މިއަދު އަލްޖަޒީރާއިން ދެއްކި އިންވެސްޓިގޭޓިވް ރިޕޯޓް ”ސްޓީލިންގް ޕެރަޑައިސް“ ގައި ދެއްކި ހުރިހާ ވާހަކައެއް ދޮގު ނުކުރާ ކަމަށާއި ނަމަވެސް ރައީސް ޔާމީންއާއި ބެހޭގޮތުން ގެނެސްދީފައިހުރީ ދޮގު ވާހަކަތަކެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް އަލީ ވިދާޅުވެއްޖެ އެވެ.
ދުވަހަށް މައުލޫމާތު ދެއްވަމުން މުއާޒް ވިދާޅުވީ ރައީސް ޔާމީންއާއި ބެހޭގޮތުން އެ ރިޕޯޓްގައި ހިމަނާފައިވަނީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމަށެވެ.
”ރާއްޖޭއިން ފިލައިގެން އިންޓަނޭޝަނަލް ރެޑް ނޯޓިސް ނެރެފައި ތިބި ބަޔަކު މި ވާހަކަތައް މި ދައްކަނީ، އެ ރިޕޯޓްގަ އެއްވެސް ކަހަލަ ހެއްކެއް ގަރީނާއެއް ދެއްކިފައި ނެތް“ މުއާޒް ވިދާޅުވި އެވެ.
އަލްޖަޒީރާގެ އިންވެސްޓިގޭޓިވް ރިޕޯޓް މިއަދު އެންމެ ފުރަތަމަ އާއްމު ކުރީ އެ ޓީވީގެ ޔޫޓިއުބް ޗެނަލްގަ އެވެ. މިއަދު ހަވީރު ރާއްޖޭ ގަޑިން 5:00 ގައި އެ ޕްރޮގްރާމް އަލްޖަޒީރާ ޓީވީންވެސް ދައްކާފައި ވެ އެވެ.