންސްގެ ޓީމު ބަހާލެވިފައިވަނީ މިސްކިތަށް ވަންނަން ހުންނަ ދޮރު ކައިރި އަށާއި ކަޢުބަތުﷲ ގެފުޅު ކައިރިއަށެވެ.

”ފީލްޑް ޓީމު ވެސް މިވަގުތު ތިބީ ޙައްޖުގެ މަތިވެރި އަޅުކަން ކުރަމުންދާ ވަގުތު ދިމާވެދާނެ ކުއްލި ޙާލަތަކަށް، ތައްޔާރު ކުރެވިފައި. ހަމަ ވަގުތުން ވަގުތަށް މުޢާލަމާތް ކުރެވޭނެ ގޮތަށް އެންމެންވެސް ތިބޭނީ“ ބްރިގޭޑިއަރ އަޙްމަދު ވިދާޅުވިއެވެ. މީގެ އިތުރުން ކުއްލި ޙާލަތެއް ދިމާވެއްޖެ ނަމަ ސިވިލް ޑިފެންސް ގެ ބައެއް އޮފިސަރުންނަށް، ސައިކަލެއްގައި އެއްވެ ތިބި މީހުންގެ ތެރެއަށް ދެވޭނެފަދަ އިންތިޒާމްވެސް ހަމަޖެހިފައިވާ ކަމަށް ބްރިގޭޑިއަރ ވިދާޅުވިއެވެ.

މީގެ ިއތުރުން މިފަދަ ކުއްލި ޙާލަތެއް ދިމާވެއްޖެނަމަ ބޭނުންވާނެ އިތުރު ސިއްޙީ އިކުޕްމެންޓް ހޯދާދިނުމަށް ސައުދީ މިނިސްޓްރީ އޮފް ހެލްތު އާއި ސައުދީ ރެޑް ކްރެސެންޓާއި ވާހަކަ ދެކެވިފައިވެއެވެ. މިގޮތުން ސިވިލް ޑިފެންސް ފޯސް ގެ މޭޖަރ ޖެނެރަލް އަލީ ބިން އަތަﷲ އަލްއޮތައިބީ ވަނީ ސައުދީ މިނިސްޓްރީ އޮފް ހެލްތާއި ސައުދީ ރެޑް ކްރެސްންޓް ގެ ރިޕްރެސެންޓޭޓިވުންނާއި ބައްދަލުކޮށް އިތުރަށް ސިއްޙީ އެހީ ފޯރު ކޮށްދިނުމަށް އެދި ވާހަކަ ދައްކާފައެވެ.

ޙައްޖާޖީންނަށް އިތުރު ސިއްޙީ ފަރުވާ ދިނުމަށް ރޭވިފައިވާ ގޮތާއި ބެހޭ ގޮތުން ސިވިލް ޑިފެންސް ގެ ލުޓޭނެންޓް ޖެނެރަލް ސުލޭމާން އަލްއަމްރު ވަނީ މައްކާގެ ގަވާނަރ އަމީރު ޚާލިދު އަލް ފައިސަލް އާއި ވާހަކަ ދައްކާފައެވެ. ލެޓޭނެންޓް ޖެނެރަލް ސުލޭމާން ވިދާޅުވީ އިތުރު 17،000 އޮފިސަރުންގެ އެހީތެރިކަމާއި 3،000 ވެހިކަލް ޙައްޖާޖީންގެ ސަލާމަތާއި ރައްކާތެރި ކަމަށާއި އަދި ދިމާވެދާނެ ކުއްލި ޙާލަތްތަކަށް ޚިދްމަތް ކޮށްދިނުމަށް ބޭނުންވާ ކަމަށެވެ.

އަމީރު ޚާލިދު އަލް ފައިސަލް އަކީ މައްކާގެ ގަވާނަރ ގެ އިތުރުން ސެންޓްރަލް ޙައްޖު ކޮމިޓީގެ ޗެއަރމަން ވެސްމެއެވެ.

ހިއްސާ ކުރައްވާ!
ހިއްސާ ކުރައްވާ!
ޚިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *