ގ. އެސްބަރިގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާއި ގުޅިގެން ހާލުގައި ޖެހުނު 14 މީހަކަށް ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރުން ބޯހިޔާވަހި ފޯރުކޮށްދެމުންދާކަމަށް އެ ސެންޓަރުން ބުނެފި އެވެ.
އެސްބަރި ގޭގައި ރޭ ހިނގި އަލިފާނުގެ ހާދިސާގައި އެގެ އެއްކޮށް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާއިރު ޖެހިގެން ހުރި ގ. އަސޭނާ އައި ގ. މެމޮރީ ވިލާއަށްވެސް އަލިފާން ގަނޑު ފެތުރި އެ ގެތަކަށްވެސް ގެއްލުން ވެފައިވެ އެވެ.
ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރުގެ ޕްރޮޖެކްޓް ޑިރެކްޓަރު ހިސާން ހަސަން ވިދާޅުވީ ހާލުގައި ޖެހުނު މީހުން ތިބުމުގެ އިންތިޒާމް ހަމަޖައްސާފައިވަނީ ކޮރެލް ހޮޓެލުގައި ކަމަށެވެ އަދި ކެއުމާއި އިތުރު އަސާސީ ބޭނުންތައް ހަމަޖައްސަމުން ދަނީ އެ ސެންޓަރުން ކަމަށެވެ.
ހިސާން ވިދާޅުވީ ވަގުތީ ހިޔާގައި ތިބި މީހުންގެ ތެރޭގައި ހަތަރު ކުޑަކުދިން ހިމެނޭތީ އެކުދިންގެ ސްކޫލް ފޮތްތައް ހޯދުމަށް އެޑިއުކޭޝަން މިނިސްޓްރީ އާއި ގުޅިގެން މަސައްކަތް ކުރެވެމުންދާކަމަށެވެ. އޭނާ ވިދާޅުވީ އަންނައުނު ހޯދައިދިނުމަށްވެސް މަސައްކަތް ކުރަމުންދާކަމަށެވެ.
މީގެ އިތުރުން އެ ސެންޓަރުން ދަނީ ރޭ ހިނގި އަލިފާނުގެ ހާދިސާގައި ލިބުނު ގެއްލުންތައް ދިރާސާކުރަމުން ނެވެ. ބެލެވޭ ގޮތުގައި އެ ހާދިސާ ހިނގާފައިވަނީ ކަރަންޓު ޝޯޓަކުންނެވެ.
ގުދުރަތީ ހާދިސާތަކުން ލިބޭ ގެއްލުން ދިރާސާ ކުރުމަށް ފަހު އަލުން ދިރިއުޅުން އާބާދު ކުރުމަށް ލިބުނު ގެއްލުމުގެ 60 ޕަސެންޓު ސަރުކާރުން ދޭނެ އެވެ. އަދި މިހާރު ބާކީ 40 ޕަސެންޓު ބީއެމްއެލްއިން ދޫކުރާ ލޯނުގެ ގޮތުގައި ހަމަޖެއްސުމަށް ބީއެމްއެލްއާއި ޑިޒާސްޓާ އާއި ދެމެދު ވަނީ އެއްބަސްވެފައި އެވެ. ނަމަވެސް އެ ލޯނު ދޫކުރާނީ އެކަމަށް އެދޭ ފަރާތްތަކަށެވެ.
ރޭ 09:40 އެހާއިރު ރޯވި އަލިފާންގަނޑު ނިއްވާލެވުނީ ގަޑިއެއްހާއިރު ފަހުންނެވެ.